ސިޓީ ކައުންސިލްތަކަށް ލިބޭ ބާރުތައް ކެބިނެޓުން ކަނޑައަޅައިފި

ލާމަރުކަޒީ ގާނޫނުގެ ދަށުން ސިޓީ ކައުންސިލަށް ލިބޭ ބާރުތަކާއި، ސިޓީ ކައުންސިލުން ފޯރުކޮށްދޭ ހިދުމަތްތައް ވަޒީރުންގެ މަޖިލީހުން އަލުން މިއަދު ކަނޑައަޅައިފި އެވެ.


ރައީސް އޮފީހުން ބުނީ ކުރީ ސަރުކާރުގެ މިނިސްޓްރީތަކަށް ބަދަލު ކުރި، ސިޓީ ކައުންސިލުގެ ބާރުތަކާއި، ސިޓީ ކައުންސިލުން ދޭ ހިދުމަތްތައް، އަލުން ސިޓީ ކައުންސިލުތަކަށް ބަދަލުކުރުމުގައި، އެ ވުޒާރާއަކާއެކު ވެވޭ އެއްބަސްވުމެއްގެ ދަށުން ކުރިއަށް ގެންދިއުމަށް ކެބިނެޓުން ނިންމާފައިވާ ކަމަށެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ކެބިނެޓް ބައްދަލުވުން. --- ފޮޓޯ: ރައީސް އޮފީސް

ލާމާރުކަޒީ ނިޒާމުގެ ތެރެއިން އިދާރީ ދާއިރާތައް ހިންގުމުގެ ގާނޫނަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދައުރުގައި ބޮޑެތި ބަދަލުތަކެއް ގެނެސް ކައުންސިލްތަކުގެ ބާރު ކަނޑުވާލި އެވެ. އެގޮތުން ކައުންސިލްތަކުގެ ބައެއް މަސްއޫލިއްޔަތުތައް ވަނީ ސަރުކާރުގެ އެހެން އިދާރާތަކާ ހަވާލުކޮށްފަ އެވެ.

އަލަށް ސިޓީ ކައުންސިލްތަކަށް ދިން ބާރުތަކުގެ ތެރޭގައި އުފަންވާ ކުދިންނާއި މަރުވާ މީހުންގެ ރިކޯޑް ބެލެހެއްޓުމާއި ސަރުކާރުގެ ކަމާބެހޭ އިދާރާ އިން އަންގާ ގޮތެއްގެ މަތިން ތަފާސް ހިސާބު ނަގައި ބެލެހެއްޓުމާއި ސިޓީއެއްގެ ރަޖިސްޓްރީގައި ރަށްވެހިފައިވާ މީސްމީހުންނާއި ރަށްވެހި ނުވެ، ދިރިއުޅެމުންދާ މީހުންނާއި އެ ސިޓީގައި ދިރިއުޅޭ ބިދޭސީންގެ ދަފްތަރު ބެލެހެއްޓުން ހިމެނެ އެވެ.

އެކަށީގެންވާ ރައްކާތެރި ގޮތެއްގައި ކުނި ނައްތާލުމާއި މަގާއި ޕާކުތަކާއި މައިދާން ފަދަ ތަންތަން ހުޅުވުމާއި ބަންދު ކުރުމާއި ރާއްޖޭގެ ގާނޫނުތަކާ އެއްގޮތަށް ފިހާރަތަކާއި ހޮޓާތަކާއި ރެސްޓޯރަންޓުތަކާއި ކެފޭތަކާއި އާންމު މާރުކޭޓުތަކުގެ ކަންކަން ހުރޭތޯ ބެލުން ވެސް އަލަށް ކައުންސިލްތަކަށް ދިން ބާރުތަކުގެ ތެރޭގައި ހިމެނެ އެވެ.

ސަރުކާރުން ސިޓީއެއްގެ ގޮތުގައި ކަނޑައަޅާފައި އޮތީ މާލެ އާއި އައްޑޫގެ އިތުރުން ފުވައްމުލަކެވެ.

އާދަމްމަނިކު

2

މައްޗަނގޮޅި އުތުރު ދާއިރާ