ޚަބަރު / ރައީސް މުހައްމަދު ނަޝީދު

ނަޝީދުގެ ޖަލު ހުކުމްގެ އަޑުއެހުންތައް ނިންމާލައި ހުކުމާ ހަމައަށް

ކުރީގެ ރައީސް މުހައްމަދު ނަޝީދު ހއ. ދިއްދޫގައި. -- ފޮޓޯ: އެމްޑީޕީ

ޓެރަރިޒަމްގެ ކުށުގައި ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމް އަލުން މުރާޖައާ ކޮށްދިނުމަށް އެދި، ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް އެ ކޯޓުން މިއަދު ނިންމާލައިފި އެވެ.

ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ސާބިތުވެ، މާޗް 13، 2015 ގައި ކްރިމިނަލް ކޯޓުން ހުކުމް ކުރީ، އެ މަނިކުފާނުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީއަކަށް ހުންނެވި އަބްދުﷲ މުހައްމަދު ގާނޫނާ ހިލާފަށް ހައްޔަރުކޮށްގެން، ސިފައިންގެ މަރުކަޒު، ކ. ގިރިފުށީގައި ބަހައްޓާފައި ހުރި މައްސަލައިގަ އެވެ.

އަބްދުﷲ ގާޒީ ދިރިއުޅުއްވާ ގެއަށް، ޖެނުއަރީ 16، 2012ގެ ރޭ އިރާކޮޅު ސިފައިން ވަދެ އޭނާ ހައްޔަރުކޮށް ގަދަކަމުން ގިރިފުއްޓަށް ގެންގޮސް ފޮރުވި ކަމަށް ބުނެ، ނަޝީދުގެ މައްޗަށް ދައުލަތުން ކުރި ޓެރަރިޒަމްގެ ދައުވާ ސާބިތުވެ ކްރިމިނިލް ކޯޓުން ކުރި ހުކުމާ ގުޅިގެން، އެ މަނިކުފާނަށް ލިބިވަޑައިގެންނެވި އިސްތިއުނާފު ކުރުމުގެ ހައްގު ބޭނުމެއް ނުކުރައްވަ އެވެ.

އެކަމަކު، ދައުލަތުން ވަނީ ނަޝީދުގެ ހުކުމް ހައި ކޯޓާއި ސުޕްރީމް ކޯޓުގައި ވެސް އިސްތިއުނާފްކޮށްފަ އެވެ. ހައި ކޯޓުންނާއި ސުޕްރީމް ކޯޓުން ވެސް ވަނީ ކްރިމިނަލް ކޯޓުގެ ހުކުމަށް ބަދަލެއް ގެންނަން ނުޖެހޭ ކަމަށް ކަނޑައަޅައިފަ އެވެ.

ނަމަވެސް، ނަޝީދުގެ މައްޗަށް އިއްވި ހުކުމް މުރާޖައާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހެޅީ ނިމިގެން ދިޔަ ރިޔާސީ އިންތިހާބަށް ފަހު އެވެ. އަދި އެ ހުށަހެޅުމާ ގުޅިގެން ސުޕްރީމް ކޯޓުން ދައުލަތުގެ ތަންފީޒީ އިދާރާތަކަށް އަމުރު ކޮށްފައިވަނީ، އެ މައްސަލައިގައި އެ ކޯޓުން ވަކި ގޮތެއް ނިންމަންދެން، ނަޝީދުގެ ހުކުމް ތަންފީޒު ކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް ނޭޅުމަށެވެ.

