ރާއްޖެއަށް މިހާރު ކުރަމުންދާ މޫސުމީ ވިއްސާރާގައި ޅ. ހިންނަވަރާއި ކ. ގުރައިދޫގައި މިއަދު ފެންބޮޑުވެއްޖެ އެވެ. 

ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ ހިންނަވަރަށް ބޯކޮށް ވާރޭވެހި މުޅި ރަށުގައި ފެންބޮޑުވެ ގެތަކަށް ފެން ވަންނަމުންދާ ކަމަށެވެ. އަދި ފެން ވަންނަ ގެތަކުގައި ވެލިބަސްތާ ޖެހުމާއި ކައުންސިލްގެ އިސްނެގުމުގެ ދަށުން ޕަންޕެއްގެ އެހީގައި ފެން ހިއްކުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ އޮތޯރިޓީން ބުންޏެވެ. 

އެ ރަށު އާރުޑީސީގައި ހުރި ޕަންޕުތައް ވެސް ހަލާކުވެފައި ހުރުމާ އެކު، އެމްއެންޑީއެފްގެ އެހީތެރިކަމަށް މިހާރު އެދިފައިވާ ކަމަށް ވެސް އެންޑީއެމްއޭ އިން ބުންޏެވެ. 

އެ އިދާރާއިން ބުނި ގޮތުގައި، ގުރައިދުއަށް ބޯކޮށް ވާރޭވެހި ރަށު ތެރޭގައި ފެންބޮޑުވެ، ގެތަކަށް ފެން ވަންނަ ހިސާބަށް ފެންގަނޑު ވަނީ އުފުލިފަ އެވެ. އެ ރަށު ކައުންސިލްގެ ދެ ޕަން ޕުވެސް ހަލާކުވެފައި ހުރުމުން ފެން ހިއްކުމަށް ބޮޑެތި ދަތިތަކާ ވަނީ ކުރިމަތިވެފަ އެވެ. 

ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ މެޓް އޮފީހުން ވަނީ މިއަދު މެންދުރު ފަހު 2:00 އިން އިރުއޮއްސި 6:00 އާ ހަމަށް ށ. އަތޮޅުން ފެށިގެން އދ. އަތޮޅަށް ޔެލޯ އެލާޓް ނެރެފަ އެވެ. އެ ވަގުތުތަކުގައި ރަށްރަށަށް ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހި، އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް އެލާޓުގައި ބުނެފައިވެ އެވެ. 

ހުޅަނގު މޫސުމުގެ ބާރުގަދަވެ ރާއްޖެއަށް މި ދުވަސްވަރު ކުރަމުންދާ ވިއްސާރާގައި ވަރަށް ގިނަ ރަށްރަށުން ފެންބޮޑުވެގެން ވަނީ ރިޕޯޓްކޮށްފަ އެވެ. އަދި ބައެއް ރަށްރަށުގައި ވަރަށް ގިނަ ގެތަކަށް ފެންވަދެގެން އެކިވަރުގެ ގެއްލުން ލިބިފައިވެ އެވެ. 

ށ. ޅައިމަގަށް މިދިޔަ ހަފުތާގައި އެރި ނަގޫރޯޅިއެއްގައި އެ ރަށުގައި އެކަކަށް އަނިޔާވެ، ހަތަރު ގެއަކަށް ގެއްލުންވި އެވެ. އަދި ހދ. ނޮޅިވަރަމާއި ގއ. ކޮލަމާފުށީގައި ފެންބޮޑުވެ، އެ ރަށްރަށުގެ ހުރިހާ ގެއަކަށްހެން ފެން ވަދެ ގެއްލުން ލިބިފައިވެ އެވެ.