ލިޔެކިޔުންތައް ނުލިބިގެން އާދަމް ޝަރީފާ ސުވާލެއް ނުކުރެވުނު

ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ރައްޔިތުންގެ މަޖިލިހުގެ އިމްތިޔާޒް ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކުރަން ބޭއްވި ބައްދަލުވުން، ލިޔެކިޔުންތަކެއް ނުލިބި ލަސްވުމުގެ ސަބަބުން، ރޭ ކެންސަލްކޮށްފި އެވެ. ކޮމިޓީ ކެންސަލް ކުރިއިރު، އާދަމް ޝަރީފް މަޖިލީހަށް ވެސް ވަޑައިގެންނެވި އެވެ.


އާދަމް ޝަރީފް މަޖިލީހުގެ ކޮމިޓީ އަށް ހާޒިރު ކުރަން ނިންމީ މިދިޔަ އަހަރުގެ ޖުލައި 24 ގައި މަޖިލީހުގެ މެމްބަރުންތަކެއް މަޖިލީހުގެ އިދާރާ އިން ގަދަކަމުން ނެރުނު މައްސަލައިގައި އެ ވަގުތު ފުލުހުންނާއި ސިފައިންގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ހާޒިރު ކުރަން ފާސްކުރުމުންނެވެ.

ނަމަވެސް ރޭގެ ބައްދަލުވުން އޮތީ މީޑިއާ އަށް ސިއްރުކޮށްފަ އެވެ.

ކޮމިޓީގެ މެމްބަރަކު "މިހާރު" އަށް މިއަދު ވިދާޅުވީ އާދަމް ޝަރީފާ ސުވާލުނުކޮށް ބައްދަލުވުން ފަސްކުރީ، މަޖިލީހުން ލިބެން ޖެހޭ ލިޔެކިޔުންތަކަކާއި މިނިސްޓްރީތަކަކުން ލިބެން ޖެހޭ ލިޔެކިޔުންތަކެއް ނުލިބިގެން ކަމަށެވެ. ލިޔެކިޔުންތައް ލިބުމާ އެކު، އާދަމް ޝަރީފް އަލުން ކޮމިޓީ އަށް ހާޒިރު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އާދަމް ޝަރީފް ވިދާޅުވީ އިމްތިޔާޒް ކޮމިޓީ އަށް ހުށަހެޅި މައްސަލަ އަށް ޖަވާބުދާރީވެވަޑައިގަތުމަށް ތައްޔާރަށް ހުންނެވި ކަމަށާއި އެ ދުވަހު ގާނޫނާ ހިލާފު ކަމެއް ކުރައްވާފައި ނުވާނެ ކަމަށެވެ. އަދި އެ ދުވަހުގެ ހާދިސާއާ ގުޅިގެން ޖަވާބު ނުދެވޭ ކަމެއް ނޯންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަޖިލީހަށް ވަނުމަށް ވަޑައިގަތުމާއި ގުޅިގެން ފުލުހުންނާއި ދެމެދު ހިނގި ކުރިމަތިލުން.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

އޭނާ ވިދާޅުވި ގޮތުގައި، އެ ދުވަހު ހިނގައިިދިޔަ ކަންކަމުގައި ބައިވެރިވެވަޑައިގެންނެވި ގިނަ މެމްބަރުންތަކެއް ކޮމިޓީގައި ތިއްބަވައިގެން މައްސަލަ ބެއްލެވުމަކީ މަސްލަހަތު ފުށުއަރާ ކަމެކެވެ. އަސްކަރީ ގޮތުން އުސޫލާ ހިލާފަށް ކަމެއް ކޮށްފި ނަމަ، އެކަމެއް ބަލަން ޖެހޭނީ ސިފައިންގެ ތެރޭގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އާދަމް ޝަރީފް ވިދާޅުވީ އެ ދުވަހު މަޖިލީހުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރީ މަޖިލީހުގެ އިދާރާ އިން ފޮނުވި ސިޓީއަކާ ގުޅިގެން ކަމަށެވެ. އެގޮތުން، އެ ސިޓީގައި މަޖިލީހުގެ ތެރޭގަ އާއި ބޭރުގައި ހަމަނުޖެހުން ހިންގަން އުޅޭ ކަމުގެ މައުލޫމާތު މަޖިލީހުގެ އިދާރާ އިން ދިން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ގާނޫނާ ހިލާފަށް ނުވަތަ އިންސާނީ ކަރާމާތަށް އުނިކަމެއް އަންނަ އަމުރެއް ނުކުރަން. ސިފައިން އެ ދުވަހު ހިންގި ކަންކަމާ ގުޅިގެން މައްސަލައެއް ހުށަހަޅާފައި ނެތް. ހުށަހެޅި ނަމަ، އެކަން އަޅުގަނޑުމެން ބަލާނަން،" އާދަމް ޝަރީފް ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިދިކޮޅު މެމްބަރުން ހުއްޓުވަން ސިފައިންނާއި ފުލުހުން ބޭނުންކުރަން ފެށީ ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ ގެއްލުނު ހިސާބުންނެވެ.

އޭރު ޕީޕީއެމްގެ 12 މެމްބަރަކު، ރައްޔިތުންގެ މަޖިލިހުގެ އޭރުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މަައްސަލާގައި ސޮއިކުރެއްވުމާ އެކު، ޔާމީންގެ ބާރުގެ ދަށުން މަޖިލިސް ގާތްގަނޑަކަށް އޮތީ ގޮސްފަ އެވެ. އެކަމަކު މަސީހުގެ މައްސަލަ އެޖެންޑާނުކޮށް ބޭރުކުރީ އެވެ. އިދިކޮޅު މެމްބަރުން ޖުލައި 24 ވަނަ ދުވަހު މަޖިލިހަށް ވަންނަން ދިޔައީ އެކަމާ ހިތްހަމަނުޖެހިގެނެވެ.

އެ މެމްބަރުންނަށް ސިފައިންނާއި ފުލުހުން ހުރަސްއެޅި އިރު ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވީ ހުސެއިން އަރީފެވެ. ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވީ މިހާރު ވެސް އެ މަގާމުގައި ހުންނެވި މޭޖާ ޖެނެރަލް އަހުމަދު ޝިޔާމެވެ. ޑިފެންސް މިނިސްޓަރަކީ އާދަމް ޝަރީފެވެ.

ސަރުކާރު ކޯލިޝަންގެ އަޣުލަބިއްޔަތު އޮންނަ އިމްތިޔާޒް ކޮމިޓީ އަށް އިންތި ހުށަހެޅުއްވި މައްސަލައިގައި ބުނެފައި ވަނީ އެ ދުވަހު މެމްބަރުން މަޖިލީހަށް ވަންނަވަން މަސައްކަތް ކުރެއްވުމުން އެސްއޯ ފުލުހުންނާއި ސިފައިން އެ މެމްބަރުންގެ ގަޔަށް އަތްލައި، މެމްބަރުންގެ ލޮލަށް ޕެޕާ ސްޕްރޭ ޖަހާފައިވާ ކަމަށެވެ. އަދި މެމްބަރުން މަޖިލީހުގެ އިދާރާ އިން ބޭރުކޮށްލީ "ދަމައި ކޫއްތާފައި" ކަމަށް އެ މައްސަލައިގައިވެ އެވެ.