ސިއްހީ ހިދުމަތާއި ބޭސްފަރުވާއަށް ފަސް އަހަރުގެ ތެރޭގައި 35 ބިލިއަނަށް ވުރެ ރުފިޔާ ހަރަދު ކޮށްފައިވާކަން، އާސަންދައިގެ ޕާފޯމަންސް އޮޑިޓުން ދައްކައިފި އެވެ. 

އޮޑިޓު އޮފީހުން މިއަދު އާއްމުކުރި، ޕާފޯމަންސް އޮޑިޓް ރިޕޯޓުގައި ބުނީ ސިއްހީ ހިދުމަތް ދިނުމާއި ބޭސްފަރުވާ އަށް ދައުލަތުން ކުރާ ހަރަދާއި އާސަންދަ ސްކީމުން ކުރާ ހަރަދާއި ސްކީމުގެ ބޭރުން ކުރާ ހަރަދަށް 2019 އިން ފެށިގެން 2024 ގެ ނިޔަލަށް ޖުމްލަ 35.8 ބިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށެވެ.

އެއީ އެވްރެޖުކޮށް، އަހަރަކަށް 5.9 ބިލިއަން ރުފިޔާ އެވެ. 

ރިޕޯޓުގައި ބުނީ ހޮސްޕިޓަލްތަކަށް ކުރާ ހޭދަ ފިޔަވައި ދައުލަތުގެ ބަޖެޓުން ދެން އެންމެ ބޮޑު ހޭދައެއް ކުރަނީ އާސަންދަ ސްކީމަށް ކަމަށެވެ. އެ މުއްދަތުގެ ތެރޭގައި އާސަންދަ ސްކީމަށް 16 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.

އޮޑިޓަ ޖެނެރަލްގެ އޮފީހުން ބުނީ އާސަންދައިގެ ހިދުމަތް ހޯދި މީހުންގެ އަދަދު އިތުރުވި ރޭޓަށް ވުރެ ސްކީމްގެ ހަރަދު އިތުރުވެފައިވާ ކަމަށެވެ. އޭގެ ތެރެއިން، ސްކީމުން 2019-2024 ގެ ނިޔަލަށް ހިދުމަތް ހޯދި އަދަދު ހަތް ޕަސެންޓު އިތުރުވެ، ސްކީމްގެ ހަރަދުތައް 32 ޕަސެންޓް އިތުރުވެފައިވާ ކަމަށެވެ.

ޕާފޯމަންސް އޮޑިޓް ރިޕޯޓުުން ފާހަގަވި ބައެއް ކަންކަން

- އާސަންދަ ސްކީމުން އެންމެ ބޮޑު ހަރަދެއް ކުރަނީ ޑޮކްޓަރީ ބޭހަށް. އަހަރަކަށް އެވްރެޖުކޮށް 924.8 މިލިއަން ރުފިޔާ ހަރަދުކުރޭ. އެ ހަރަދު އަހަރަކު ހަތް ޕަސެންޓު އިތުރުވޭ

- އަމިއްލަ ހޮސްޕިޓަލްތަކަށް ފަސް އަހަރުގެ ތެރޭގައި 3.1 ބިލިއަން ރުފިޔާ ދޫކޮށްފައިވޭ. އެ މުއްދަތުގައި 83 ކްލިނިކާއި ދެ ހޮސްޕޓަލް އާސަންދައިގައި އެމްޕެނަލް ވެފައިވޭ. އަދި ކްލިނިކްތަކަށް 779،809،306ރ. ހަރަދުކުރި. ސްކީމުން ކްލިނިކްތަކަށް ކުރާ ޖުމްލަ ހޭދަ ކުޑަވިއަސް އެ ހަރަދު ވެސް އަހަރަކު 18 ޕަސެންޓު އިތުރުވޭ. 

- ވިޒިޓިން ޑޮކްޓަރުންނަށް ވެސް ބަލި މީހުން ރާއްޖެއިން ބޭރަށް ރިފާ ކުރެވޭ

- ގިނަ މީހުން ބޭރަށް ފޮނުވާ  ބަލިތަކުގެ ސްޕެޝަލިސްޓުން ރާއްޖޭގައި ގާއިމްކުރިއަސް، އެ ފަރުވާއާ ގުޅޭ ކޭސްތަކެއް ރާއްޖެއިން ބޭރަށް ފޮނުވަން ޖެހޭ. ރާއްޖެ އިން ބޭރުން ފަރުވާ ހޯދަން 2019-2024 އަށް 1.6 ބިލިއަން ރުފިޔާ ހަރަދު ކޮށްފައިވޭ. ސްޕެޝަލިޓީތަކުގެ ފަރުވާ ތަރައްގީ ކުރަން ބޭރުގެ ހޮސްޕިޓަލްތަކާ އެކު، ވެފައިވާ އެއްބަސްވުންތައް ތަންފީޒު ކޮށްފައެއް ނުވޭ

- އާސަންދަ އަށް 2027 ވަނަ އަހަރު ކުރާ ހަރަދު ހަތަރު ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ލަފާކުރެވޭ. އެއީ 2019 ވަނަ އަހަރާ އަޅާބަލާއިރު 62 ޕަސެންޓުގެ އިތުރު އަދަދެއް

- އާސަންދަ ސްކީމް ހިންގަނީ ގާނޫނުގައި ތަސައްވުރު ކޮށްފައިވާ ގޮތަށް ނޫންކަން. ގާނޫނުގައިވާ ގޮތަށް ޕްރިމިއަމް އިންޝުއަރެންސް ނިޒާމެއްގެ ތެރެއިން ހިންގާނަމަ 2023 ގެ ހަރަދުން 1.6 ބިލިއަން ރުފިޔާ މަދުވާނެ ކަމަށް އަންދާޒާކުރެވޭ

އިސްލާހުކުރަން ލަފާ ދިން ބައެއް ކަންކަން

- ބޭހަށް ކުރާ ހޭދަ ކުޑަކުރުން އެމްއާރުޕީ ތަންފީޒުކުރުން

- ފަރުވާ ހޯދާ މީހުންގެ ފަރުދީ ޒިންމާ އިތުރުކޮށް، ހަރަދު ކުޑަކުރަން ރާއްޖެ އިން ބޭރުން ހޯދާ ފަރުވާއަށް ކޯ-ޕޭމަންޓު ސިސްޓަމެއް ތައާރަފްކުރުން

- ދައުލަތުގެ އެހީ ބޭނުންވާ މީހުންނަށް އަމާޒުކޮށް ޓާގެޓެޑް ސަބްސިޑީ ތައާރަފްކޮށް، މެޑިކަލް ވެލްފެއާ ބަދަލުތައް ގެނައުން

- ގިނަ މީހުން ފަރުވާ ހޯދާ ސްޕެޝަލިޓީތަކާ ގުޅޭ ދިރާސާތައްކޮށް، ބަލިތައް އިތުރުވާ ސަބަބުތައް ދެނެގަނެ، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން