އެއް ފަހަރު ބޭނުން ކުރާ ޕްލާސްޓިކް ރައީސް އޮފީހުގައި މަނާކޮށްފި

އެއް ފަހަރު ބޭނުން ކޮށް އުކައިލާ ޕްލާސްޓިކް ރައީސް އޮފީހުގައި ބޭނުން ކުރުން މިއަދުން ފެށިގެން ހުއްޓާލައިފި އެވެ.


އެފަދަ ޕްލާސްޓިކް ބޭނުން ކުރުން ހުއްޓައިލުމުގެ ޕްރޮގްރާމް ފެށުމުގެ ގޮތުން މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، ރާއްޖެ އުފެދިފައިވަނީ ނާޒުކު ތިމާވެއްޓަކާ އެކުގައި ކަމަށެވެ. އަދި އިގްތިސާދުގެ އެންމެ ބޮޑު ދެ ސިނާއަތް ކަމަށްވާ މަސްވެރިކަމާއި ފަތުރުވެރިކަން ވެސް ބަރޯސާވެފައިވަނީ ގުދުރަތީ ވަސީލަތްތަކަށް ކަމަށް ވާތީ، ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ރާއްޖޭގެ ކަނޑުތަކަށް ދުވާލަކަށް 860 މެޓްރިކް ޓަނުގެ ކުޅި އަޅާ. ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކަށް އަޅުގަނޑުމެން ބަރޯސާވެފައިވަނީ ކަންބޮޑުވާ މިންވަރަށް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، މާލޭގައި އެކަނިވެސް ކޮންމެ ދުވަހަކު 280،000 ޕްލާސްޓިކް ކޮތަޅު ބޭނުން ކުރަމުންދާ ކަމަށެވެ. މިކަން ހުއްޓުވޭނީ ދިރިއުޅުމުގެ ވައްޓަފާޅި އަށް ބަދަލު ގެނެސްގެން ކަމަށާއި އެއް ފަހަރު ބޭނުން ކޮށް އުކާލާ ޕްލާސްޓިކް ބޭނުން ކުރުން މަދުކުރެވިގެން ކަމަށެވެ.

ރައީސް އޮފީހުގެ ޓުވީޓް

"ރާއްޖޭގެ ފަޅުތަކާއި ކަނޑުދަތަކާއި ގިރިތަކަކީ އަޅުގަނޑުމެންގެ އިގްތިސާދާ ގުޅިފައިވާ ގުދުރަތީ ވަސީލަތްތަކެއް. ކަނޑުތަކާއި ކަނޑުގައިވާ ދިރުމަށް ދެވޭ އެންމެ ބޮޑު ގެއްލުމަކީ އެޅޭ ކުނި ގިނަވުން. ކަނޑަށް އެޅޭ ކުނީގެ ތެރެއިން ނިސްބަތުން އެންމެ ގިނައީ ޕްލާސްޓިކް،" ރައީސް ވިދާޅުވި އެވެ.

އުންމީދަކީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި، ރައީސް އޮފީހުގެ އިތުރުން ސަރުކާރުގެ އެހެން އޮފީސްތަކުގައި ވެސް ޕްލާސްޓިކް ބޭނުން ކުރާ މިންވަރު މަދު ކުރުން ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސްގެ އިސް ނެންގެވުމާއެކު ފެށި މި ހަރަކާތުގައި އެ މަނިކުފާނުވަނީ އެ އޮފީހުގެ ދެ މުވައްޒަފަކަށް ރަމްޒީ ގޮތުން ބިއްލޫރި ފުޅި ހަވާލުކުރައްވައިފަ އެވެ. އެގޮތުން އެ އޮފީހުގެ އެންމެ ދުވަސްވީ މުވައްޒަފު، ޑިރެކްޓަރު އިބްރާހީމް އަހުމަދު ދީދީ އަށާއި އެ އޮފީހުގެ މުވައްޒަފުންގެ ކެފޭގެ ފަރާތުން ސްޕެޝަލް ސަޕޯޓް އެސިސްޓެން ޝާރާ އަބްދުއްރަހްމާނަށް ވެސް ބިއްލޫރި ފުޅި ހަވާލު ކޮށްދެއްވި އެވެ.

އެއް ފަހަރު ބޭނުންކޮށް އުކާލާ ޕްލާސްޓިކް ބޭނުން ކުރުން ރައީސް އޮފީހުން ހުއްޓާލި އިރު، ބައެއް އެހެން އޮފީސްތަކުން ވެސް ވަނީ ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލައިފަ އެވެ. މީގެ އިތުރުން ދިރާގުން ވެސް ވަނީ ޕްލާސްޓިކް ފެން ފުޅި ބޭނުން ކުރުން އެ އޮފީހުގައި ހުއްޓާލައިފަ އެވެ. އަދި 2016 ވަނަ އަހަރުން ފެށިގެން ވ. ކެޔޮދޫގައި ވެސް ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން ވަނީ ހުއްޓާލައިފަ އެވެ.