މީރާއިން ހިދުމަތެއް ހޯދަނީ-- ފޮޓޯ: މިހާރު
06 ނޮވެމްބަރ 2018 - 21:57
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ނުދައްކައި ހުންނަ ފައިސާ ހޯދުމުގެ ބައެއް އުސޫލުތަކަށް މިއަދު ލުއިތަކެއް ގެނެސްފި އެވެ.
ދައުލަތުގެ ޓެކްސް އިދާރާގެ އެންފޯސްމަންޓް ޕޮލިސީއަށް ބަދަލުގެނެސް ގެޒެޓް ކޮށްފައިވާ ގަވައިދަށް ބަލާއިރު، މައިގަނޑު ގޮތެއްގައި ލުއި ދީފައިވަނީ ދެ ކަމަކަށެވެ. އެއީ ކުންފުނިތަކުގެ އެކައުންޓް ފްރީޒް ކުރުމާއި ކުދި ވިޔަފާރިތަކުން ދައްކަން ޖެހޭ ފައިސާ ބަހާލައިގެން ދައްކާ އުސޫލެވެ.
ކުރިން އަމަލު ކުރަމުން އައި ގޮތުން މީރާއަށް ފައިސާ ނުދައްކައިގެން ފްރީޒް ކުރާ އެކައުންޓްތައް ދޫކޮށްދެނީ އެ ފައިސާ ދައްކައި ހަލާސް ކުރުމުންނެވެ.
ނަމަވެސް، މިއަދު ގެޒެޓްކުރި ގަވައިދުގައިވާ ގޮތުން ފައިސާ ނުދައްކައިގެން އެ ކައުންޓް ފްރީޒްކޮށްފައިވާ ކުންފުންޏެއްގެ މައްސަލަ ކޯޓުގައި ރަޖިސްޓަރީ ކުރުމާ އެކު އެ އެކައުންޓް ދޫކޮށްލާނެ އެވެ. އަދި މައްސަލައަށް ވަކި ގޮތެއް ނުނިމުނު ކަމުގައި ވިޔަސް އެކައުންޓް ފްރީޒް ކުރާތާ 90 ދުވަހުގެ ތެރޭގައި އެކައުންޓް ދޫކޮށްލުމަށް މީރާއިން ވަނީ ނިންމައިފަ އެވެ. އަދި ފްރީޒް ކޮށްފައިވާ މައްސަލަ އިސްތިއުނާފަށް ހުށަހަޅާ ހިސާބުން ވެސް މީރާއިން އެކައުންޓް ދޫކޮށްދެ އެވެ.
އެ ކައުންޓް ފްރީޒް ކުރާ އުސޫލަށް ލުއި ގެނައި ނަމަވެސް ފައިސާ ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކޮށް ފިޔަވަޅު އަޅާ އުސޫލަކަށް ބަދަލެއް ގެނެސްފައެއް ނުވެ އެވެ.
އަލަށް ގެނައި ބަދަލާއެކު ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ދައްކަން ޖެހޭ ފައިސާ ބަހާލައިގެން ދެއްކުމަށް ވެސް ވަނީ ލުޔެއް ގެނެސްފަ އެވެ. ކުރިން އަމަލުކުރާ ގޮތުން، ބަހާލައިގެން ފައިސާ ދެއްކުމުގެ ފުރުސަތު ދެނީ ދައްކަންޖެހޭ ފައިސާގެ އަދަދު 20،000ރ. އަށް ވުރެ މަތި ނަމަ އެވެ. އެކަމަކު، މިހާރު ވަނީ އެ އަދަދަކީ 10،000ރ. ކަމަށް ކަނޑައަޅައިފަ އެވެ.
ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދަން ބޮޑެތި ބާރުތަކެއް ލިބިފައިވާ މީރާއިން ފައިސާ ދައްކަން އަންގާ މުއްދަތުގައި ފައިސާ ނުދައްކައިފި ނަމަ އެ ފަރާތެއް ބްލެކް ލިސްޓްކޮށް، ކަމާ ބެހޭ ފަރާތްތަކަށް އެކަން މީރާއިން އަންގާނެ އެވެ. އަދި ޓެކްސްގެ ގޮތުގައި މީރާ އިން ކަނޑައަޅާ އަދަދަކާ މެދު ހިތްހަމަނުޖެހިގެން އެ މައްސަލަ ޓެކްސް އެޕީލް ޓްރައިބިއުނަލަށް ހުށަހެޅޭނީ ވެސް ދައްކަންޖެހޭ ހުރިހާ ފައިސާއެއް ދެއްކުމުން ކަމަށް ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގައިވެ އެވެ.
މީރާއިން ވިޔަފާރިތަކަށް ލުއިތަކެއް ގެނެސްދީފައިވާއިރު، އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ކެމްޕެއިންގައި، މީރާ އިސްލާހު ކުރައްވާނެ ކަމުގެ ވައުދު ވަނީ ވެވަޑައިގެންފަ އެވެ. މީރާއިން މިހާރު އަމަލު ކުރާ ގޮތުން ވިޔަފާރިތަކަށް ގެއްލުންވާކަން ފާހަގަ ކުރައްވައި އެ ކަންކަން އިސްލާހު ކުރުމަކީ އިބޫގެ ކެމްޕެއިން ވައުދެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދީދީ
07 November 2018
ތިޔަކަން ވެސް ތިހެން ކުރިކަން ރަނގަޅެއްނޫންތަ؟ ތަމެންނަށް ދެން ރަނގަޅު އެއްގޮތެއްވެސް ނޯވޭ....
ހިޔަލަ
07 November 2018
މީރާގެ ސަބަބުން ލައްކަ ކަމެއް ވެސް ރަނގަޅު ވެއްޖެ ތާ.. މީރާއިން ވެސް ޤާނޫނު ތަންފީޛް ކުރަންވާ ގޮތަށް ކުރަމުންދާތީ ވަރަށް ގިނަ ވިޔަފާރީގެ ކަންތައްތައް ވެސް ރަނގަޅުވީ.. ދެން ގޮތްބޮޑުކޮށްގެން ޤާނޫނާ ގަވާއިދާ ޚިލާފަށް އުޅޭ މީހުންނަށް ފިޔަވަޅު އެޅީމަ އެވާހަކަ ދައްކާނެ. އެކަމަކު އެމީހުންނަށް ވެސް ބޮޑަށް ފައިދާވެފަ ހުންނާނީ.. ވައްކަމާ މަކާރާ ޙީލަތުން ވިޔަފާރި ކުރާ މީހުން ބަނގުރޫޓް ވާނެ އެމީހުންގެ މައްޗަށް ޤާނޫނެއް ތަންފީޒް ކުރީމަ.
ޝާޔާ
07 November 2018
އެއްވެސް މީހަކަށް ކޮށްދެވޭ ހެޔޮ ކަމެއް ނުފެންނާނެ ގިނަ ފަހަރަށް. ކުދި އަދި ބޮޑެތި ވިޔަސް ވިޔަފާރި އެއް ވިއްޔާ ނަން ހުސްކޮށް މީރާއިން ދަނީ މައުލޫމާތުދީ ޓެކުހާ ގުޅިގެން ކުރަންވާ ކަންތައްތައް ކިޔައިދެމުން . އެކަމަކު ކުދި އަދި އެނޫން ވެސް ބައެއް ވިޔަފާރިވެރިން އެވާހަކައަކަށް ސަމާލުކަމެއް ނުދޭ. އެއީ އެމީހުން ގަޅި ކަމުން. ސިނގިރެޓް ފޮށީގެ ކަރުދާސްކޮޅުގަ ވިކުރާ ހަދައިގެން އުޅުނު ޒަމާން ބަދަލު ނުކުރަން އެމީހުން ބޭނުންވަނީ. އަދި ޓެކްސް ވެސް ނުދައްކާ..
ފުއްމި
07 November 2018
މީރާ އަކީ އިގްތިޞާދުގެ ދޮރެއް. އަދި މީރާއިން މަސައްކަތް ކުރަމުންދަނީ ޤާނޫނީ އިމުގެ ތެރެއިން. އެހެންވީމަ، ކޮންމެ މީހަކު ކޮންމެ އެއްޗެއް ބުންޏަސް ޤަނޫނެއްގެ ދަށުން ކުރަންވާ ކަމެއް އެވަގުތު ޖެހުނީމަ ކުރަންވާނެ.
