ރައީސަށް، އެއްބާރުލުން ދެއްވަން ވަހީދު ހުށަހަޅުއްވައިފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ވަހީދު މިއަދު ބައްދަލު ކުރައްވައިފި އެވެ.


ދޮޅު އަހަރެއްހާ ދުވަހު ރާއްޖޭގެ ވެރިކަން ކުރެއްވި ވަހީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައި، އެކުވެރިކަމާއި އެއްބާރުލުން ދެއްވަން ހުށަހެޅުއްވި ކަމަށެވެ. އަދި ހުރިހާ ދާއިރާއަކުން ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކުރިއެރުން ލިބިވަޑައިގަތުމަށް އެދިވަޑައިގަންނަވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ނައިބު ރައީސްކަން ކުރެއްވި ވަހީދު ވިދާޅުވި އެވެ.

ވަހީދު މިއަދު ކުރެއްވި ޓުވީޓު

އެ ބައްދަލުވުމާ ގުޅޭ މައުލޫމާތެއް އަދި ފޮޓޯއެއް ވެސް ރައީސް އޮފީހަކުން އަދި ހާމައެއް ނުކުރެ އެވެ. އާއްމު ގޮތެއްގައި، ރައީސް ބާއްވަވާ އެފަދަ ބައްދަލުވުންތަކުގެ މައުލޫމާތު މީޑިއާ އަށް އާންމު ކުރެ އެވެ.

ރައީސްކަމުން ނަޝީދު އިސްތިއުފާ ދެއްވިއިރު، އެމަނިކުފާނުގެ ނައިބަކަށް ހުންނެވި ވަހީދު ފަހުން ރައީސްކަމާ ހަވާލުވެވަޑައިގަތުމަކީ އެމްޑީޕީގެ ގިނަ ބައެއްގެ ނުރުހުން އަދިވެސް އަމާޒު ވެފައިވާ ކަމެކެވެ.

އިބްރާހިމް މުހައްމަދު ސޯލިހް ރާއްޖޭގެ ވެރިކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު (ކ) އަދި ކުރީގެ ރައީސް މުހައްމަދު ވަހީދު ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ނިޝާން އަލީ /މިހާރު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ވަހީދު ވަޑައިގަންނަވާނެކަން އިއުލާން ކުރެއްވުމުން އެމްޑީޕީގެ ބައެއް ސަޕޯޓަރުން ވަނީ އެކަމާ ދެކޮޅު ހަދައިފަ އެވެ. ނަމަވެސް އެ ރަސްމިއްޔާތުގައި ވަހީދު ބައިވެރިވެވަޑައިގެންނެވި އެވެ.

އަޙްމަދު އުޝާމް

2

ވިލިމާލެ ދާއިރާ