ބައެއް މީހުންނަކީ ފަލަވެދާނެތީ ކާން ބިރުން އުޅޭ މީހުންނެވެ. އަނެއްކޮޅުން ފަލަ ބަލީގެ މައްސަލައަކީ މިހާރު ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކަށް ދިމާވެފައިވާ މައްސަލައެކެވެ. ދުޅަހެޔޮކަމާއި ލޫޅާފަތިކަމަށް ގިނަ ބަޔަކު ލޯބި ކުރަން ފަށާފައިވާ ޒަމާނެއްގައި ފަލަވުމުގެ މައްސަލަ އަށް ހައްލެއް ހޯދަން ކުރާ މަސައްކަތްތަކަކީ ޝައުގުވެރި އަދި ހުއްޓުމެއް ނެތް މަސައްކަތެކެވެ.

އޮސްޓްރޭލިއާގެ ފްލިންޑާޒް ޔުނިވަސިޓީގެ ސައިންޓިސްޓުން މިހާރު ވަނީ ކިތަންމެ ވަރަށް ކެޔަސް ފަލަވުމާ ދުރުކޮށްދޭ ބޭސްގުޅައެއް ދެން މާ ލަސްތަކެއް ނުވެ ވުޖޫދަށް އައިސްފާނެ ކަމުގެ އިޝާރާތެއް ދީފަ އެވެ.

މި ބޭހުގެ އެންމެ ހާއްސަ ކަމަކީ ކިތަންމެ ވަރަކަށް ކެޔަސް ބަރުދަން އިތުރުވިޔަ ނުދީ ކޮންޓްރޯލްކޮށް ދިނުމެވެ.

އޮސްޓްރޭލިއާގެ ޓީމުން ބުނި ގޮތުގައި އާރްސީއޭއެން1 ކިޔާ ޖީން މަދުވާނެ ގޮތް ހަދައިލުމަކީ މީހާ ފަލަކޮށް ދިނުން ކޮންޓްރޯލްކޮށް ދޭނެ ކަމެކެވެ. އެހެންވެ ފަލަވުން ހުއްޓުވާ ބޭސް އީޖާދު ކުރަނީ މި ޖީން އަށް ބނާކޮށްގެންނެވެ. ސައިންސްވެރިން ވަނީ މީދަލުގައި އާރްސީއޭއެން1 ޓެސްޓްކޮށްފަ އެވެ. ނަތީޖާ އިން ދައްކަނީ އެ ޖީން މަދުކޮށްލުމުން މީދާ ކިތަންމެ ވަރަކަށް ކެޔަސް ފަލަނުވާ ކަމެވެ.

ބޭސްގުޅަ ތައްޔާރު ކުރަން އަމާޒު ހިފާފައިވާ ދިރާސާ ޓީމްގައި އިސްކޮށް ހުންނެވި ޕްރޮފެސަރު ޑެމިއެން ކީޓިން ވިދާޅުވި ގޮތުގައި އާރްސީއޭއެން1 "ތާށިކޮށްލުމަކީ" ހަށިގަނޑުގައި އުފެދޭ ދުޅަހެޔޮ ނޫން "ވައިޓް ފެޓް"، ދުޅަހެޔޮ "ބްރައުން ފެޓް" އަށް ބަދަލުކޮށްލައި ކެލޮރީޒް އަންދާލައި، ހަށިގަނޑުގައި ރައްކާ ކުރެވޭ ފެޓް މަދުކޮށްލެވޭނެ ގޮތެކެވެ.

"އަހަރެމެން މިހާތަނަށް ކުރި މަސައްކަތުން ވަނީ ކިތަންމެ ވަރަކަށް ކެޔަސް އޮބީސިޓީ ކޮންޓްރޯލް ކުރެވިދާނެ ބޭހެއް އީޖާދު ކުރެވިދާނެ ކަމުގެ ފެހި ސިގްނަލް ވަނީ ލިބިފައި،" ޑެމިއަން ވިދާޅުވި އެވެ. "އުންމީދު ވަރަށް ބޮޑު."

ފްލިންޑާޒް ޔުނިވަސިޓީން ނެޝަނަލް ހެލްތު އެންޑް މެޑިކަލް ރިސާޗް ކައުންސިލާ ގުޅިގެން މި މަސައްކަތް މިހާރު ކުރިއަށް ގެންދަނީ ސަރުކާރުގެ މާލީ އެހީތެރިކަމާ ވެސް އެކުގަ އެވެ.