މި މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ އެ މަނިކުފާނުގެ މައްޗަށް ކުރި ތުހުމަތާ ގުޅިގެން ޖިނާއީ ދައުވާއެއް ކޮށް ހުކުމެއް ކުރާނެ ކަމަށް ފަނޑިޔާރުން ވެސް ގަބޫލުފުޅު ނުކުރައްވާނެ ކަމަށެވެ. އަދި އަބްދުﷲ ގާޒީ ހައްޔަރު ކުރީ އެމްއެންޑީއެފުން ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އެކަމުގައި އަޅުގަނޑުގެ ބައިވެރިވުމެއް އަދި މަޝްވަރާއެއް އަރުވައިފައެއް ނުވާނެ. އެހެންވެ މި މައްސަލަ މިއަދު ނިންމަވައިދިނުމަށް އެދެން،" ސުޕްރީމް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އެގޮތަށް ވިދާޅުވުމުން އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވީ މި މައްސަލައިގައި ހުކުމް ކުރުމުގެ ކުރިން ބަލަންޖެހޭ ކަންކަން އެބަހުރި ކަމަށެވެ. އަދި މިއަދު ހުކުމެއް އިއްވަން ދަތިވާނެ ކަމަށާއި ނަމަވެސް މިއީ އަވަސްމިނެއްގައި ނިންމަންޖެހޭ މައްސަލައެއް ކަމަށްވާތީ ހުކުމް އިއްވުމަށް ވަރަށް އަވަހަށް އަޑުއެހުމެއް ބާއްވާނެ ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނަރަލް މަރިޔަމް ނިހާޔަތު ވިދާޅުވީ ނަޝީދުގެ މައްޗަށް އިއްވި ޖަލު ހުކުމް މުރާޖައާކޮށް ދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅީ ނަޝީދުގެ ފަރާތްޕުޅުން ތަކުރާރުކޮށް، އެ އޮފީހުގައި އެދެމުންދާތީ ކަމަށެވެ. އަދި މިއީ "އާންމު މަސްލަހަތު" މަތީ ދަރަޖައަކަށް އޮތް މައްސަލައެއްގެ ގޮތުގައި ނިހާޔަތު ފާހަގަ ކުރެއްވި އެވެ.

ޖިނާއީ މައްސަލައަކާ ގުޅިގެން ކޯޓަކުން އިއްވާފައިވާ ހުކުމެއް ނުވަތަ ނިންމާފައިވާ ނިންމުމެއް އިސްތިއުނާފް ކުރަން ހުށަހެޅުމާއި، ގާނޫނުއަސާސީގެ އެންމެހާ ހަމަތަކާއި، ގާނޫނާއި، އެންމެހާ ފަރުދުންގެ ހައްގުތަކާއި މިނިވަންކަން ނެގެހެއްޓުމަކީ ޕްރޮސެކިއުޓާ ޖެނެރަލްގެ ބާރުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ވެސް ނިހާޔަތު ވިދާޅުވި އެވެ. އަދި ނަޝީދުގެ މައްސަލައިގައި މިހާތަނަށް ފައިސަލާ ކުރުވަނިވި ހުކުމެއް އިއްވާފައިނުވާތީ މި ކަމުގައި ގޮތެއް ނިންމަން ޖެހޭ ކަމަށް ވެސް ނިހާޔަތު ވިދާޅުވި އެވެ.

އެހެންވެ، މައްސަލަ ބައްލަވާ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު ޢަބްދުﷲ އަރިހުން އެދިވަޑައިގަތީ ނަޝީދުގެ މައްޗަށް އިއްވި ހުކުމް މުރާޖައާކޮށް ދެއްވުމަށެވެ.

އަޑުއެހުމުގައި ނަޝީދުގެ ވަކީލު، ހިސާން ހުސައިން މައިގަނޑު ގޮތެއްގައި ވިދާޅުވީ ނަޝީދުގެ ޝަރީއަތް ކުރިއަށް ގެންދިޔައީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފަށް ކަމަށެވެ. އެގޮތުން، ފެބްރުއަރީ 22، 2012 ގައި ނަޝީދު ބަންދުގައި ބަހައްޓައިގެން ޝަރީއަތް ކުރިއަށް ގެންދިއުމަށް އެދުނީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށާއި ފުލުހުންގެ ތަހުގީގު ކުރިއަށް ދިޔައިރު ނަޝީދާ ސުވާލު ވެސް ނުކުރާ ކަމަށެވެ.

