މިދިޔަ ހުކުރު ދުވަހު މާލެއަށް ކުރި ގަދަ ވިއްސާރާގައި ފެންވަދެގެން ގެއްލުން ލިބުނު ހުރިހާ ގެއެއްގެ "ޑެމޭޖް އެސެސްމަންޓު" ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހަދައިފި އެވެ.
އެ އިދާރާ އިން މިއަދު ބުނީ ހުކުރު ދުވަހު މާލެއަށް ކުރި ވިއްސާރާގައި ލިބުނު ގެއްލުންތައް ބެލުމަށް ޑެމޭޖް އެސެސްމަންޓް ހަދައި ނުނިމި ހުރި 45 ގެއެއްގެ އެސެސްމަންޓް މިއަދު ހަދައި ނިމިފައިވާ ކަމަށެވެ.
މާލެއަށް ކުރި ވިއްސާރާގައި 137 ގެއަކަށް ފެން ވަދެ، އެކި ވަރުގެ ގެއްލުން ލިބުނެވެ. އޭގެ ތެރެއިން 92 ގެއެއްގެ ޑެމޭޖް އެސެސްމަންޓް ހަދައި ނިންމީ އިއްޔެ އެވެ.
އެ މަސައްކަތް ކުރީ އެންޑީއެމްއޭ އާއި ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީ އަދި މޯލްޑިވްސް ރެޑް ކްރެސެންޓް ގުޅިގެންނެވެ.
މި އެސެސްމަންޓުގެ ނަތީޖާއަށް ބަލައި، ލިބިފައިވާ ގެއްލުންތަކަށް އެކަށޭނެ އަދަދަކުން އެންޑީއެމްއޭ އިން މާލީ އެހީތެރިކަން ދޭނެ އެވެ.
މާލޭގައި ފެންބޮޑުވެގެން އެކިއެކި އެހީތަކަށް އެދި 774 ތަނަކުން އެންޑީއެމްއޭ އަށް ރިޕޯޓުކޮށްފައިވެ އެވެ. އޭގެ ތެރެއިން 554 ރިކުއެސްޓް ލިބުނީ ވެލިބަސްތާ ޖަހައިދިނުމަށެވެ. އަދި 36 ގޭބިސީއަކުން 226 މީހުންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިން ވެސް ހަމަޖައްސައިދިނެވެ.
މިދިޔަ ހުކުރު ދުވަހު، މެދުކެނޑުމެއް ނެތި ހަ ގަޑިއިރެއްހާއިރަށް މާލެއަށް ވެހުނު ވާރޭގައި މާލޭގެ މަގުތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވެ ވަނީ ގޭގެއަށާއި ވިޔަފާރިތަކަށް ވެސް ބޮޑެތި ގެއްލުންތައް ލިބިފަ އެވެ.