ފާރިސް ޖޭއެސްސީގެ މެމްބަރުކަމުގެ ހުވާ ކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އައްޔަން ކުރެއްވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން މެމްބަރު ކަމުގެ ހުވާ މިއަދު ކުރައްވައިފި އެވެ.


ޖޭއެސްސީގެ މެމްބަރުކަމުގެ ހުވާ ކުރެއްވުމަށް ފަހު، ފާރިސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގާނޫނުއަސާސީ އާއި ގާނޫނުތަކުގައިވާ ގޮތުގެ މަތިން ޖޭއެސްސީގެ މެމްބަރުކަމުގެ ޒިންމާތައް އަދާކުރައްވާނެ ކަމަށެވެ. އަދި ޝަރުއީ ދާއިރާ އިސްލާހުކޮށް، ރައްޔިތުންގެ އިތުބާރު ހޯއްދަވަން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ފާރިސް މިއަދު ކުރެއްވި ޓުވީޓު.

ފާރިސް ޖޭއެސްސީގެ މެމްބަރު ކަމަށް އައްޔަން ކުރަން ފާސް ކުރީ، ކުރިން އެ މަގާމުގައި ހުންނެވި ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ނަގައި މަގާމުން ދުރު ކުރުމަށް ފަހު އެވެ. ރިޒާ ވަނީ ޖޭއެސްސީގެ މެމްބަރެއްގެ ގޮތުގައި ހަތަރު އަހަރު ހޭދަ ކުރައްވައިފަ އެވެ.

ޖޭއެސްސީގެ މެމްބަރުކަމަށް ފާރިސް އައްޔަން ކުރަން ފެންނަ ކަމަށް ވެރިކަން ކުރާ ކޯލިޝަން މައި ޕާޓީ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީންނާއި އިދިކޮޅު ޕީޕީއެމް އަދި އެމްޑީއޭ މެމްބަރުން ވޯޓު ދެއްވި އެވެ. އެގޮތުން، ފާރިސް އެ މަގާމަށް އައްޔަން ކުރަން 67 މެމްބަރުން ވޯޓު ދެއްވި އެވެ.

ޖޭއެސްސީގައި ތިއްބަވާ 10 މެމްބަރުންގެ ތެރެއިން ތިން މެމްބަރުންނަކީ ސީދާ މަޖިލީހުން ކަނޑައަޅާ މެމްބަރުންނެވެ. އެއީ މަޖިލީހުގެ ރައީސާއި މަޖިލީހުން ކަނޑައަޅާ މެމްބަރުގެ އިތުރުން އާންމުންގެ ތެރެއިން އެ މަޖިލީހުން ކަނޑައަޅާ މެމްބަރެވެ.

ޖޭއެސްސީގައި ދެން ބާކީ ތިއްބަވާ ހަތް މެމްބަރުންނަކީ ރައީސުލްޖުމްހޫރިއްޔާގެ މެމްބަރަކާއި ބަންޑާރަ ނައިބާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސްގެ އިތުރުން ވަކީލުންގެ ތެރެއިން އިންތިޚާބުކުރާ މެމްބަރަކާއި ތިން މަރުހަލާގެ ކޯޓުތަކުގެ ތިން ފަނޑިޔާރެކެވެ.