ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރެވެނީ މިނިސްޓަރު އާސިމަށް، އިސްތިއުފާ ދެއްވާ: މުންދު

އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަ ކުރި ކަމުގެ ތުހުމަތު ކުރެވުނީ ފޮރިން މިނިސްޓަރު މުހައްމަދު އާސިމަށްކަން، ރާއްޖެއިން ސްރީ ލަންކާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) ހާމަކުރައްވައި، މިނިސްޓަރު އާސިމްގެ އިސްތިއުފާ އަށް މިރޭ ގޮވާލައްވައިފި އެވެ.


ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަދި ރައީސް އަބްދުﷲ ޔާމީންގެ އަރިސް ބޭފުޅުންގެ ތެރޭގަައި ވެސް ހިމެނިވަޑައިގަންނަވާ މުންދުގެ އިތުރުން، ފޮރިން މިނިސްޓްރީގެ އެހެން ބައެއް އިސްވެރިން ވެސް ގެންދަވަނީ، އެ ތުހުމަތާ ގުޅިގެން މިނިސްޓަރު އާސިމް އިސްތިއުފާ ދެއްވަން ބާރު އަޅުއްވަމުންނެވެ.

މި މައްސަލައިގައި، ފޮރިން މިނިސްޓްރީން އިއްޔެ ބަޔާން ނެރުނުއިރު، އޭގައި މިނިސްޓަރު އާސިމްގެ ނަން ހިމަނައިފައެއް ނުވެ އެވެ. ބަޔާނުގައި ބުނެފައި ވަނީ އެ މިނިސްޓްރީގެ އިސްވެރިއެއްގެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ. ފުރަތަމަ ހުށަހެޅުމުން ނުބަލައި ދޫކޮށްލި މައްސަލަ އަލުން ބަލާކަން ހާމަކޮށް ބަޔާން ނެރުނީ، އެކަމުގައި މިނިސްޓްރީ އަށް ފާޑުކިއުން އަމާޒުވުމުންނެވެ.

އަނިޔާ ލިބުނު އަންހެން މުވައްޒަފުންގެ ދިފާއުގައި ނުކުމެވަޑައިގެން މުންދު "މިހާރު" އަށް ވިދާޅުވީ މުޅި ދުނިޔޭގެ އެކި ގައުމުތަކާ ގުޅިގެން މަސައްކަތް ކުރާ މުއައްސަސާގެ އެންމެ އިސްވެރިޔާގެ ގޮތުގައި ހުންނެވި އާސިމަށް ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރެވުމަކީ ލަދުވެތި ކަމެއް ކަމަށެވެ. އެކަމުގައި އަމިއްލަ އަށް ދިފާއުވެވަޑައިނުގެންނެވޭ ނަމަ، އެންމެ ރީތި ގޮތަކީ މުވައްޒަފުން ކުރި ސީރިއަސް ތުހުމަތުތަކާ ގުޅިގެން އަމިއްލަ އަށް އިސްތިއުފާ ދެއްވައި ދުރަށް ވަޑައިގަތުން ކަމަށް ވިދާޅުވި އެވެ.

އާސިމަށް ތުހުމަތު ކުރެވުނުއިރު، އޭނާ އަކީ ބޭރު ދުނިޔޭގައި ރާއްޖެ ތަމްސީލް ކުރައްވައި، އިންސާނީ ހައްގުތަކާއި އުސޫލްތަކުގެ ދިފާއުގައި ވާހަކަ ދައްކަވާ ބޭފުޅާކަން ވެސް މުންދު ފާހަގަކުރެއްވި އެވެ.

ރާއްޖޭގެ މިދިޔަ އަހަރުގެ ގައުމީ ދުވަސް ސްރީ ލަންކާގައި ހުންނަ ދިވެހި އެމްބަސީގައި ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، މުންދު ވާހަކަ ދައްކަވަނީ.

މުންދުގެ އިތުރުން ވެސް އެކި ގައުމުތަކުގައި ތިއްބަވާ ދިވެހި ސަފީރުން ގެންދަވަނީ މި ތުހުމަތުގައި މިނިސްޓަރު އާސިމް އިސްތިއުފާ ދެއްވަން ބާރު އަޅުއްވަމުންނެވެ.

