އިދިކޮޅު މެމްބަރުންގެ ރޫހު ހުރީ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާ ގޮތަށް

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފަހު ދައުރުގެ ޖަލްސާތައް މާދަމާ ފަށާއިރު، އިދިކޮޅު މެމްބަރުންގެ ރޫހު ހުރީ ޖަލްސާތަކުގައި ބައިވެރިވެވަޑައިގަތުމަށް ކަމަށް ގިނަ މެމްބަރުންތަކެއް މިއަދު ވިދާޅުވެއްޖެ އެވެ.


މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އިދިކޮޅު އެއްވެސް މެމްބަރަކު މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން އެއްވެސް ޖަލްސާއެއްގައި ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ. މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވެވަޑައިގަންނަވަނީ ހަމައެކަނި ޕީޕީއެމް/އެމްޑީއޭ ކޯލިޝަންގެ މެމްބަރުންނެވެ.

އެކަމަކު، ކޮމިޓީތަކުގެ ބައްދަލުވުންތަކުގައި އިދިކޮޅު މެމްބަރުން ބައިވެރިވެވަޑައިގަންނަވަ އެވެ.

އިދިކޮޅު މެމްބަރުން (ކ-ވ) ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް، ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު، މަރަދޫ ދާއިރާގެ މެމްބަރު ޝަރީފް އަދި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު ޝާހިދު. ---ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އިދިކޮޅު މެމްބަރުން މަޖިލީހުގައި ޖަލްސާތަކުގައި އޭރު ބައިވެރިވެވަޑައިނުގެންނެވީ، 45 މެމްބަރުންގެ ސޮޔާ އެކު، މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދުގެ އިތުބާރު ނެތް ކަމަށް ފާސްކުރުމަށް ހުށަހެޅި މައްސަލަ އެޖެންޑާ ނުކުރައްވައި، އެހެން މައްސަލަތައް މަސީހް ކުރިއަށް ގެންދާ ކަމަށް ބުނެ އެވެ. އެ ފަހަރު ހުށަހެޅި މައްސަލަ މަޖިލީހުގެ ރިޔާސަތުން ބާތިލް ކުރީ ސޮއިކުރެއްވި މެމްބަރުންތަކެއްގެ މަޖިލީހުގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައަޅައިގެންނެވެ. އެގޮތަށް ކަނޑައެޅީ ވެރިކަން ކުރާ ޕީޕީއެމުން އެދިގެން އިލެކްޝަންސް ކޮމިޝަން (އީސީ) ންނެވެ.

އެހެންވެ، އިދިކޮޅު މެމްބަރުން މީގެ ކުރިން ވިދާޅުވި ގޮތުގައި މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ، މަޖިލީހުގެ އަޣުލަބިއްޔަތުން ހުށަހައަޅާފައި އޮއްވައި އެ އަށް ވޯޓަށް ނާއްސަވައި، ރިޔާސަތުގައި މަސީހު އިންނަވައިގެން ޖަލްސާތައް ކުރިއަކަށް ނުގެންދެވޭނެ އެވެ. އަދި މަސީހް ރިޔާސަތުގައި އިންނަވައިގެން ކުރިއަށް ގެންދާ ޖަލްސާތަކުގައި ބައިވެރިވެވަޑައިގަތުމަށް އިދިކޮޅު މެމްބަރުން ދެކޮޅު ހެއްދެވި އެވެ.

މަސީހްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ބާތިލްކޮށްފައި ވަނިކޮށް، 51 މެމްބަރުންގެ ސޮޔާ އެކު، އެމަނިކުފާނު މަގާމުން ދުރު ކުރުމަށް މިދިޔަ ބުދަ ދުވަހު ވަނީ މަޖިލީހަށް ހުށަހަޅައިފަ އެވެ. މަސީހާ ދެކޮޅަށް ތިން ވަނަ ބުރުގައި ސޮއިކުރެއްވި މެމްބަރުންގެ ތެރޭގައި ޕީޕީއެމް/އެމްޑީއޭ ކޯލިޝަންގެ މެމްބަރުން ވެސް ހިމެނިވަޑައިގަންނަވަ އެވެ.

