އާސިމްގެ މައްސަލަ މިހާރު ބަލަނީ ފުލުހުން: ޝާހިދު

ކުރީގެ ފޮރިން މިނިސްޓަރު މުހައްމަދު އާސިމް އޮފީހުގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ބުނާ މައްސަލަ މިހާރު ބަލަމުންދަނީ ފުލުހުން ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.


މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ އެ މައްސަލައަކީ ޖިނާއީ ކުށެއްގެ މައްސަލައެއް ކަމުން ފޮރިން މިނިސްޓްރީން އެ މައްސަލަ ބެލެން ނެތް ކަމަށެވެ.

"މި މިނިސްޓްރީގެ ތެރޭގައި ވަރަށް ސީރިއަސް ތުހުމަތުތަކެއް ކުރެވި އެކަމާ ގުޅޭ ގޮތުން ގާނޫނުގެ ދަށުން އުފައްދަންޖެހޭ ކޮމެޓީއަކުން އެ މައްސަލަ ގެންދަވަނީ ބައްލަވަމުން. މިފަދަ ތުހުމަތްތަކުގައި ދެ ބައެއް އެބަ އޮތް. އެއް ބަޔަކީ އޭގެ ޖިނާއީ ބައި. ފޮރިން މިނިސްޓްރީއަކީ އަދި އެހެން އޮފީސްތަކަކީ ވެސް ޖިނާއީ ތަހުގީގު ހިންގޭނެ ތަނެއް ނޫން،" ޝާހިދު ވިދާޅުވި އެވެ.

"އެފަދަ މައްސަލައެއްގެ ޖިނާއީ ތަހުގީގު ހިންގަންޖެހޭ ފަރާތުން އެބަ ކުރިއަށް ގެންދަވާ ކަމަށް މި މިނިސްޓްރީ އަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން މައުލޫމާތު ދެއްވާފައި ވަނީ."

ކުރީގެ ފޮރިން މިނިސްޓަރު މުހައްމަދު އާސިމް: އޭނާގެ މައްސަލަ މިހާރު ބަލަނީ ފުލުހުން -- މިހާރު ފައިލް ފޮޓޯ

ފޮރިން މިނިސްޓްރީން އެ މައްސަލަ ބަލަމުންދާ ކޮމެޓީގެ ރިޕޯޓު މިއަދު ލިބިވަޑައިގަންނަވާނެ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ. އަދި އެ ރިޕޯޓުގައިވާ ގޮތަށް ފިޔަވަޅު އަޅަމުންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި މިނިސްޓްރީއަކީ 80 ޕަސެންޓް އަންހެން މުވައްޒަފުން ތިބި ތަނެއް. އަޅުގަނޑު ފަހުރުވެރިވަން މި މިނިސްޓްރީގެ އަންހެން މުވައްޒަފުންގެ ހިތްވަރުގަދަ ކަމާއި ކެރުމާއި މަސައްކަތަށް ދެއްވާ އަހައްމިއްޔަތުކަން. އެހެންވީމަ އެބޭފުޅުން އެ ބޭނުންވާ ރައްކާތެރިކަން އަޅުގަނޑުމެން މި މިނިސްޓްރީގައި ހޯދައިދޭނަން،" ޝާހިދު ވިދާޅުވި އެވެ.

ޖިންސީ ފުރައްސާރަ ކުރުމާއި އޮފީސް މާހައުލުގެ އަދަބުތަކާ ގުޅޭ ގޮތުން ފޮރިން މިނިސްޓްރީގެ ހުރިހާ މުވައްޒަފުންނަށް ތަމްރީނު ދިނުމަށް މަޝްވަރާ ކުރަމުންދާ ކަމަށް ވެސް މިނިސްޓަރު ޝާހިދު ވިދާޅުވި އެވެ.

ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރުމުން ކުރީގެ ފޮރިން މިނިސްޓަރު މުހައްމަދު އާސިމް ވަނީ ފުރަތަމަ އެ ތުހުމަތުތަކަށް ޖަވާބެއް ނުދެއްވަ އެވެ. އެ ތުހުމަތުތައް ދޮގު ކުރައްވާފައި ވަނީ އޭނާގެ މިނިސްޓަރު ކަމުގެ ފަހު ދުވަހެވެ.