އައްޑޫ ހޮސްޕިޓަލުގައި ހުޅު ބަދަލު ކުރުމުގެ ފުރަތަމަ އޮޕަރޭޝަން ކޮށްފި

މާލެ ފިޔަވައި ރާއްޖޭގެ އެހެން ރަށެއްގައި ފުރަތަމަ ފަހަރަށް ކުރި، ކަކުލު ހުޅު ބަދަލު ކުރުމުގެ އޮޕަރޭޝަން ކާމިޔާބުކަމާ އެކު މިއަދު ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ކޮށްފި އެވެ.


އުމުރުން 60 އަހަރުގެ އަންހެނެއްގެ އެއް ފައިގެ ކަކުލު ހުޅު ބަދަލު ކުރުމުގެ އޮޕަރޭޝަން ކާމިޔާބުކަމާ އެކު ކޮށްފައިވަނީ އައްޑު އަށް އުފަން ތިން ޑޮކްޓަރުންނެވެ. އެއީ އައިޖީއެމްއެޗްގެ ކަށީގެ ހާއްސަ ޑޮކްޓަރު އަދި ކަށީގެ ޑިޕާޓްމަންޓުގެ ވެރިޔާ، ޑރ. އަލީ މުޒުނީ އާއި ރާއްޖޭގެ ފުރަތަމަ ކަށީގެ ޑޮކްޓަރު މުހައްމަދު ހަބީބުގެ އިތުރުން ޑރ. ހުސައިން ފައިސަލް އެވެ.

މިއަދު ހެނދުނު 10:30 ގައި ފެށި އޮޕަރޭޝަން ނިންމާލެވުނީ މެންދުރު ފަހު އެކެއް ޖަހާކަން ހާއިރެވެ. މުޒުނީ ވިދާޅުވީ އެ އޮޕަރޭޝަން ވަރަށް ކާމިޔާބު ކަމަށެވެ. މިއަދު އޮޕަރޭޝަން ކުރި އަންހެން މީހާގެ ދެ ފައިގެ ކަކުލު ހުޅު ވެސް ބަދަލު ކުރަން ޖެހޭ އިރު ދެ ވަނަ ފައިގެ އޮޕަރޭޝަން ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި ހަމަ އެ ހޮސްޕިޓަލުގައި ކުރާނެ ކަމަށް މުޒުނީ ވިދާޅުވި އެވެ.

މަސްނޫއީ ހުޅެއް ލެއްވުމުގެ އޮޕަރޭޝަން ކުރަނީ، ހުޅުގެ މަޑުކަށި ގޭނެމުން ގޮސް ބޭހަކުން ވެސް އަދި އެނޫން ގޮތަކުން ވެސް ހައްލުނުވާ ހިސާބަށް ދިއުމުންނެވެ. އެ އޮޕަރޭޝަން ކުރުމަށް ގިނަ އަދަދެއްގެ ބަޔަކު އައިޖީއެމްގައި ނަން ނޯޓުކޮށްފައިވެ އެވެ.

މުޒުނީ ވިދާޅުވީ އަމާޒަކީ ދޭތެރެ ދޭތެރެ އިން ރީޖަނަލް ހޮސްޕިޓަލްތަކުގައި އެ އޮޕަރޭޝަން ކުރުން ކަމަށެވެ. އެކަން އިންތިޒާމް ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން އަންނަ މަހުގެ ތެރޭގައި ގދ. ތިނަދޫ ރީޖަނަލް ހޮސްޕިޓަލުގައި ހުޅު ބަދަލު ކުރުމުގެ އޮޕަރޭޝަނެއް ކުރާނެ ކަމަށް މުޒުނީ ވިދާޅުވި އެވެ.

އާއްމު އޮޕަރޭޝަންތައް ކުރާނެ އާލާތްތައް ރީޖަނަލް ހޮސްޕިޓަލްތަކުގައި ގާއިމު ކޮށްފައިވާ އިރު ހުޅު ބަދަލު ކުރުން ފަދަ ހާއްސަ އޮޕަރޭޝަންތައް ކުރާނީ އެ ކަމަށް ބޭނުން ކުރާ ހާއްސަ ސާމާނު ގެންގޮސްގެން ކަމަށް މުޒުނީ ވިދާޅުވި އެވެ.