ނަމަވެސް، މާދަމާގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ ކޮން ބޭފުޅެއް ކަމެއް އެނގިފައެއް ނުވެ އެވެ. އާންމު ގޮތެއްގައި މަސީހް ނެތް ހާލަތެއްގައި ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކެވެ.

"މިހާރު" އާ ވާހަކަ ދެއްކެވި އިދިކޮޅު ބައެއް މެމްބަރުން ވިދާޅުވީ، އެ ބޭފުޅުންގެ ވިސްނުން ހުރީ ކޮންމެ ބޭފުޅަކު ރިޔާސަތުގައި އިންނެވި ކަމުގައި ވިޔަސް، ޖަލްސާތަކުގައި ބައިވެރިވެވަޑައިގަތުމަށް ކަމަށެވެ. ސަބަބެއްގެ ގޮތުގައި އެބޭފުޅުން ނެންގެވީ މުހިންމު މައްސަލަތަކެއް މާދަމާގެ ޖަލްސާގައި އެޖެންޑާކޮށްފައި ހުރުމެވެ.

މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފައި ހުރި ކަންކަމުގެ ތެރޭގައި އެންޓި ޑިފެކްޝަން ގާނޫނާއި އަބުރުގެ ގާނޫނު އުވާލުމުގެ ބިލާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަން ކުރުމާ ގުޅޭ ގަރާރު ހިމެނެ އެވެ. އަދި އިންތިޚާބީ ރައީސް، އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވެރިކަމުގެ ހުވާ ކުރައްވާނެ ދުވަހަކާ މެދު ގޮތެއް ނިންމުމަށް ވެސް އެޖެންޑާކޮށްފައިވެ އެވެ.

ކިނބިދޫ ދާއިރާގެ މެމްބަރު އަދި ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒް ވެސް ވިދާޅުވީ މެމްބަރުންގެ ވިސްނުން ހުރީ ޖަލްސާތަކުގައި ބައިވެރިވެވަޑައިގަތުމަށް ކަމަށެވެ. އަދި ޖަލްސާގައި ބައިވެރިވާން ދެކޮޅު ހައްދަވާ ބޭފުޅަކު ހުންނެވި ކަން ފާހަގަ ކުރެވިފައި ނުވާ ކަމަށް ރިޔާޒް ވިދާޅުވި އެވެ.

އެކަމަކު، ޖަލްސާގައި ބައިވެރިވެވަޑައިގަތުމާ ގުޅޭ ގޮތުން، ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕުގެ ބައްދަލުވުމެއް، ޖަލްސާގެ ކުރިން އޮންނާނެ ކަމަށާއި އެ ބައްދަލުވުމުގައި ގޮތެއް ނިންމާނެ ކަމަށް ރިޔާޒް ވިދާޅުވި އެވެ.

މަޖިލީހުގެ ގަވައިދަށް އެންމެ ފަހުން ގެނައި ބަދަލުގައިވާ ގޮތުން ތިން ވަނަ ދައުރުގެ ޖަލްސާތައް ހިނގާނީ އޮގަސްޓު 27 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ.

މި އަހަރުގެ ތެރޭގައި ބޭއްވި މަޖިލިހުގެ ޖަލްސާތަކުގެ ތެރެއިން ފުރަތަމަ ދައުރުގައި 11 ޖަލްސާ އަދި ދެވަނަ ދައުރުގައި 13 ޖަލްސާއާ އެކު، ބާއްވާފައިވަނީ ޖުމްލަ 24 ޖަލްސާ އެވެ. އެހެންވެ، މި އަހަރަކީ އެންމެ މަދުން މެމްބަރުން މަސައްކަތް ކުރެއްވި އެއް އަހަރަށް ވާނެ އެވެ.