އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރަކަށް ތޮއްޔިބު

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ)ގެ މެނޭޖިން ޑިރެކްޓަރަކަށް ތޮއްޔިބު މުހައްމަދު މިއަދު ހަމަޖައްސައިފި އެވެ.


ބޭރު ދުނިޔޭގައި، ރާއްޖެ އިޝްތިހާރުކުރަން އުފައްދާފައިވާ ކުންފުނީގެ އެމްޑީއަކަށް ތޮއްޔިބު ހަމަޖެއްސިއިރު މިއީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ އިސް މަގާމަކަށް އައްޔަންކުރި ފުރަތަމަ ބޭފުޅާ އެވެ.

ތޮއްޔިބު ވަނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަން ކުރައްވައިފަ އެވެ. އަދި، އެމްއެމްޕީއާރުސީގެ ޗެއާމަންގެ މަގާމު ވެސް ފުރުއްވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަން ފެށުމުގެ ކުރިން، އިންތިގާލީ މަރުހަލާގައި، ކުންފުނިތަކުގެ ހާލަތު ދެނެގަތުމަށް އުފެއްދި ކޮމެޓީގައި ވެސް ތޮއްޔިބު މަސައްކަތް ކުރެއްވި އެވެ. މޯލްޑިވްސް އިންޓަގްރޭޓެޑް ޓުއަރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އާއި އެމްޓީޑީސީ އާއި އެމްއެމްޕީއާރުސީ އާއި ޕީއެސްއެމްގެ ހާލަތު ބެލި ކޮމެޓީގެ މުގައްރިރު، ތޮއްޔިބު ވިދާޅުވެފައި ވަނީ، އެ މަސައްކަތުގައި، ބައެއް ކުންފުނިތަކުގެ ޚަރަދުތަކުގެ ތަފްސީލް ނުލިބުނު ކަމަށެވެ. އޭގެ ތެރޭގައި، އެމްއެމްޕީއާރުސީ އާއި ދައުލަތުގެ މީޑިއާ ހިންގާ ޕީއެސްއެމް ހިމެނޭ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

ފަހުގެ ތާރީޚެއްގައި ރާއްޖޭގެ އެންމެ ބޮޑު ޚިޔާނާތް، ހިންގީ އެމްއެމްޕީއާރުސީ މެދުވެރިކޮށެވެ. ޓޫރިޒަމްގެ ބޭނުމަށް ފަޅުތަކާއި ރަށްތައް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ 1.2 ބިލިއަން ރުފިޔާ އަށް ޚިޔާނާތްތެރިވެފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެ އެވެ. ކުރީގެ ނައިބު ރައީސް، އަދި ޓޫރިޒަމް މިނިސްޓަރު ކަން ވެސް ކުރެއްވި އަހްމަދު އަދީބަށް ޖަލު ހުކުމް އައި ޚިޔާނާތް، ހިންގިއިރު، އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރަކީ އަބްދުﷲ ޒިޔަތެވެ.

ޚިޔާނާތް ފަޅާއަރައި، އޭނާ ޖަލަށް ލުމުން އެކްޓިން އެމްޑީއެއްގެ ގޮތުގައި ހުންނެވީ ހާރިސް މުހައްމަދެވެ.