އިސްލާހާ އެކު އެންޓި ޑިފެކްޝަން ގާނޫނު އޮންނަން ޖެހޭ: ސަލީމް

ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެމްބަރަކު، އެ ބޭފުޅަކު އިންތިޚާބުވި ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ ނުވަތަ އެހެން ޕާޓީ އަކަށް ބަދަލުވެއްޖެ ނަމަ، މަޖިލީހުގެ މެމްބަރުކަމުން ވަކިވާ ގޮތަށް ހެދި އެންޓި ޑިފެކްޝަން ގާނޫނު އުވައިލުމުގެ ބަދަލުގައި އިސްލާހުތަކެއް ގެނެސްގެން އެ ގާނޫނު ވުޖޫދުގައި އޮންނަން ޖެހޭނެ ކަމަށް އޭދަފުށީ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެ އެވެ.


ވެރިކަން ކުރާ ޕާޓީ ޕީޕީއެމުން އިސްވެ މަޖިލިހުން ފާސް ކުރި އެންޓި ޑިފެކްޝަން ގާނޫނު އުވައިލުމަށް މިދިޔަ ބުދަ ދުވަހު ހުށަހެޅުއްވީ ވިލުފުށީ ދާއިރާގެ އެ ޕާޓީގެ މެމްބަރު ރިޔާޒް ރަޝީދެވެ. ގާނޫނު އުވައިލުމަށް ރިޔާޒް ހުށަހެޅުއްވިއިރު، އޭނާ އާއި ޕީޕީއެމްގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީން އަދި އެ ޕާޓީގެ ލީޑަޝިޕާ މެދު ވަނީ ހިޔާލު ތަފާތުވެފަ އެވެ.

"މިހާރު" އާ ވާހަކަ ދައްކަވަމުން ސަލީމް ރޭ ވިދާޅުވީ ޕާޓީއެއްގެ ލީޑަރަކަށް ހުންނަވާ ބޭފުޅަކު ބޭނުން ނުވާ ގޮތަށް ކަމެއް ކުރުމުގެ ސަބަބުން ސުލޫކީ ފިޔަވަޅު އަޅައިގެން، މަޖިލީހުގެ މެމްބަރަކު ފަސޭހަކަމާ އެކު ކަނޑާލެވޭ ނިޒާމެއް އޮތުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށެވެ. އަދި، އެންޓި ޑިފެކްޝަން ގާނޫނު އުވައިލުމުގެ ބަދަލުގައި ހަރުދަނާ އިސްލާހުތަކެއް ގެނައުމަކީ މުހިންމު ކަމެއް ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ.

މި އަހަރުގެ މާޗް މަހު އަމަލުކުރަން ފެށި އެންޓި ޑިފެކްޝަން ގާނޫނުގައިވާ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ ހާލަތްތަކުގެ ތެރޭގައި އެ މެމްބަރަކު ނިސްބަތްވާ ޕާޓީން ސުލޫކީ ފިޔަވަޅު އެޅުން ވެސް ހިމެނެ އެވެ. އަދި ޕާޓީގެ ވިޕްލައިނާ ހިލާފުވުމަކީ ވެސް މަޖިލީހުގެ ގޮނޑި ގެއްލޭނެ ހާލަތެއް ކަމަށް އެ ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ.

ސަލީމް ވިދާޅުވީ، ޕާޓީގެ ލީޑަޝިޕާ މެދު ނުވަތަ ޕާޓީގެ ލީޑަރާ ހިޔާލު ތަފާތުވުމުން ވެސް މެމްބަރަކާ މެދު ސުލޫކީ ފިޔަވަޅު އަޅާނެ ހާލަތްތައް މެދުވެރިވެދާނެތީ، އެއީ މެމްބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ގާނޫނުގައި ބަޔާން ކޮށްފައިވާ ބައިތައް ގާނޫނުން އިސްލާހު ކުރަންޖެހޭ ކަމަށެވެ.

"އަޅުގަނޑު ވެސް އެއްބަސް ޕާޓީ ބަދަލުކޮށްފި ނަމަ އެ މެމްބަރަކު ގޮނޑި ގެއްލެން ވާނެ. އެކަމާ ދެބަސްވުމެއް ނެތް. އެކަމަކު ޕާޓީގެ ލީޑަރާ މެދު ހިޔާލު ތަފާތުވާ ހާލަތްތަކުގައި ޑިސިޕްލިނަރީ ފިޔަވަޅު އަޅައި މެމްބަރެއްގެ ގޮނޑި ގެއްލުވައިލުމަކީ ހަމަޖެހޭ ގޮތެއް ނޫން. އެފަދަ ހާލަތްތަކުގައި ގޮތެއް ނިންމަން ޖެހޭނީ އެ މެމްބަރަކު އިންތިޚާބުކުރާ ދާއިރާގެ މެމްބަރުންގެ ވޯޓަކުން. ދާއިރާގެ ރައްޔިތުން، އެ މެމްބަރަކު ގޮނޑީގައި ބައިންދަން ބޭނުން ނޫނިއްޔާ ވޯޓުން ގޮތް ނިންމާ އުސޫލެއް މި ގާނޫނަށް ގެންނަން ވީ،" ސަލީމް ވިދާޅުވި އެވެ.

"މިސާލަކަށް މަޖިލީހުގައި ދައްކާ ވާހަކަ އަކުން، ވޯޓު ދޭ ގޮތަކުން، އެއީ ފިޔަވަޅު އެޅޭނެ ކަމެއް ނޫން. އެއީ ވެދާނެ ގައުމަށް ގެއްލުން ލިބޭ ބިލަކަށް. އެހެންވިއްޔާ ފިޔަވަޅު އެޅިގެން ނުވާނެ. ސަބަބަކީ އެ މެމްބަރަކު އެ އިސް ކުރައްވަނީ ގައުމީ މަސްލަހަތު ކަމަށް ވާތީވެ."