ފޮރިން މިނިސްޓްރީގައި، ޖިންސީ ފުރައްސާރައިގެ ކޮމެޓީއެއް އެކުލަވައިލައި، މައްސަލަ އިއްޔެ ބަލަން ފެށިއިރު، އާސިމްގެ ފަރާތުން އެ މިނިސްޓްރީގެ އެހެން ދެ މުވައްޒަފަކަށް ވެސް ޖިންސީ ފުރައްސާރައިގެ އަމަލުތަކެއް ކުރިމަތިވި ކަމަށް ވެ އެވެ. އެކަމަކު ދިފާއުގައި ނުކުތުމުގެ ހިތްވަރު ނުލިބުނީ، މީގެ ހަ މަސް ކުރިން ހުށަހެޅި މައްސަލަ ނުބަލައި ކޮމެޓީ ވެސް އުވާލުމުން ކަމަށް މައުލޫމާތު އެނގޭ ބަޔަކު "މިހާރު" އަށް ކިޔައިދިނެވެ.

އާސިމްގެ މައްސަލަ ބަލަން އިއްޔެ ކޮމެޓީއެއް އެކުލަވައިލުމުން ނުރުހުން ފާޅުކުރައްވައި މުންދު ވިދާޅުވީ އެ ކަން ކުރަން ޖެހެނީ މިދިޔަ އަންގާރަ ދުވަހު ނޫން ކަމަށެވެ. އެއީ ގާނޫނުގައި ބުނާގޮތުން ކޮންމެ މުއައްސަސާއެއްގައި ގާއިމްވެފައި އޮންނަން ޖެހޭ ކޮމެޓީއެއް ކަން ފާހަގަކުރެއްވި އެވެ.

މުންދު ވެސް ވިދާޅުވި ގޮތުގައި މުވައްޒަފުން ފުރަތަމަ މައްސަލަ ހުށަހެޅި ހިސާބުން ބަލަން ފަށައި މުވައްޒަފުންނަށް ނަފްސާނީ ގޮތުން ލިބުނު އަނިޔާތަކަށް ހިތްވަރުދީ، ރައްކާތެރިކަން ވެސް ދޭން ޖެހެ އެވެ.

މިހާރު އެކުލަވައިލާފައި އޮތް ކޮމެޓީން ވެސް އެކަށީގެންވާ ގޮތެއްގައި އާސިމްގެ މައްސަލަ ބަލާނެ ކަމަކަށް މުންދު ގަބޫލެއް ނުކުރައްވަ އެވެ. ސަބަބަކީ، އޭނާ ވިދާޅުވި ގޮތުގައި، ފޮރިން މިނިސްޓްރީގެ އެންމެ އިސްވެރިޔާއާ ދެކޮޅަށް ހުށަހެޅި މައްސަލަ ބަލަން، މަގާމުގެ ގޮތުން އޭނާ އަށް ވުރެން ދަށް މުއައްޒަފުންތަކެއް ހަމަޖައްސައިފައިވުމާ އެކު ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތުމެވެ. މައްސަލަ ބަލަން ފެށި ކަމަށް ބުނިއިރު، ތިން މެމްބަރުން ހިމެނޭ އެ ކޮމެޓީގެ ރިޔާސަތަށް ވެސް އަދި މީހަކު ނުހޮވާ ކަމަށް ވެ އެވެ.

"އެ ކޮމެޓީން ނިންމުމެއް ނިންމައިފިއްޔާ ވެސް ލިޔެކިޔުންތަކުގައި ސޮއި ކުރައްވަން ހުންނަވާނީ މިނިސްޓަރު. މި ހާލަތުގައި، ނުފޫޒުން އެއްކިބާވެ މައްސަލަ ބެލިދާނެ ކަމަކަށް ނުފެނޭ. އެއާ އެކު، އެ އަމަލުކުރިމަތިވި އަންހެން މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް ވެސް ފިޔަވަޅުތަކެއް އެޅިދާނެ ކަމަކަށް ވެސް ގަބޫލެއް ނުކުރެވޭ،" މުންދު ވިދާޅުވި އެވެ.

މައްސަލަ ބަލައި ފިޔަވަޅު އަޅަން ގޮވާލައްވައި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ކުރެއްވި ޓުވީޓެއް.

އާސިމް، ޖަވާބެއް ނުދެއްވައި ހިމޭނުން!

މިނިސްޓަރު އާސިމްގެ ނަން ހާމަނުކޮށް، ބަޔާނުގައި އިސްވެރިއެކޭ ލިއެފައި އޮތުން ވީ ފޮރިން މިނިސްޓްރީގެ މިނިސްޓަރުން ފެންވަރުގައި ދެން ތިއްބެވި ބޭފުޅުންނާއި އެ ނޫން ވެސް އިސް މަގާމްތަކުގައި ތިއްބެވި ބޭފުޅުންނަށް ތުހުމަތުގެ އިނގިލި ދިއްކުރެވުނު ކަމަށެވެ. މިކަމުގައި، އެ ބޭފުޅުން ހިތްހަމަޖެހިވަޑައިނުގެން މިނިސްޓަރު އާސިމަށް ސުވާލުތަކެއް ކުރިމަތި ކުރެއްވި އެވެ.