ހިސާން ވިދާޅުވި ގޮތުގައި، ނަޝީދުގެ މައްޗަށް ދައުވާ އުފުލީ ވެސް ގާނޫނުއަސާސީއާ ހިލާފަށެވެ. އަދި ނަޝީދުގެ މައްސަލަ ހުޅުމާލޭ ކޯޓުގައި އޮއްވައި އެ މައްސަލަ މުރާޖައާކުރުމަށް ކަމަށް ބުނެ، ޕީޖީން މައްސަލަ އަނބުރާ ގެންގޮސް ކްރިމިނަލް ކޯޓަށް ހުށަހެޅީ އިޖުރާއާތުތަކާ ހިލާފަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީގެ ކުރިން މި މައްސަލައިގައި ބޭއްވި އަޑުއެހުންތަކުގައި ހިސާން ފާހަގަ ކުރެއްވި ގޮތަށް، މިއަދު ވެސް އޭނާ ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރު ކުރުމަކީ ނަޝީދު ކުރެއްވި އަމަލެއް ނޫން ކަމަށެވެ. އަދި އެ ކަމުގައި އަމަލީ ގޮތުން ބައިވެރިވެފައިވަނީ ސިފައިން ކަމަށް ވެސް ހިސާން ވިދާޅުވި އެވެ. އެހެންވެ، ނަޝީދުގެ މައްޗަށް މި މައްސަލައިގައި ދައުވާ ކުރެވިގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަޝީދު ހައްޔަރު ކުރަން ނެރުނު އަމުރުތައް ގާނޫނާ ހިލާފު ކަން ފާހަގަ ކުރައްވައި، ހިސާން ވިދާޅުވީ ނަޝީދުގެ މައްޗަށް ހުކުމް ކުރީ ގާނޫނީ ވަކީލެއްގެ ހައްގު ގެއްލޭ ގޮތަށް، ވަކީލެއްގެ ފުރުސަތު ނުދީ ކަމަށެވެ. އަދި ނަޝީދުގެ މައްސަލަ ބެއްލެވި ދެ ގާޒީންނަކީ ތަހުގީގަށް ހެކިބަސް ދިން ދެ ގާޒީން ކަމަށް ވެސް ވިދާޅުވި އެވެ. އެ ދެ ގާޒީން ތަނާޒުލްވާން އެދުނު ނަމަވެސް، އެ ކަން ވެސް ނުކުރާ ކަމަށް ހިސާން ވިދާޅުވި އެވެ.

އެހެންވެ، ހިސާން އެދިވަޑައިގަތީ ނަޝީދުގެ މައްސަލައިގައި އަދުލުވެރި ޝަރީއަތެއް ހިންގާފައި ނުވާތީ، އެ މަނިކުފާނުގެ މައްޗަށް ކުރީ ސައްހަ ނޫން ދައުވާއެއް ކަމަށް ކަނޑައަޅައި، ނަޝީދުގެ މައްޗަށް ކުރި ހުކުމް ބާތިލު ކޮށްދޭށެވެ. އަދި ނަޝީދުގެ މައްސަލައެއް ނެތް ކަމަށް ކަނޑައަޅައިދިނުމަށް އެދިވަޑައިގެންނެވި އެވެ.

ފަނޑިޔާރުންގެ ބެންޗުން ދެ ފަރާތާ ގިނަ ސުވާލުތަކެއް

މިއަދުގެ އަޑުއެހުމުގައި ފަނޑިޔާރުންގެ ބެންޗުން ވަނީ ނަޝީދުގެ ވަކީލުންނާއި ދައުލަތުގެ ވަކީލުންނަށް އަމާޒު ކުރައްވައި، ގިނަ ސުވާލުތަކެއް ކުރައްވައިފަ އެވެ. އެގޮތުން، އުއްތަމަ ފަނޑިޔާރު ވަނީ އަބްދުﷲ ގާޒީ ހައްޔަރު ކުރަން ޖެހުނީ ކީއްވެތޯ ސުވާލު ކުރައްވައިފަ އެވެ.

އޭގެ ޖަވާބުގައި ހިސާން ވިދާޅުވީ އެމްއެންޑީއެފުން އަބްދުﷲ ގާޒީ ހައްޔަރު ކުރީ، ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ގަބޫލު ކުރެވިގެން ކަމަށެވެ. ނަމަވެސް އެއީ ނަޝީދުގެ އެންގެވުމަކަށް އެމްއެންޑީއެފުން ކުރި ކަމެއްކަން ދައުލަތަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށް ހިސާން ވިދާޅުވި އެވެ.

"މުއައްސަސާއަކުން ކުރާ ކަމަކުން ޖިނާއީ ދައުވާއެއް އެހެން މީހެއްގެ މައްޗަށް ކުރުމަކީ ހަމަޖެހޭ އުސޫލަކަށް ނުވާނެ. އެހެން ބަޔަކު ކުރި ޖިނާއީ އަމަލަކަށް ނަޝީދު ކްރިމިނަލް ރެސްޕޮންސިބިލިޓީ ނަންގަވަން ޖެހޭނެ ކަމަކަށް އަޅުގަނޑުމެން ގަބޫލެއް ނުކުރަން،" ހިސާން ވިދާޅުވި އެވެ.

