މާލެ އަށް މިއަދު ކުރަމުންދާ ވިއްސާރައިގައި ދެ ގެެއަކުން މީހުން ހުސްކުރަން ޖެހުނު ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.
އެމްއެންޑީއެފާއި ޑިޒާސްޓާ މެނޭޖްމެންޓްގެ އިސް ބޭފުޅުންނާ އެކު ބޭއްވި ނޫސްކޮންފަރެންސްގައި މިނިސްޓަރު ވިދާޅުވީ މާލޭގެ 14 ޕޮއިންޓެއްގައި ޕަމްޕްތައް ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ސިފައިން ކުރަމުން އަންނަ ކަމަށެވެ. މިއަދު ކުރިމަތިވެފައިވާ ކާރިސާއާ ގުޅޭ ތަފުސީލުތައް ދެއްވަމުން އޭނާ ވިދާޅުވީ މާލޭގައި ފުށް ރައްކާކޮށްފައިވާ ގުދަންތަކުގެ ކައިރީގައި ވެލި ބަސްތާ ޖަހައި އެ ތަންތަނުގައި ރައްކާތެރިކަމުގެ ފިޔަަވަޅު އަޅާފައިވާ ކަމަށެވެ. ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ޓީވީއެމްގެ ގޯތިތެރޭގައި ފެންބޮޑުވެ، އެ ސްޓޭޝަން ހުއްޓޭ ހިސާބަށް ގޮސްގެން އެތަނަށް ވެސް ސިފައިން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.
މިހާތަނަށް މޭލެ އަށް 140 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފަ އެވެ.
"މިފަދަ ހިތާމަވެރި ވަގުތެއްގައި އަޅުގަނޑުމެން ހަމަ ހުރިހާ އާއިލާތަކަށް އަދި ހާއްސަކޮށް މި ފެނުގެ އަސަރުކޮށްގެން އުޅުއްވަން ޖެހޭ ހުރިހާ ބޭފުޅުންނަށް އަޅުގަނޑުމެން ހަމްދަރުދީގެ މެސެޖްތައް ރައްދުކުރަން،" މާރިޔާ ވިދާޅުވި އެވެ.
ހެނދުނު 11 ޖަހާކަންހާއިރު ވެހެން ފެށި ވާރޭގައި އައިޖީއެމްއެޗް ސަރަހައްދާއި އަމީނީމަގު އަދި ހަވީރީހިނގުމުގައި ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފަ އެވެ. މީގެ އިތުރުން، ބޮޑުތަކުރުފާނު މަގުގެ ތާރު އަޅައިގެން އަލަށް ހެދި ބައިގައި ވެސް ވަނީ ފެން ބޮޑުވެ، އެތައް ބަޔަކަށް ދަތިތަކާ ކުރިމަތިވެފަ އެވެ.
މާލޭގެ ބައެއް ސަރަހައްދުތަކުގައި ދެ ފޫޓެއްހާ ވަރަށް ފެން ވަނީ ބޮޑުވެފަ އެވެ.
މި ވިއްސާރައިގައި ފެންބޮޑުވެ، ބައެއް ގޭގެ އާއި ފިހާރަތަކާއި ހޮޓާތަކުގެ ބޭރުގައި ވަނީ ބަސްތާ ޖަހައި ފެން ނުވަންނަ ގޮތް ހަދައިފަ އެވެ.