އިޒްރޭލުގެ އަމަލުތައް ކުށްވެރިކޮށް، ރާއްޖޭގެ ފޮރިން މިނިސްޓަރު އާސިމް، އޯއައިސީ ސަމިޓުގައި ވާހަކަ ދައްކަވަނީ.---ފޮރިން މިނިސްޓްރީ

އެނގިފައިވާ ގޮތުގައި، ފޮރިން މިނިސްޓްރީގެ ވެރިން ތިއްބަވާ ގްރޫޕެއްގައި އެ މައްސަލަ ވަރަށް ހޫނުވި އެވެ. އެއީ ބަޔާނުން ހުރިހާ އިސްވެރިންނަށް ތުހުމަތު ރައްދުވާ ގޮތަށް އޮތުމާއި މުވައްޒަފުންނަށް އެފަދަ އަނިޔާއެއް ކުރިމަތިވިއިރު މިނިސްޓަރު އާސިމްގެ ނުފޫޒުން އެކަން ނުބަލައި އޮއްބައިލުމެވެ.

އެ ތުހުމަތަކީ މިނިސްޓަރު އާސިމް ނުކުރައްވާ ކަމަކަށް ވާ ނަމަ، ކެރިވަޑައިގެން ނުކުންނަވައި ޖަވާބުދާރީވެވަޑައިގަތުމަށް ވެސް އެ ގްރޫޕްގެ ބައެއް ބޭފުޅުން ގޮވައިލެއްވި އެވެ. އެކަމަކު އެ ގްރޫޕަށް ފޮނުއްވި މެސެޖްތައް ބައްލަވާލެއްވުމަށް ފަހު ވެސް މިނިސްޓަރު އާސިމް އެއްވެސް އެއްޗެއް ވިދާޅެއް ނުވި ކަމަށް ވެ އެވެ.

ފޮރިން މިނިސްޓަރު އާސިމަށް ކުރެވުނު ތުހުމަތާ ގުޅިގެން "މިހާރު" ން ތަކުރާރުކޮށް ގުޅުމުން ފޯނެއް ނުނަންގަވަ އެވެ. މެސެޖު ކުރުމުން ޖަވާބެއް ވެސް ނުދެއްވި އެވެ.

ގާނޫނުގައި ބުނެފައިވާ ގޮތުން، ޖިންސީ ފުރައްސާރަ ކުރުމާއި ގޯނާކުރުމާ ބެހޭ ގޮތުން ހުށަހެޅޭ ޝަކުވާތައް ބަލައި ތަހުގީގުކޮށް ފިޔަވަޅު އެޅުމަށްޓަކައި، 30 މުވައްޒަފުންނަށް ވުރެން އިތުރުވާ ކޮންމެ ތަނެއްގައި "ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ" ކޮމެޓީއެއް އުފައްދަން ޖެހެ އެވެ. މިނިސްޓްރީތަކާއި މިނިވަން މުއައްސަސާތަކާއި ކޯޓުތަކާއި އެ ކޮމެޓީ އުފައްދަން އޮތީ ލާޒިމްކޮށްފަ އެވެ. އެ ކޮމެޓީ އުފައްދާފައި ނޯންނަ އެއްވެސް ހާލަތެއް އޮންނަން ނުޖެހޭއިރު، ފޮރިން މިނިސްޓްރީގައި ކަންތައްވެގެން ދިޔައީ އެހެނެއް ނޫނެވެ. ވަކި ހިސާބަކުން ކޮމެޓީ އަށް ވީނުވީއެއް ވެސް ނޭނގުނީ އެވެ.

ތިން މެމްބަރުންގެ ކޮމެޓީ އަށް ގާނޫނުން ބޮޑެތި ބާރުތަކާއި އިޚްތިޔާރުތަކެއް ވެސް ދީފައިވެ އެވެ. އޭގެ ތެރޭގައި، ޖިންސީ ފުރައްސާރައިގެ މައްސަލަ ބެލުމަށް ފަހު، އެކަން ހިނގި ކަން ސާބިތުވެއްޖެ ނަމަ އެ މީހަކު ވަޒީފާ އިން ވަކިކުރަން ނިންމުމުގެ ބާރު ވެސް ލިބިގެންވެ އެވެ.

އެނގިފައިވާ ގޮތުގައި، އާސިމަށް ކުރި ތުހުމަތު ޖެންޑާ މިނިސްޓްރީން ވެސް މިހާރު ތަހުގީގު އެބަކުރެ އެވެ.