ފޮނިކަލޯ
07 November 2018
އަޅުގަނޑު ހިތައްއަރާ މިހާގިނަ ކޮމެންޓް މީރާއާއި ދެކޮޅައް ރައްޔަތުން ކުރަނީ ކީތްވެގެންކަން ސަރުކާރު ގެ މިނޫންވެސް ކަމާއި ބެހޭފަރާތުން ނުބަލަނީ ކީތްވެތޯ ؟ އަދި ރައްޔަތުންނައް (ކުދިވިޔަފާރި ވެރިވެރިން ) މިހާދެރަކޮށް މީރާއިން ކަންކުރާއިރު އަޅާނުލާވެސް ހަމަ އެތިބެނީ ..... ވޯޓު ލާން ކައިރިވީމަ އެއްކަލަ މީހުން ވަރައް ގާތުން ދެކެން ބޭނުންވާ ވާހަކަވެސް އަޑުއިވޭ....
ހަކީމް
07 November 2018
އަދި ތަންކޮޅެއް އަވަސް ... ހުރިހާ ކުންފުންޏެއް ބަނގްރޫޓު ކޮއްލާފަ ދެންމި ލުއި ދެނީ ...
Sim
07 November 2018
މީރާގެ ސަބަބުން ވަރަށް ގިނަ ކުދި ވިޔަފާރިތައް ހުއްޓިއްޖެއެވެ. މީރާރެ އޮޑިޓްގައި ވަކި ހަމައެއް ނެތި ޖޫރިމަނާ ކުރަމުން ގެންދެއެވެ. މީރާއިން ބޮޑަށް ބަލަންވީ ވިޔަފާރިތަކަށް ޓެކްސް އާއި ގުޅޭ މަޢުލޫމާތު ފޯރު ކޮށްދީ މިކަމާއި އަހްލުވެރި ކުރެވޭތޯއެވެ.
އަޙުމަދު
07 November 2018
މީހާ އަވަސް އަވަހަށް ޤަވާއިދު ބަދަލުކޮށް އަލަށް ޤަވާއިދު ނެރޭ މުއައްސަސާއެއް ނުދެކެން، ވަކިގޮތަކަށް ކަންކުރަން ބޭނުންވީމަ އަލަށް ރޫލިންއެއް ނެރޭނެ. ދެދުވަހުން އެއްދުވަހު ރޫލިން ނެރޭވަރަކުން ބޮޑު ދުއްޕާނެއް. އަޅާގަނެފިއްޔާ އައްޓަމަހެކޭ އެއްގޮތް.
އަޅު
07 November 2018
މީރާތީ ކުދި ވިޔަފާރިތައް އިނދަ ޖައްސާލަން މަސައްކަތް ކުރާ ބައެއް ، އަޅުގަނޑު ކުރަމުން އަންނަ ވިޔަފާރީގެ ކެޕިޓަލް އަކަށް 30000 ލައްކަ ރުފިޔާ ވެސް ނާރައެވެ ، ނަމަވެސް 2011 އަދި 2012 ގެ އޮޑިޓް ކުރުމަށް ފަހު ޓެކްސް ގެ ގޮތުގައި 450000 ރުފިޔާ ދެއްކުމަށް އެންގި އެވެ.އަޅުގަނޑު މިފައިސާ ދައްކާނީ ކިހިނެއް ތޯއެވެ.މިހާރު އަޅުގަނޑު ގެ އެކައުންޓް ފްރީޒް ކޮށް ޖޫރިމަނާ ގެ ގޮތުގައި ވަނީ ހަތަރުލައްކަ އަރާފައެވެ.
ވިށާމް
07 November 2018
30000 ލައްކަ ވަރު ކެޕިޓަލް އަށް...ދެން 450000 އެ ކޯއްޗެއް؟
އަދީބް
07 November 2018
ޓޫ ލިޓްލް ޓޫ ލޭޓް މީރާ ޔަޒީދޫ ޫ ޫ