ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަވެފައިި ވިޔަސް ދައުލަތުގެ ހެލްތު އިންޝުއަރެންސް، ހުސްނުވާ އާސަންދަ ލިބޭ ގޮތަށް އާސަންދަ ކުންފުނިން ހަމަަޖައްސައިފި އެވެ.
އާސަންދަ ކުންފުނިން މިއަދު ބުނީ އެގޮތަށް ހަމަޖެއްސީ އައިޑީ ކާޑު ހުށަހެޅުމުން ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ހިދުމަތް ލިބޭނެ ގޮތް ހެދުމަށް ކަމަށެވެ. ކުރިން އަމަލުކުރަމުން އައި ގޮތަކީ އައިޑީކާޑްގެ މުއްދަތު ހަމަވެފައި ވާނަމަ ހިދުމަތް ނުދިނުމެވެ.
އާސަންދައިގެ ހިދުމަތްދޭ ކުންފުނިތަކަށް މިއަދު ފޮނުވި ސާކިއުލާއެއްގައި ބުނީ ހުށަހަޅާ ކާޑަކީ ހިދުމަތް ހޯދާ ފަރާތުގެ ކާޑުކަން ކަށަވަރު ކުރުމަށް ފަހު ހިދުމަތް ދިނުމަށެވެ.
އާސަންދައިގެ ހިދުމަތަށް ބަދަލުތަކެއް ގެންނަވާނެ ކަމަށް ރައީސް ކަމުގެ ހުވާ ކުރެއްވުމަށް ފަހު އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފަ އެވެ. އާސަންދައިގެ ހިދުމަތް ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށް ވެސް ލިބޭނެ ގޮތް ހަމަޖައްސައިދެއްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"ނޭޝަނަލް މެންޓަލް ހެލްތު އިންސްޓިޓިއުޓް އުފައްދައި ނަފްސާނީ ބަލިތަކަށް ދެވޭ ފަރުވާ އަށް އާސަންދަ ލިބޭނޭ އިންތިޒާމު ހަމަޖެހިގެންދާނެ،" ވެރިކަމުގެ ފުރަތަމަ 100 ދުވަހު ކުރައްވާނެ ކަންކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވި އެވެ.
ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން މި އަހަރު ނެރުނު ރިޕޯޓެއްގައި ބުނެފައި ވަނީ އާސަންދައިގެ ހިދުމަތް ދޭން ބިނާކޮށްފައިވާ ނިޒާމަކީ އެކަށީގެންނުވާ އޮޅުންބޮޅުން ބޮޑު ނިޒާމެއް ކަމަށެވެ. އަދި މެދުނުކެނޑި ސިއްހީ ރައްކާތެރިކަން ފޯރުކޮށްދިނުމަށް މި އަށް ވުރެ ރަނގަޅު ނިޒާމެއް ވަރަށް އަވަހަށް ބިނާ ކުރަންޖެހޭނެ ކަމަށް ވެސް ޑަބްލިއުއެޗްއޯ އިން ބުނެފައިވެ އެވެ.