ކައުންސިލަރުންގެ ދައުރު ދަންމައިލުމުގެ އިސްލާހު ރައީސް ތަސްދީގުކުރައްވައިފި

ލޯކަލް ކައުންސިލް އިންތިހާބު ބޭއްވެންދެން މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދަންމައިލުމަށް ރައްޔިތުންގެ މަޖިލީހުން ގާނޫނު އަސާސީ އަށް ރޭ ގެނައި އިސްލާހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ތަސްދީގުކުރައްވައިފި އެވެ.


ރައްޔިތުންގެ މަޖިލީހުގައި ރޭ ބޭއްވި ޖަލްސާގައި ދަންވަރު ފާސްކުރީ ގާނޫނު އަސާސީގެ 231 ވަނަ މާއްދާ އަށް އަކުރެއް އިތުރުކޮށް، އާ ކައުންސިލްތައް އިންތިޚާބު ކުރެވެންދެން މިހާރު ތިބި ކައުންސިލް މެމްބަރުންގެ ދައުރު ދެމިގެންދާ ގޮތަށެވެ. އެކަމަކު އެ މުއްދަތުގައި ކައުންސިލްތަކުގެ ބާރުތައް ބޭނުން ކުރެވޭ ގޮތަށް ވަކި ޚާއްސަ ގާނޫނެއް މަޖިލީހުން ފާސްކުރަން ޖެހޭ ގޮތަށެވެ. އެގޮތުން ހަދަން ޖެހޭ ގާނޫނު ވެސް ރޭ ފާސްކުރި އެވެ.

އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ހުށަހެޅުއްވި އެ ބިލުގައިވާ ގޮތުން އިންތިހާބު ބޭއްވެންދެން ވަގުތީ ގޮތުން ތިބޭ ކައުންސިލަރުންނަށް، ލާމަރުކަޒީ ގާނޫނުގައި ކައުންސިލަރުންނަށް އޮންނަ ހުރިހާ ބާރެއް ނޯންނާނެ އެވެ.

އެ އިސްލާހު ފާސްކުރީ 74 މެމްބަރުންގެ ވޯޓުންނެވެ. ގާނޫނު އަސާސީ އިސްލާހު ކުރެވެނީ މަދުވެގެން 66 މެމްބަރުންގެ ވޯޓުންނެވެ. އެމްޑީޕީގައި 65 މެމްބަރުން ތިބެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ކައުންސިލް އިންތިޚާބު ފަސް ކުރިއިރު، މިހާރު އޮތް ކައުންސިލްތަކުގެ ދައުރު އަންގާރަ ދުވަހު ހަމަވާނެ އެވެ. އެހެންވެ، އާ ކައުންސިލްތަކަށް މެމްބަރުން އިންތިޚާބު ކުރެވެންދެން މިހާރު ތިބި ކައުންސިލް މެމްބަރުންގެ ދައުރު ދެމިގެންދާ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެންނަން ސަރުކާރުން ބިލެއް ހުށަހެޅީ އެހެންވެ އެވެ.

ގާނޫނު އަސާސީ އިސްލާހު ކުރުމާ މެދު މެމްބަރުންގެ މެދުގައި ޚިޔާލު ތަފާތުވުން އުފެދި، ސުޕްރީމް ކޯޓުގެ ލަފައަށް އެދުމުން އެ ކޯޓުން ވެސް ލަފާ ދިނީ އެ ބަދަލު ގެނެވޭނީ ގާނޫނު އަސާސީ އިސްލާހު ކޮށްގެން ކަމަށެވެ. އެ ހިސާބަށް ދިޔަ އިރު، ކައުންސިލަރުންގެ ދައުރު ހަމަވާން ވަގުތު ކުޑަތަންވެފައި އޮތުމުން އިސްލާހު ފާސްކުރުމަށް ޖަލްސާ ބޭއްވީ ރޭ މެންދަމުން އަލިވެ 1:30 ގައި ފަށައިގެންނެވެ. އިސްލާހު ފާސްކުރީ ރޭ ގާތްގަނޑަކަށް 2:45 އެހާކަށް ހާއިރު އެވެ.