މި އަހަރުގެ ފެބްރުއަރީގައި، ދައުރުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޚާއްސަ ޖަލްސާއެއް ބައިވެރިވެވަޑައިގެންނެވި، ޕީޕީއެމް ކޯލިޝަންގެ ބައެއް މެމްބަރުން.---ފޮޓޯ: މަޖިލިސް

ސަލީމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހަމަ މަގަށް އެޅުވުމަށްޓަކައި އެންޓި ޑިފެކްޝަންގެ ގާނޫނެއް ވަރަށް މުހިންމު ކަމަށެވެ. ޚާއްސަކޮށް މެމްބަރުން ޑިސިޕްލިން ކުރުވުމަށް އެ ގާނޫނުން މުހިންމު ދައުރެއް އަދާކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މަޖިލީހުގެ މެމްބަރުންނަށް މިނިވަން ކަމާ އެކު، މަސައްކަތް ކުރުމުގެ ފުރުސަތު އޮންނަން ޖެހޭނެ އެވެ. އަދި ވިދާޅުވީ މެމްބަރުންނާ މެދު ފިޔަވަޅު އެޅުމުގައި ޕާޓީގެ ސުލޫކީ ކޮމިޓީން ހަރުދަނާ ނިޒާމެއް އޮތުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ.

"ލީޑަރަކަށް ހުންނަ މީހަކު ބޭނުންވީމާ، ސުލޫކީ ކޮމިޓީގެ ދެ ތިން މީހަކު ކައިރިއަށް ފޮނުވާލައިގެން ކަނޑާލެވޭނެ ނިޒާމު މިހާރު އޮތުމަކީ އެންމެ ބޮޑު މައްސަލަ،" ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަން ކުރުމުގެ ގަރާރުގަ އާއި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދުގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމަށް ސޮއި ކުރެއްވި ޕީޕީއެމްގެ މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ސަލީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުއްލިއަކަށް އެންޓި ޑިފެކްޝަން ގާނޫނު އުވައިލަން އުޅުމަކީ ރަނގަޅު ކަމެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. އަދި މިއީ، އެންޓި ޑިފެކްޝަން ގާނޫނު އުވައިލަން އެންމެ ރަނގަޅު ވަގުތު ނޫން ކަމަށް ވެސް މަޝްހޫރު ވިޔަފާރިވެރިޔާ ސަލީމް ވިދާޅުވި އެވެ.

އެންޓި ޑިފެކްޝަން ގާނޫނު އުވައިލުމުގެ ބިލް މަޖިލީހަށް ހުށަހެޅުއްވި ސަބަބެއްގެ ގޮތުގައި ރިޔާޒް ވިދާޅުވީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަންކަން ކުރުމަށް މަޖިލީހުގެ މެމްބަރުންނަށް ދަތިތަކެއް ހުރި ކަމަށް ފާހަގަ ކުރެވޭތީ އާއި ގާނޫނުއަސާސީން މަތިކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާ ކުރުމަށް މެމްބަރުންނަށް ހުރަހަކަށް ވާތީ ކަމަށެވެ.

މީގެ އިތުރުން، އެންޓި ޑިފެކްޝަން ގާނޫނަކީ ބަރުލަމާނީ ސިފަތައް އެކުލެވިގެންވާ ގާނޫނަކަށް ވެފައި، މި ގާނޫނުގެ ސަބަބުން ރައްޔިތުންގެ ހައްގުތަކެއް ގެއްލިގެންދާ ކަމަށާއި ގާނޫނު އެކުލަވާލާފައި ވަނީ މާޒީއަށް އަމަލު ކުރެވޭ ގޮތަށް ކަމުގައިވާތީ ގާނޫނު އެކުލަވާލާފައިވަނީ އުސޫލުތަކާ ހިލާފަށް ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެމްބަރަކު އެ ބޭފުޅަކު އިންތިޚާބުވި ޕާޓީން ވަކިވެއްޖެ ނަމަ، ވަކިކޮށްފި ނަމަ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ، މަޖިލީހުގެ މެމްބަރުކަމުން ވަކިވާނެ ކަމަށް ޖުލައި 13، 2017 ގައި ސުޕްރީމް ކޯޓުން ހުކުމް ކުރީ ބަންޑާރަ ނައިބު ހުށަހެޅުއްވި ދުސްތޫރީ މައްސަލައަކާ ގުޅިގެންނެވެ. އެ ހުކުމުގައި އެންޓި ޑިފެކްޝަން ގާނޫނެއް ހަދަން މަޖިލީހަށް ލާޒިމް ވެސް ކުރި އެވެ.

އެންޓި ޑިފެކްޝަން ގާނޫނު މަޖިލީހުން ފާސްކޮށް ތަސްދީގުކޮށްފައިވަނިކޮށް، އެ ގާނޫނާ މެދު އުފެދުނު ހިޔާލު ތަފާތުވުންތަކުގެ ސަބަބުން، އެއީ ބާތިލް ގާނޫނެއްގެ ގޮތުގައި ކަނޑައަޅަން އިދިކޮޅު ފަރާތްތަކުން ސުޕްރީމް ކޯޓަށް މައްސަލައެއް ވެސް ހުށަހެޅި އެވެ. އެކަމަކު، ސުޕްރީމް ކޯޓުން ކަނޑައަޅާފައި ވަނީ އެންޓި ޑިފެކްޝަން ގާނޫނަކީ ސައްހަ ގާނޫނެއްގެ ގޮތުގަ އެވެ.