ޕީޕީއެމަށް ކުރިމަތިވި ގޮންޖެހުންތަކާ އެކު، ސާބިތުކަންމަތީ އޮވެ، އެއީ ވަރުގަދަ ޕާޓީއަކަށް ވީ ރައީސް އަބްދުﷲ ޔާމީން ވެވަޑައިގެންނެވި ގުރުބާނީގެ ސަބަބުން ކަމަށް ޕީޕީއެމުން ރޭ ބުނެފި އެވެ.
މިހާރު ވެރިކަން ޕާޓީ، ޕީޕީއެމަށް ހަތް އަހަރު ފުރުމުގެ މުނާސަބަތުގައި އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ ޕީޕީއެމް އުފެއްދީ އިސްލާމް ދީނާއި ގައުމިއްޔަތާއި ދިވެހި ގައުމުގެ އަމިއްލަ ވަންތަކަން ނަގަހައްޓައި ދެމެހެއްޓުމަށް ކަމަށެވެ.
ޕީޕީއެމަކީ މީގެކުރިން ބޭއްވި ބައި އިލެކްޝަންތަކާއި ރާއްޖޭގެ ތާރީޚުގައި އުމުރުން އެންމެ ހަގު ޕާޓީގެ ގޮތުގައި އޮވެ، ކުރިމަތިލި ފުރަތަމަ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް، ތާރީޚު ދުވަހަކު ވެސް ނުދެކޭ ފަދަ ކާމިޔާބު ފަސް އަހަރުގެ ރިޔާސީ ދައުރެއް ފުރިހަމަ ކުރަމުންދާ ފުރަތަމަ ސިޔާސީ ޕާޓީ ކަމަށް އެ ބަޔާނުގައިވެ އެވެެ.
ނަތީޖާ އަކީ، އެންމެ ކާމިޔާބު އަދި އެންމެ ހިދުމަތްތެރި ސިޔާސީ ޕާޓީގެ ގޮތުގައި ރަން އަކުރުން ޕީޕީއެމްގެ ނަން ރާއްޖޭގެ ތާރީޚުގައި ލިޔެވުން ކަމަށް އެ ޕާޓީން ބުންޏެވެ.
ޕީޕީއެމްގެ ވެރިކަމުގައި ދިވެހި ޖައްވަށް އެންމެ އުޖާލާ ފަހި ދުވަސްތަކެއް ގެނައި ހަރުދަނާ ސިޔާސަތެއް އޮތް ޕާޓީ އަކީ ޕީޕީއެމްކަން ރާއްޖޭގެ ގިނަ ބަޔަކު އުފަލާއެކުގައި ބަލައިގަންނަ ކަމަށް ވެސް ޕީޕީއެމުން ބުންޏެވެ.
ވާދަވެރި ވަރުގަދަ ސިޔާސީ ޕާޓީއަކަށް ޕީޕީއެމް ވެގެން ދިޔައީ އަސާސްތައް ދެމި ހުންނަވައިގެން ޕީޕީއެމްގެ ރައީސް ޔާމީން ވެވަޑައިގެންނެވި މަތިވެރި ގުރުބާނީގެ ސަބަބުން ކަމަށް ޕީޕީއެމުން ބުންޏެވެ.
ޕީޕީއެމުން ބުނި ގޮތުގައި އެ ޕާޓީން ހާސިލް ކުރި ކާމިޔާބީގެ އަސްލަކީ ޕާޓީގެ މެމްބަރުންނާއި ހެޔޮ އެދޭ މީހުންނެވެ. އެހެންވެ، އެ ހުރިހާ އެންމެންނަށް ޕީޕީއެމުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.