މަޖިލީހުގެ ތިން ވަނަ ދައުރު ދެވަނަ ފަހަރަށް ދަންމާލައިފި

ރައްޔިތުންގެ މަޖިލިހުގެ މި ދައުރުގައި ގިނަ ކަންތައްތަކެއް ނިންމަން ހުރުމާ އެކު، މި މަހުގެ 15 އަށް ދައުރު ދިގު ދަންމާލަން މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.


މަޖިލީހުގެ ގަވައިދަށް ދާދި ފަހުން ގެނައި ބަދަލާ އެކު، ތިން ވަނަ ދައުރުގެ ޖަލްސާތައް ކުރިއަށް ގެންދާނީ އޮގަސްޓް 27 އިން ފެށިގެން މިދިޔަ ނޮވެމްބަރު މަހުގެ ނިޔަލަށެވެ. އެކަމަކު، މަޖިލީހުގައި ގިނަ މަސައްކަތްތަކެއް ހުރުމުން، މިދިޔަ ބުދަ ދުވަހު ވަނީ ތިން ވަނަ ދައުރު މާދަމާގެ ނިޔަލަށް ދިގު ދަންމައިލަން ފާސްކޮށްފި އެވެ.

ނަމަވެސް، މަޖިލިހުގެ މިއަދުގެ ޖަލްސާގައި ރައީސް ގާސިމް އިބްރާހިމް ވިދާޅުވީ، މަޖިލީހުގައި ހުރި މަސައްކަތްތައް ގިނަ ކަމުން މާދަމާގެ ނިޔަލަށް އެ ކަންކަން ނިމިދާނެ ކަމަށް ނުބެލެވޭތީ ސިޔާސީ ޕާޓީތަކުގެ މަޝްވަރާގެ މަތިން މި މަހުގެ 15 އާ ހަމައަށް ތިން ވަނަ ދައުރުގެ ޖަލްސާތައް ދިގު ދަންމައިލަން ނިންމާފައިވާ ކަމަށެވެ.

ގާސިމްގެ އެ ހުށަހެޅުއްވުމަށް ވޯޓަށް އެއްސެވުމުން، އެގޮތަށް ނިންމީ 26 މެމްބަރުންގެ އިއްތިފާގުންނެވެ.

މަޖިލީހުގެ ތިން ވަނަ ދައުރު ދިގު ދަންމައިލަން ނިންމިއިރު، ދެ މަހެއްހާ ދުވަހު ޖަލްސާތައް ހުއްޓިފައި އޮތުމަށް ފަހު، ޖަލްސާތައް އަލުން ފެށީ މިދިޔަ އޮކްޓޯބަރު މަހު އެވެ.

ދެ މަހެއްހާ ދުވަސް ފަހުން، މަޖިލީހުގެ ޖަލްސާތައް ފެށިއިރު، ގިނަ ބިލްތަކެއް މަޖިލީހަށް ވަނީ ހުށަހަޅައިފަ އެވެ. އެގޮތުން ގާނޫނުއަސާސީ އަށް އިސްލާހު ގެނައުމުގެ ބިލްތަކާއި ބައެއް ގާނޫނުތަކަށް ބަދަލު ގެނައުމުގެ ބިލްތަކާއި އާ ބިލްތަކެއް އޮތީ ހުށައަޅައިފަ އެވެ.