ވަޒީރުން ވައްކަން ކުރަން ފުރުސަތެއް ނުދޭނަން: ޣަފޫރު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެބިނެޓްގެ ވަޒީރުން ވައްކަން ކުރުމުގެ ފުރުސަތު މަޖިލީހުން ނުދޭނެ ކަމަށާއި ވަޒީރުން ޖަވާބުދާރީ ކުރުވަން ޖެހިލުން ވެވަޑައިނުގަންނަވާނެ ކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) މިއަދު ވިދާޅުވެއްޖެ އެވެ.


ވަޒީރުންނަށް ރުހުން ދިނުމާ ގުޅޭ ގޮތުން، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ދިރާސާ ކުރުމަށް ފަހު މަޖިލީހުގެ ތަޅުމަށް ހުށަހެޅި ރިޕޯޓަށް ބަހުސް ކުރައްވަމުން ޣަފޫރު ވިދާޅުވީ ރައީސްގެ ވަޒީރުންނަށް މަސައްކަތް ކުރުމުގެ ފުރުސަތު ދޭން ޖެހޭ ކަމަށެވެ.

ނަމަވެސް، ސަރުކާރުގައި ކޮރަޕްޝަންގެ އަމަލެއް ހިނގައިފި ނަމަ، އެއްވެސް މިނިސްޓަރަކު ސަލާމަތް ކުރަން މަޖިލީހުގެ މެމްބަރުން ނުތިއްބަވާނެ ކަމަށް ވެސް ޣަފޫރު ވިދާޅުވި އެވެ. އެހެންވެ، ހުރިހާ ވަޒީރުން އިހްލާސްތެރިކަމާ އެކު މަސައްކަތް ކުރެއްވުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.

"އަޅުގަނޑުމެން ނެތިން ތިބޭފުޅުން (ވަޒީރުން) ކުރައްވާ ކޮރަޕްޝަންގެ އަމަލުތަކާއި ތިޔަ ބޭފުޅުން ހިންގާ ވައްކަމުގެ އެއްވެސް ކަމަކީ ނުކުރާ ކަމެއްގެ ގޮތުގައި ދެކެން. އެއީކީ ނޫން ސަރުކާރު ދިފާއު ކުރުމަކީ. ސަރުކާރު ދިފާއު ކުރުމަކީ ހެދިފައި ހުރި ގާނޫނުތަކުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އަންގަވާ ގޮތެއްގެ މަތިން މިނިސްޓަރުން މަސައްކަތް ކުރެއްވުން،" ޣަފޫރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ސަރުކާރަށް ނިސްބަތްވާ ބޭފުޅުން ނުކުމެ، މިކަން ހުއްޓުވާނަން. އަޅުގަނޑުމެން ޖެހިލުމެއް ނުވާނަން، އެ ބޭފުޅުން މަޖިލީހަށް ހާޒިރުކޮށް ސުވާލު ކުރާކަށް."

ޣަފޫރު ވަނީ ގާނޫނުތަކާއި ގަވައިދުތަކުގެ މަތިންނާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަންގަވާ ގޮތެއްގެ މަތިން މިނިސްޓަރުން މަސައްކަތް ނުކުރައްވާ ނަމަ، އިސްތިއުފާ ދެއްވުމަށް ގޮވާލައްވައިފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންނަށް އިހްލާސްތެރި ނުވެ، ދެން ވަޒީރުން ކަންކަމުގެ ތެރެއަށް "ބޭނިގެން" ދިޔައީމަ، އެ ބޭފުޅުން ދިފާއު ކުރުމުގައި ނުތިއްބަވާނެ ކަމަށާއި ކޯލިޝަން ސަރުކާރެއް އުފެއްދީ މި ގައުމުން ވައްކަމާއި ފަސާދަ ފޮހެލަން ކަމަށް އޭނާ ވިދާޅުވި އެވެ.

"ސަރުކާރުގެ ބޭފުޅަކަސް، ކޯލިޝަންގެ ބޭފުޅަކަސް، އެ ބޭފުޅެއްގެ ފަރާތުން މިފަދަ އަމަލެއް ފެންނަ ވަގުތު އެ ވާހަކައެއް ފުރަތަމަ ދައްކާނީ އަޅުގަނޑުމެން ކަން ހަނދާން ކުރާން ޖެހޭނެ،" ޣަފޫރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ތެދުވެރި، ވަފާތެރި ބޭފުޅެކެވެ. އަދި ރައީސް މަސައްކަތް ކުރައްވަނީ އިހްލާސްތެރިކަމާ އެކު ކަމަށް ވެސް ޣަފޫރު ވިދާޅުވި އެވެ.