2.9 މިލިއަން ރުފިޔާގެ ކޮރަޕްޝަންގެ ތުހުމަތާ އެކު ޖޭއެސްސީން ރިޒާ ވަކިކުރަން ހުށަހަޅައިފި

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ މެމްބަރު، އިބްރާހިމް ރިޒާގެ މައްޗަށް 2.9 މިލިއަން ރުފިޔާގެ ކޮރަޕްޝަންގެ ތުހުމަތެއްކޮށް، އެ މަގާމުން އޭނާ ވަކިކުރަން މިއަދު މަޖިލިހަށް ހުށަހަޅައިފި އެވެ.


ފަނޑިޔާރުންގެ މައްސަލަތައް ބަލާ، ޖޭއެސްސީގެ ނައިބް ރައީސްއަކަށް ހުންނެވި، ގުރައިދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު ރިޒާ އެ މަގާމުން ވަކިކުރަން ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ނާޒިމް ހުށަހެޅުއްވި މައްސަލާގައި، އެމްޕީއެލްއަށް ގާނޫނީ ލަފާ ދެއްވައިގެން ނެންގެވި 2.9 މިލިއަން ރުފިޔާގެ އިތުރުން އެހެން ތިން ސަބަބެއް ވެސް ފާހަގަކުރައްވާފައިވެ އެވެ.

ނާޒިމް ފާހަގަކުރެއްވި ގޮތުގައި މައްސަލައެއްގައި ވަކާލާތުކުރައްވަން އެވަރުގެ ބޮޑު ފީއެއް ރިޒާ ނެންގެވުމަކީ "އަޑި ނޭނގޭ ކަންތައްތަކެއްގެ ތެރެއިން ހިންގާފައިވާ ކޮރަޕްޝަން އަމަލެކެ"ވެ.

ރިޒާ މަޝްހޫރުވެފައި އޮންނަނީ ބައެއް ފަނޑިޔާރުންނާ ވަރަށް ގާތް ގުޅުމެއް އޮންނަ ވަކީލެއްގެ ގޮތުގަ އެވެ. އަދި ޕީޕީއެމްގެ މެޖޯރިޓީ މަޖިލިހުގައި އޮތް އިރު، ޖޭއެސްސީއަށް އޭނާ ލީ ވެސް، ރައީސް އަބްދުﷲ ޔާމީން އަންގަވާ ގޮތަކަށް ޖޭއެސްސީގެ ތެރެއިން ބައެއް ކަންކަން ކުރައްވަން ކަމަށް، އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރެ އެވެ.

މިއަދު ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ އިދިކޮޅު ފަރާތްތަކުގެ އަތްމައްޗަށް ދިއުމާ އެކު ޖޭއެސްސީން ރިޒާ ވަކިކުރަން ނާޒިމް ހުށައެޅުއްވި އެހެން ސަބަބުތަކުގެ ތެރޭގައި ރާއްޖޭގެ ޝަރުއީ ދާއިރާގައި ހުރި ބޮޑެތި މައްސަލަތަކާއި ރައްޔިތުންނަށް އިންސާފު ނުލިބޭ މައްސަލާގައި މަޖިލީހަށް ލަފާ ދެއްވުމުގެ މަސްއޫލިއްޔަތު އޭނާ އަދާކުރައްވާފައި ނުވުން ވެސް ހިމެނެ އެވެ.

ނާޒިމްގެ ސިޓީގައި ވިދާވެފައިވާ ގޮތުގައި ފަނޑިޔާރުންނާ ގުޅޭ ޝަކުވާތައް ބެއްލެވުމާއި ފިޔަވަޅު އެޅުއްވުމުގައި ރިޒާ ވަނީ ހަމަ އާއި އިންސާފުން އެއްކިބާވެވަޑައިގެންފަ އެވެ.

އޭގެ އިތުރުން ޖޭއެސްސީގެ މެމްބަރެއްގެ ގޮތުގައި ހުންނަވައިގެން މައްސަލަތަކުގައި ވަކާލާތު ކުރައްވަން ވަކީލެއްގެ ހައިސިއްޔަތުން ކޯޓުތަކަށް ރިޒާ ވަޑައިގެންނެވުމަކީ ސުލޫކީ ގޮތުން ދަށު ދަރަޖައިގެ އަމަލެއް ކަމަށް ވެސް ނާޒިމް ވިދާޅުވެފައިވެ އެވެ.

ޖޭއެސްސީން ރިޒާ ބޭރުކުރަން ހުށައެޅުއްވުމަކީ، އޭނާ ވިދާޅުވެފައިވާ ގޮތުގައި، ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ މަސައްކަތުގެ ފެށުމެވެ.

ދިހަ މެމްބަރުން ތިއްބަވާ ޖޭއެސްސީ، ރައީސް ޔާމީންގެ ވެރިކަމުގައި އޮތީ، ސީދާ ސަރުކާރުން ކޮންޓްރޯލްކޮށްފަ އެވެ.