ޑޮކްޓަރުންނާއި ނަރުހުންނަށް ހުއްދަ ދޭ އުސޫލު ހަރުދަނާ ކުރާނަން: މިނިސްޓަރު

ރާއްޖޭގައި ސިއްހީ ހިދުމަތް ދިނުމަށް ޑޮކްޓަރުންނާއި ނަރުހުންނަށް ހުއްދަ ދޭ އުސޫލަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ވިދާޅުވެއްޖެ އެވެ.


މިސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ސިއްހީ ދާއިރާ އިން ކުރަން ނިންމާފައިވާ ކަންކަމުގެ މައުލޫމާތު ނޫސްވެރިންނަށް ދެއްވަމުން މިނިސްޓަރު ވިދާޅުވީ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު ބެއްލެވި ކަންތައްތަކުން ސިއްހީ ހިދުމަތް ދިނުމަށް ހުއްދަ ދޭ އުސޫލުގައި މައްސަލަތަކެއް ހުރިކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

ރާއްޖެއިން މިހާރު ހުއްދަ ދޭ ބިދޭސީ ނަރުހުންނާއި ޑޮކްޓަރުން ރެކްރޫޓް ކުރަނީ އަމިއްލަ އެޖެންސީތައް މެދުވެރިކޮށެވެ. އޭގެ ސަބަބުން ފެންވަރު ނެތް މީހުންނަށް ހުއްދަ ދިނުމުގެ މައްސަލަތައް ވަރަށް ގިނައިން ފެންމަތިވެ އެވެ.

"އަޅުގަނޑުމެން ސިޔާސަތުތަކެއް އެކުލަވާލައި ތަންފީޒު ކުރާނަން. ޑޮކްޓަރުން ވެސް ނަރުހުން ވެސް ރެކުރޫޓް ކުރަން ގެންގުޅޭ މިންގަނޑަށް ބަދަލު ގެންނާނަން. މިހާރު ބިދޭސީން ރެކުރޫޓް ކުރަނީ ޕްރައިވެޓް އެޖެންސީތައް މެދުވެރިކޮށް ކަމަށްވާއިރު އޭގެ ސަބަބުން ނަރުހުންގެ ފެންވަރު ބެލުމުގައި އެބަހުރި މައްސަލަތަކެއް. އަދި ރެކްރޫޓު ކުރުމުގެ ތެރޭގައި އެހެނިހެން މައްސަލަތައް ހުންނަކަން ވެސް ފާހަގަ ކުރެވޭ،" އަމީން ވިދާޅުވި އެވެ. "ނަރުހުންނާއި ޑޮކްޓަރުންވެސް ރެކްރޫޓް ކުރުމަށް ގެންގުޅޭ މިންގަނޑުތަކަކީ ފެންވަރު ރަނގަޅު މީހުން ލިބޭނެ ނިޒާމަކަށް ބަދަލު ކުރުމަށް އެކަން ބައްޓަން ކުރާނަން."

އެކަން ކުރާނެ ގޮތުގެ ތަފްސީލެއް މިނިސްޓަރު ހާމައެއް ނުކުރައްވަ އެވެ.

އައިޖީއެމްއެޗް އައިސީޔޫގައި ބަލި މީހަކަށް ފަރުވާ ދެނީ--

ދިވެހި ނަރުހުން ހޯދަން އިއުލާން ކުރަން ނިންމާފައިވާ ކަމަށާއި ދިވެހި ނަރުހުން ހިދުމަތާ ގުޅުމަށް އިލްތިމާސް ކުރާކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ނަރުހުންގެ އިނާޔަތްތައް ރަނގަޅު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. މިހާރުން މިހާރަށް ވެސް 500 އަށް ވުރެ ގިނަ ނަރުހުން ބޭނުންވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ސިއްހީ ދާއިރާއަކީ ރައްޔިތުން އިތުބާރު ކުރާ އަދި ހަރަދު ކުޑަ ހިދުމަތެއް ފޯރުކޮށްދޭ ދާއިރާއަކަށް ހެދުން ކަމަށެވެ. އެކަން ކުރުމަށް ޑޮކްޓަރުންނާއި ނަރުހުންގެ ތަމްރީނަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމަށް ވިދާޅުވި އެވެ. މިނިސްޓަރު ވަނީ މިސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރައްވާނެ ހާއްސަ ކަންކަން އިއުލާން ކުރައްވާފަ އެވެ.

100 ދުވަހުގެ ތެރޭ ކުރައްވާނެ ކަމަށް ވިދާޅުވި މުހިންމު ކަންކަން:

- ރާއްޖޭގެ ހުރިހާ ރަށަކަށް އެމްބިއުލާންސްގެ ހިދުމަތް ދިނުން.

- އެމަޖެންސީ ކެއާގެ ވަރުގަދަ ނިޒާމެއް ގާއިމް ކުރުން.

- ނަފްސާނީ ބަލިތަކަށް ހާއްސަ އިންސްޓިޓިއުޓެއް، އާސަންދައިން އެ ފަރުވާ ދިނުން.

- އަތޮޅުތެރޭގެ ސިއްހީ މައްސަލަ ހައްލު ކުރަން ފެށުން.

- ބޭހުގެ ފެންވަރު ރަނގަޅު ކުރުން.

- ދިވެހި ބޭސްވެރިކަމާ ގުޅޭ މަހާސިންތާއެއް ބޭއްވުން.

އެކަންކަމުގެ އިތުރުން ފަތުރުވެރިކަން ކުރިއަރާފައިވާ ރަށްރަށުގައި މެޑިކަލް ޓޫރިޒަމަށް އަމާޒުކޮށްގެން، އެ ރަށްރަށުގައި ސިއްހީ ހިދުމަތް ދޭ ތަންތަނުގެ ފެންވަރު ރަނގަޅު ކުރައްވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗާ ގުޅޭގޮތުން އާއްމުން ކުރަމުން ދާ ޝަކުވާތަކަށް ހައްލު ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވި އެވެ. އަދި އައިޖީއެމްއެޗާ ގުޅޭ ތަފްސީލީ މައުލޫމާތު ވަރަށް އަވަހަށް ހާމަ ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.