މަރުތަކުގެ ހަގީގަތް ހޯދުމުގައި އެހީވެދޭން އުގެއިލް ތައްޔާރު

އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އާއި ބްލޮގާ ޔާމީން ރަޝީދުގެ އިތުރުން ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލަ ތަހުގީގުކޮށް، އެކަން ކުރި ބައެއް ހޯދުމުގައި އެހީތެރިވެދިނުމަށް ތައްޔާރަށް ހުންނެވި ކަމަށް ދިވެހި ސައިންސްވެރިޔާ ޕްރޮފެސަރު ހަސަން އުގައިލް މިއަދު ވިދާޅުވެއްޖެ އެވެ.


އުގައިލް ވަނީ "ފޭސް ރިކޮގްނިޝަން ސިސްޓަމް"އެއް އީޖާދުކޮށްފަ އެވެ. އޭގެ އެހީގައި އޭނާ ގެންދަވަނީ މީހުން ދެނެގަތުމުގެ ބޮޑެތި ތަހުގީގުތަކަށް އެހީތެރި ވަމުންނެވެ. އެ ގޮތުން އިނގިރޭސި ވިލާތުގައި މަސައްކަތްކުރި ރަޝިޔާގެ ޖާސޫސް، ސާގީ ސްކްރިޕަލް އާއި އޭނާގެ 33 އަހަރުގެ އަންހެން ދަރިފުޅު، ޔޫލިއާ ސްކްރިޕަލް މަރާލަން، ޒަހަރު ދިން ކަމަށް ތުހުމަތު ކުރެވޭ މީހާގެ އަސްލު މިހާރު ވަނީ ހޯދިފަ އެވެ.

އިނގިރޭސި ވިލާތުގައި ދިރިއުޅެމުން އަންނަ އުގައިލް "މިހާރު" އަށް ވިދާޅުވި ގޮތުގައި، ރާއްޖޭގައި ހިންގާފައިވާ ބޮޑެތި ކުށްތައް ތަހުގީގު ކުރުމަށް އެކަމާ ގުޅޭ ސީސީޓީވީ ފުޓޭޖްތައް ފުލުހުންގެ އަތުގައި ހުރި އިރު އެ ފުޓޭޖްތައް ބަލައި ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދޭން އޭނާ ހުންނެވީ ތައްޔާރަށެވެ.

މޫނުން އަސަރު ދެނެގަންނަ ސޮފްޓުވެއާ އުގެއިލް ދައްކާލަނީ-- ފޮޓޯ: އުގެއިލް ސޯޝަލް މީޑިއާ

"ފޭސް ރިކޮގްނިޝަން ބޭނުންކޮށްގެން އެ ފުޓޭޖްތަކުން އެ ފެންނަ މީހުން ދެނެގަނެވޭނެ. ކަމާ ގުޅުން ހުރި ކަމަށް ބެލެވޭ މީހުންނާއި އެ ނޫން މީހުން ދެނެގަނެވޭނެ. އެ މީހުން ސިފަ ބަދަލު ކުރުމަށް އިސްތަށިގަނޑެއް ޖަހައި ނުވަތަ އެ ނޫން ވެސް ބަދަލުތަކެއް ގެނެސްފައި ހުރި ނަމަވެސް އެއީ ކޮން ބައެއްކަން އަޅުގަނޑުމެންނަށް ދެނެގަނެވޭނެ. އެކަން ކޮށްދޭން އަޅުގަނޑު މިހިރީ،" އުގެއިލް ވިދާޅުވި އެވެ.

ޑރ. އަފްރާޝީމް، 2012 ވަނަ އަހަރު އަނިޔާވެރި ގޮތަކަށް މަރާލާފައިވާ އިރު އެ މައްސަލައިގެ ހަގީގަތް އަދިވެސް ފުލުހުންނަކަށް ނުހޯދެ އެވެ. މައްސަލައިގެ ތުހުމަތައް ހުސައިން ހުމާމް ހައްޔަރުކޮށް މަރަން ހުކުމް ކުރި ނަމަވެސް، އޭނާ އެކަން ކުރީ ކޮން ބަޔަކު ބުނެގެން ކޮން މަގުސަދެއްގައި ކަމެއް އަދިވެސް ނުހޯދެ އެވެ.

