އައިޖީއެމްއެޗުގައި ޑރ. ނާޒަށް ޑރ. މުޒުނީ ދެއްވި ދުނިޔޭގެ ފެންވަރުގެ ފަރުވާ

އައިޖީއެމްއެޗަކީ އަބަދުވެސް އެތައް ބައެއްގެ ފާޑުކިޔުމާއި ޝަކުވާތަކާއި ރުޅިވެރިކަން އަމާޒުވާ ހޮސްޕިޓަލެކެވެ. އެކަމަކު އެ ތަނުގެ ހުރިހާ ކަމެއް ގޯހެކޭ ނުބުނެވޭނެ އެވެ. އެއް ކަމަކީ ކަށީގެ ޑިޕާޓްމެންޓުން ދޭ ޚިދުމަތްތަކެވެ. އެ ހޮސްޕިޓަލުގެ ޑޮކްޓަރު އަލީ މުޒުނީ ރޭ ހިއްސާކުރެއްވި ވާހަކަ އޭގެ ހެއްކަކަށް ފުދެ އެވެ.


އައިޖީއެމްއެޗުގައި އޭނާ އިއްޔެ ހެނދުނު ކުރެއްވި އޮޕަރޭޝަނަކީ، ޑރ. މުޒުނީ ވިދާޅުވި ގޮތުގައި، "ދުނިޔޭގެ އެހެން ހުރިހާ ތަނަކުން" ވެސް ލިބޭނެ އެ ބާވަތުގެ "އެންމެ ފުރިހަމަ" ފަރުވާ އެވެ.

ޑރ. މުޒުނީ. ފޮޓޯ: ފޭސްބުކް

ނަފްސާނީ ބަލިތަކުގެ ޑޮކްޓަރު އައިޝަތު އަލީ ނާޒުގެ ފައިގެ ކަށިމަތިން ކަށިގަނޑެއް ބިންދައިގެން ދިޔައީ އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ހުންނަވަނިކޮށެވެ. ފޭސްބުކް ޕޯސްޓެއްގައި ޑރ. މުޒުނީ ވިދާޅުވި ގޮތުގައި އެ އަނިޔާ ލިބިވަޑައިގަތުމުން ޑރ. ނާޒު ފުރަތަމަ ފަރުވާ ހޯއްދެވީ އިންޑިއާގެ އެންމެ ރަނގަޅު މެޑިކަލް އިންސްޓިޓިއުޓްތަކުގެ ތެރޭގައި ހިމެނޭ އެއިމްސް އިންނެވެ. އެކަމަކު އެއަށް ފަހު ރާއްޖެ ވަޑައިގެން އެއާޕޯޓުން އޭނާ ސީދާ ވަޑައިގަތީ އައިޖީއެމްއެޗަށެވެ.

"ޑރ. ނާޒްގެ ބައެއް ގާތްތިމާގެ މީހުންނާއި ރައްޓެހިން ލަފާ ދިނީ ފަރުވާ ހޯދަން އިންޑިއާ އަށް ނުވަތަ ސިންގަޕޫރަށް ދާން. އެކަމަކު އޭނާ (ބޭރަށް) ވަޑައިނުގެންނެވީ އަޅުގަނޑުމެންނާ މެދު އެހާ ވެސް ބޮޑު އިތުބާރެއް އޮތީމަ،" ޑރ. މުޒުނީ ލިޔުއްވާފައިވެ އެވެ.

ކާމިޔާބު އޮޕަރޭޝަންގެ ތަފްސީލް ދެއްވަމުން އޭނާ ވިދާޅުވި ގޮތުގައި ބިނިދިފައި ހުރި ކަށިގަނޑު ފޭވެފައި ވަނިކޮށް، ފަޅާލައިގެން ކަށިގަނޑު އަޅުވައި ޕްލޭޓަކާއި އިސްކުރު ވަނީ ހަރުކޮށްފަ އެވެ.

"އެހެން އެއްވެސް ތަނަކުން މި އަށް ވުރެ ރަނގަޅަކަށް މި ކަމަށް ފަރުވާ ނުދެވޭނެކަން އަޅުގަނޑަށް ޔަގީން،" މުޒުނީ ވިދާޅުވި އެވެ.

ސަރަހައްދީ ފެންވަރުގައި ވެސް ފާހަގަކުރެވޭ ޚިދުމަތްތަކެއް ދޭ ގާބިލް ދިވެހި ޑޮކްޓަރުން ތިބި ތަނެއްގެ ގޮތުގައި ކުރިންސުރެ ސިފަކުރެވިފައިވާ ކަށީގެ ޑިޕާޓްމެންޓުން ބޮޑެތި ގިނަ އޮޕަރޭޝަންތަކެއް ކުރަމުން އަންނަތާ އަހަރުތަކެއް ވަނީ ވެފަ އެވެ. އެ ތަނުގެ ކުރިއެރުމާ މެދު ޑރ. މުޒުނީ ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިގަންނަވަ އެވެ.

"އަޅުގަނޑުމެންނަށް ކަށީގެ އޮޕަރޭޝަންތައް މި ފެންވަރަށް ތަރައްގީކުރެވިފައިވާ ކަމާ މެދު އަޅުގަނޑުމެން ފަޚުރުވެރިވެ އުފާކުރަން. އަދިވެސް ކުރަން ޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރި. އަޅުގަނޑުމެންނަށް އިތުރަށް ކުރިއަށް ދެވޭނެ ހަމައެކަނި ގޮތަކީ ސަރުކާރުގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބުން،" އޭނާ ވިދާޅުވި އެވެ.

ތަނުގެ ހިންގުމަށް މި ފަހުން ގެނައި ކުރިއެރުންތަކާ އެކު ޚިދުމަތްތަކަށް ހެޔޮ ބަދަލުތަކެއް ގެނެސްފައިވާ އައިޖީއެމްއެޗަކީ ރާއްޖޭގެ އެންމެ ގިނަ ބަޔަކު ބަރޯސާވާ ހޮސްޕިޓަލެވެ. އެ ތަނުން ލިބޭ ޚިދުމަތްތަކާއި ފަރުވާ ރަނގަޅުވެފައިވާ ކަން ފަހަކަށް އައިސް ބައެއް މީހުން ސޯޝަލް މީޑިއާގައި ފާހަގަކުރެ އެވެ. ފަހަރުގައި، މިހާރު ހަމައެކަނި ބޭނުންވަނީ ޑރ. ނާޒު ކުރެއްވި ފަދަ އިތުބާރެކެވެ.