ހިސާން ވިދާޅުވި ގޮތުގައި، އަބްދުﷲ ގާޒީގެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުން އޭރު މަސައްކަތް ކުރި އެވެ. އެކަމަކު، އެކަން ކާމިޔާބުނުވާ ކަމަށް ވެސް ހިސާން ވިދާޅުވި އެވެ. އެހެންވެ، ފުލުހުން ހޯދީ އެމްއެންޑީއެފްގެ އެހީތެރިކަން ކަމަށް ވެސް ހިސާން ވިދާޅުވި އެވެ.

ނަޝީދު ކުރެއްވި ކަމަކީ ޖިނާއީ އަމަލެއް ހިމެނޭ ކަމެއްތޯ ފަނޑިޔާރުންގެ ބެންޗުން ސުވާލު ކުރުމުން ނިހާޔަތު ވިދާޅުވީ ހިސާން ފާހަގަ ކުރެއްވި ގާނޫނީ ނުކުތާތަކާ މެދު އެއްޗެއް ބުނެވޭނީ އިތުރު ވަގުތު ލިބިގެން ކަމަށާއި ފަނޑިޔާރުން އެ ފުރުސަތު ދެއްވައިފި ނަމަ، އެކަމުގެ ޖަވާބު ދެއްވާނެ ކަމަށެވެ. ނަމަވެސް އެ ކަމަށް އިތުރު ވަގުތެއް ނުދީ، ފަނޑިޔާރުންގެ ބެންޗުން ނިންމީ ދެން އޮންނަ އަޑުއެހުމެއްގައި ހުކުމް އިއްވުމަށެވެ.

17 ކޮމެންޓް, 39 ރިއެކްޝަންސް

icon happy icon happy 82%
icon sad icon sad 5%
icon angry icon angry 13%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިންސާފު ގަނޭ

19 November 2018

އިންސާފަކީ ފައިސާއަށް ގަންނަ އެއްޗެކެވެ. އާދައިގެ ނިކަމެތިން މި އިންސާފު ގަންނާނީ ކިހިނެއް؟ އެއްވެސް މީހަކީ ޤާނޫނުގެ މަތީގަ ތިބި ބައެއް ނޫން، މައުމޫނާ ނަޝީދުއާ އިމްރާން ފިޔަވާ. މި މީހުން ޖުޑިޝަރީ އިސްލާހު ކުރާ ވާހަކަ ދައްކަން ލަދު ގަންނަން ޖެހޭނެ. އެކަންވެސް ކުރާނީ އެމީހުންނަށް ފައިދާވާ ގޮތަށްކަން މިހާރު ޔަޤީންވެއްޖެ. ރައްޔިތުން ގުނބޯ ހައްދައިގެން އެއޮތީ ވެރިކަން ވެސް ހޯދާފަ. ދެން ކުރާނީ ކޮން ފަދަ ކަމެއްކަން ވެސް ނޭނގެ..

The name is already taken The name is available. Register?

ސުވާލު

19 November 2018

އަބްދުﷲ ޤާޟީ ހައްޔަރު ކުރި ކަމަށް ކިތަށް ފަހަރު ނަޝީދު އިއުތިރާފުވި. ކިތައް ފަހަރު މާފަށް އެދުނު. ކުށަށް އަރައިގަނެފަ، ކުށުގެ އަދަބު ލިބި ނުގަތުމުގެ އިޚްތިޔާރު ނަޝީދަށް ދޭއިރު އާދައިގެ ނިކަމެތިންނަށް ވެސް ތި އިޚްތިޔާރު ދޭންވާނެ ނޫންތޯ؟

The name is already taken The name is available. Register?

ޙުދުސާފު

19 November 2018

ހުރިހާ ކަމެއް ވަރަށް ސާފު ކުށެއްނެތްކަމަށް ތިކަން ނިންމާނީ. ޥަރަށް ސާފު.

The name is already taken The name is available. Register?

ނަން

19 November 2018

ޢަބްދުﷲ ގާޒީއަށް މީހެއް މަރަން ބައިވެރި ވި ކަމަށް ހުކުމް ކޮއްފަ، ދެން ބަގާވަތް ކުރި މީހުންނަށް ހުކުމް ކޮއްފަ، އެންމެ ފަހުން ދެން ހެޔޮ ނަސީދު ޖަލަށް ލާން ހުކުމް ކުރިޔަސް!! މިނޫން އިތުރުގޮތެއް ގަބޫލެއް ނުކުރާނަމެވެ.

The name is already taken The name is available. Register?