މީގެ ހަތަރު އަހަރު ކުރިން ގެއްލުނު ނޫސްވެރިޔާ ރިލްވާންގެ މައްސަލައިގައި ތުހުމަތު ކުރެވޭ ބައެއް މީހުން ހައްޔަރު ކުރި ނަމަވެސް އޭނާ ގެއްލުވައިލީ ކޮން ބައެއް ކިހިނެއް އަދި ކޮން މަގުސަދެއްގައި ކަން އަދިވެސް ފުލުހުންނަށް ނުބުނެދެ އެވެ.

އަދި 2017 ވަނަ އަހަރު މަރާލާފައިވާ ޔާމީން ރަޝީދުގެ މަރުގެ ތަހުގީގު ވެސް އެއްކޮށް ފުރިހަމަ ނުވާ ކަމަށް އާއިލާ އިން ބުނެ އެވެ. އެ މައްސަލައިގައި އެހީތެރިވުމަށް އުގެއިލް ކުރިން ހުށަހެޅުމުން ފުލުހުން ވަނީ އެކަން ގަބޫލު ނުކުރަން ނިންމާފަ އެވެ.

އެކި ގައުމުތަކުގެ ފުލުހުންނާއި އިންވެސްޓިގޭޝަން ދާއިރާގެ ޕްރައިވެޓް ކުންފުނިތަކާ އެކު ގިނަ މަސައްކަތްތަކެއް ކުރައްވާ އުގެއިލް ވިދާޅުވީ އެ މައްސަލަތަކުގެ ތަހުގީގަށް ބޭނުންވާ އެހެނިހެން އެހީތެރިކަން ވެސް ހިލޭ ފޯރުކޮށްދޭން ތައްޔާރަށް ހުންނެވި ކަމަށެވެ. އެގޮތުން އިނގިރޭސި ވިލާތާއި ދުބާއީ ފުލުހުންގެ އެހީތެރިކަން ހޯދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރިލްވާނަށް އިންސާފް ހޯދައިދިނުމަށް އެދި ބޭއްވި ހިނގާލުމެއްގެ ކުރީގައި ޔާމީން ރަޝީދު ބޯޑެއް ހިފައިގެން-- ފޮޓޯ: މިހާރު

"މީގެ ކުރިން ވެސް ވަރަށް ރަނގަޅު ޕެކޭޖެއް [ފުލުހުންނަށް] ހުށަހެޅިން. އަޅުގަނޑުމެންގެ މީހަކު ރާއްޖެ ފޮނުވައިދޭން މައްސަލައިގެ ތަހުގީގަށް އެހީތެރިވުމަށް،" އުގެއިލް ވިދާޅުވި އެވެ.

އުގެއިލް ވިދާޅުވީ އެ މައްސަލަތައް މިހާރު އޮތް ހިސާބުން ދިވެހިންނަށް ހިތްހަމަ ޖެހުމެއް ލިބެން އޮތީ މިނިވަން ތަހުގީގެއް ކުރަން ފުރުސަތު ދީގެން ކަމަށެވެ. އެކަމަށް އޭނާ އެއްބާރުލުން ދެއްވާނެ ކަމަށް ތަކުރާރުކޮށް އުގެއިލް ވިދާޅުވި އެވެ.

ޑރ. އަފްރާޝީމާއި ޔާމީން ރަޝީދުގެ މަރުގެ ހަގީގަތާއި ރިލްވާން ގެއްލުވައިލި މައްސަލައިގެ ހަގީގަތް ހޯދައިދެއްވާނެ ކަމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވައުދުވެވަޑައިގެންފަ އެވެ.