ޖިންސީ ފުރައްސާރަ ކުރި ކަމަށް އާސިމް އިންކާރު ކުރައްވައިފި

ފޮރިން މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާ ކުރި ކަމަށް ކުރާ ތުހުމަތުތަކަށް މިނިސްޓަރު މުހައްމަދު އާސިމް އިންކާރު ކުރައްވައިފި އެވެ.


ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކަށް ފޮރިން މިނިސްޓަރު އިންކާރު ކުރައްވާފައި މި ވަނީ މަގާމުގައި ހުންނަވާ އެންމެ ފަހު ދުވަހު ޓުވިޓާ މެދުވެރިކޮށެވެ.

ފޮރިން މިނިސްޓަރު ކަމަށް އައްޔަން ކުރެއްވީތީ ރައީސް އަބްދުﷲ ޔާމީނަށް ޝުކުރު އަދާ ކުރެއްވުމަށްފަހު އާސިމް ވިދާޅުވެފައި ވަނީ އޭނާއާ މެދު މިފަހުން ކޮށްފައިވާ ތުހުމަތުތަކަށް އިންކާރު ކުރައްވާ ކަމަށެވެ.

މިނިސްޓަރުގެ ޓުވީޓް:

މިނިސްޓަރު އާސިމް ޖިންސީ ފުރައްސާރަ ކުރި ކަމަށް ކުރާ ތުހުމަތުތައް ފޮރިން މިނިސްޓްރީން ބަލަމުންދާ ކަމަށް އެ އޮފީހުން މީގެ ކުރިން ވަނީ ބުނެފަ އެވެ. ނަމަވެސް އޭރު ބުނެފައި ވަނީ އެ މިނިސްޓްރީގެ އިސް އޮފިޝަލެއްގެ މައްސަލަ ބަލަމުންދާ ކަމަށެވެ.

ފޮރިން މިނިސްޓްރީގައި، ޖިންސީ ފުރައްސާރައިގެ ކޮމެޓީއެއް އެކުލަވައިލައި، މައްސަލަ ބަލަން ފެށިއިރު، އާސިމްގެ ފަރާތުން އެ މިނިސްޓްރީގެ ތިން މުވައްޒަފަކަށް ޖިންސީ ފުރައްސާރައިގެ އަމަލުތަކެއް ކުރިމަތިވި ކަމަށް ވެ އެވެ. އެކަމަކު ދިފާއުގައި ނުކުތުމުގެ ހިތްވަރު ނުލިބުނީ، މީގެ ހަ މަސް ކުރިން ހުށަހެޅި މައްސަލަ ނުބަލައި ކޮމެޓީ ވެސް އުވާލުމުން ކަމަށް މައުލޫމާތު އެނގޭ ބަޔަކު "މިހާރު" އަށް ވަނީ ކިޔައިދީފަ އެވެ. ޖިންސީ ފުރައްސާރައިގެ ތުހުމަތުތައް އަމާޒުވުމުން އާސިމް އިސްތިއުފާ ދެއްވުމަށް ގިނަ ބަޔަކު ދިޔައީ ގޮވާލަމުންނެވެ. އެގޮތުން ޕީޕީއެމްގެ އިސް ފަރާތެއް އަދި ސްރީ ލަންކާގެ އެމްބަސަޑަރު މުހައްމަދު ޝަރީފް (މުންދު) ވެސް ވަނީ އާސިމްގެ އިސްތިއުފާއަށް ގޮވައިލައްވައިފަ އެވެ.