އައްޑޫގައި ފުރަތަމަ ފަހަރަށް ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަނެއް ކުރަނީ

އައްޑޫގައި ހުޅު ބަދަލުކުރުމުގެ ފުރަތަމަ އޮޕަރޭޝަން ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި މާދަމާ ކުރަން ތައްޔާރުވެއްޖެ އެވެ. މިއީ މާލެ ފިޔަވައި ރާއްޖޭގެ އެހެން ރަށެއްގައި މި އޮޕަރޭޝަން ކުރާ ފުރަތަމަ ފަހަރެވެ.


އުމުރުން 60 އަހަރުގެ އަންހެނެއްގެ މި އޮޕަރޭޝަން ކުރައްވަނީ އައިޖީއެމްއެޗުގެ ކަށީގެ ހާއްސަ ޑޮކްޓަރު އަދި ކަށީގެ ޑިޕާޓްމަންޓުގެ ހެޑް، ޑރ. އަލީ މުޒުނީ އެވެ.

އައްޑު އަށް އުފަަން މުޒުނީ "މިހާރު"އާ ވާހަކަދައްކަވަމުން ވިދާޅުވީ ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަން ކުރަން އައިޖީއެމްއެޗުގައި މިހާރު ވެސް ވަރަށް ދިގު ލިސްޓެއް އެބަ އޮތް ކަމަށެވެ. އެގޮތުން ދޮޅު އަހަރު ވަންދެން މަޑުކުރަން ޖެހޭ ވަރަށް ވެއިޓިން ލިސްޓްގައި މީހުން ތިބި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެހެންކަމުން މާލެއިން ބޭރުގައި އެ އޮޕަރޭޝަން ކުރުމަކީ ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަން އޭނާ ފާހަގަކުރެއްވި އެވެ.

"އުއްމީދަކީ ރީޖަނަލް އެހެން ހޮސްޕިޓަލްތަކުގައި ވެސް ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަން ފެށުމުން. އައިޖީއެމްއެޗުގައި އެނދުގެ ދަތިކަން ހުރީމަ ޑިމާންޑާ އެއްވަރަށް އޮޕަރޭޝަނެއް ނުކުރެވޭ. އެހެންވެ މާލެއިން ބޭރުގައި އޮޕަރޭޝަން ކުރަން ފެށުމުން ވަރަށް ފަސޭހަވަގެންދާނެ،" މުޒުނީ ވިދާޅުވި އެވެ.

"ބޭނުމަކީ އަތޮޅު ތެރެއަށް ހުޅު ބަދަލުކުރުމުގެ ހިދުމަތް ފުޅާކުރުން. ޕްލޭނުގައި އެބަ އޮތް އެކަމަށް މަސައްކަތް ކުރުން."

ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަން ކުރަނީ، ހުޅުގެ މަޑުކަށި ގޭނެމުން ގޮސް ބޭހަކުން ވެސް އަދި އެނޫން ގޮތަކުން ވެސް ހައްލުނުވާ ހިސާބަށް ދިއުމުންނެވެ.

މުޒުނީ ވިދާޅުވި ގޮތުގައި ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަނަކަށް ގދ. ތިނަދޫ ރީޖަނަލް ހޮސްޕިޓަލް ވެސް އަންނަނީ ތައްޔާރުވަމުންނެވެ. އަންނަ މަހު އެ އޮޕަރޭޝަން ކުރެވޭނެ ކަމަށް އޭނާ ލަފާކުރައްވަ އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ރީޖަނަލް އެހެން ހޮސްޕިޓަލްތަކުގައި ވެސް ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަންތައް ކުރުމަކީ ހުވަފެނެއް ކަމަށެވެ.