އަބްދޫ

19 November 2018

ގާޒީ ހައްޔަރުކުރީ އެމްއެންޑިއެފުން ކަމަށް ނަސީދު ވިދާޅުވެއްޖެ ނަމަ އެ ވެވުނީ އިއުތިރާފް.އެމްއެންޑީއެފް އެއީ ސިފައިންގެ މަހުކަމާ އަށްވާއިރު ސިފައިންގެ އެންމެ އިސްވެރިޔަކީ ރައީސުލް ޖުމަހޫރިއްޔާކަމަށް ގާނޫނުއަސާސީ ކަށަވަރުކޮށްދީފައިވާތީ ސިފައިންގެ އިސްވެރިޔާ ނުވަތަ އެމްއެންޑީ އެފް ގެ އިސްވެރިޔާ އަކީ ރައީސް ކަން ގާނޫނުއަސާސީ ކަށަވަރު ނުކުރާތަ ؟އިސްވެރިޔާއަށް ނަސިދު ވާއިރު ބއިވެރިވުމެއްނެތި ހައްޔަސރުކުމުން ދޫކުރުމުގެ އަމުރު ނުނެރުމުން ބައިވެރިވެވޭދޯ

The name is already taken The name is available. Register?

އިންސާފު

19 November 2018

ވިދާޅުވި އަޅުގަނޑު މީހަކު ހައްޔަރުކުރާނަމޭ އަދި އެކަމާ މުޅި ޢުމުރަށް ހިތާމަކުރާނަމޭ ވިދާޅުވި. އެހައްޔަރުކުރި މީހާއަށް ފަނޑިޔާރުގެއާ ސަތޭކަ ފޫޓާ ކައިރިއަށް ވެސް ނާދެވޭނެއޭ ކޮންމެ މީހަކު ކުށެއް ކުރިއަސް އެކުށް ކުރީ ކިހާ ވަރެއްގެ ބަރުދަނެއް ހުރި މީހެއްތޯ ނުބަލާ. އެކުރި ކުށަކަށް އިންސާފުވެރި ހުކުމެއްކުރުމަކީ ޢަދުލު އިންސާފު ޤާއިމްކުރަން ތިއްބަވާ ވެރިންގެ މައްޗައް ވާޖިބު ކަމެއް..

The name is already taken The name is available. Register?

ސަރުސީ ކުމާރު

19 November 2018

ކަޑައެޅިގެން ދޮގެއް އަމިއްލަޔައްބުނެފައޮތީ އަބުދުއްޅޯގާޒީއައް 100ފޫޓާހަމަޔައް ކާރިނުވެވޭނެކަމައް ސިފައިންނާ ފުލުހުންނައް އަންގާނެކަމައް ދެންމިހާރު ކޯޗެއްކިޔާކައް ހުކުމް ކުރެވިދާނެ ކޮންމެގޮތަކައްވެސް މިއަދުކަލޭމެންގެ ބާރުއޮތީ

The name is already taken The name is available. Register?

ނޫސް ބަލާމީހާ

19 November 2018

ކިހިނެތް ވާނެބާ؟ ގައިމުގެސް ޤާޒީޔަކު ޤާނޫނާޚިލާފަށް ހައްޔަރުކުރުމަކީ ކުށެއް. މައްސަލަ އަލުން ބެލުންބާ؟ ނޫނީ ސާބިތުވާވަރަށް ކޯޓަށް ބަޔާނާ ހެކި ލިބިފައިވާނެބާ؟ އަދުލު އިންސާފުގެ ބޮޑު ވަގުތުކޮޅެއް ތިޔައީ

The name is already taken The name is available. Register?

ސޔާނު

19 November 2018

ކޯޓާ ސަތޭކަ ފޫޓަށް އަބުލޯ ގާޒީއަށް ގާތް ނުވެވޭނެކަމަށާއި، އަލުން ވެރިކަން ލިބުނަސް ގާޒީ ހައްޔަރުކުރާނޭކަމަށް ވިދާޅުވ8 ހަނދާން ނެތުނީބާ

The name is already taken The name is available. Register?

ޓާޒަން / ބ.ހިތާދޫ

19 November 2018

އިބޫ ހޮވުނުހިސާބުން ފަޓާސްބަރިއެއްހެން ހުކުންއައިގޮތުން މި ހުކުން އަންނާނެގޮތް ވަރަށް ސާފް. ބޮޑުމަންޒަރު ވަކިންބޮޑަށް ސާފް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454