65 އަހަރުވީ މީހުންނަށް ރައީސްކަން ނުކުރެވޭ އިސްލާހު އުވާލުމުގެ ބިލް ތަސްދީގު ކުރައްވައިފި

އުމުރުން 65 އަހަރު ފުރިފައިވާ މީހުންނަށް ރައީސުލް ޖުމްހޫރިއްޔާ ކަން ނުކުރެވޭ އިސްލާހު އުވާލުމުގެ ބިލް ރައީސް މިއަދު ތަސްދީގު ކުރައްވައިފި އެވެ.


އުމުރުން 65 އަހަރު ފުރިފައިވާ މީހުންނަށް ރައީސްކަން ނުކުރެވޭ ގޮތަށް ގާނޫނު އަސާސީ އިސްލާހުކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭރުގެ ސަރުކާރުން ބޭނުންވެގެންނެވެ. އޭރު އެ އިސްލާހު ގެނައިއިރު، ރައީސް ކަން ކުރުމުގެ އެންމެ ދަށް އުމުރުގެ 30 އަހަރަށް ދަށް ވެސް ކުރި އެވެ.

ވެރިކަން ބަދަލުވުމާ އެކު، އެ އިސްލާހު އުވާލަން ރައްޔިތުންގެ މަޖިލީހުން ބިލް ފާސްކުރީ ވެސް ޕީޕީއެމަށް ނިސްބަތްވާ މެމްބަރަކު ހުށަހެޅުއްވުމުންނެވެ.

އެ ބިލް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ތަސްދީގު ކުރެއްވުމާ އެކު، 65 އަހަރު ފުރިފައިވާ މީހުންނަށް ވެސް ރައީސް ކަން ކުރުމުގެ ފުރުސަތު ހުޅުވުނީ އެވެ. އަދި ރައީސް ކަން ކުރެވޭނެ އެންމެ ދަށް އުމުރުގެ ގޮތުގަައި އަނެއްކާވެސް 35 އަހަރު ހަމަޖެހިގެން ދިޔައީ އެވެ.

އޭރުގެ ސަރުކާރުން އެ އިސްލާހު ގެނައީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމަށް ރައީސް ކަން ނުކުރެއްވޭ ގޮތް ހެދުމަށް ކަމަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރި އެވެ.