ދުޅަހެޔޮ ސިއްހަތެއްގައި ހުރި މީހެއްތޯ ވަޒަންކުރަން މިހާރު އެންމެ އެކަށޭނެ ގޮތަކީ އެ މީހެއްގެ އުނަގަނޑު ސައިޒު ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

މިހާތަނަށް ސިއްހީ މާހިރުން ދުޅަހެޔޮ ސިއްހަތެއްގައި ހުރި މީހެއްތޯ ނޫންތޯ ކަނޑައަޅަނީ އެ މީހެއްގެ އިސްކޮޅާ އެއްވަރުގެ ބަރުދަން ނުވަތަ ބޮޑީ މާސް އިންޑެކްސް (ބީއެމްއައި) އަށް ބަލައިގެންނެވެ. އެގޮތުން ބީއެމްއައި 18.5-24.9 އާ ދޭތެރޭ ހުރި ކަމަށްވާ ނަމަ އެ މީހަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރި މީހެއް ކަމަށް ބަލަ އެވެ.

ނަމަވެސް އެ އަދަދު 18.5 އަށް ވުރަށް ދަށް ނަމަ އެއީ އިސްކޮޅާ އެއްވަރުގެ ބަރުދަނެއް ނެތް ސިއްހަތު ރަނގަޅު ނޫން މީހެއް ކަމަށް ބަލަ އެވެ. އަދި 25-29.9 އާ ދޭތެރޭ ނަމަ އެއީ އިސްކޮޅާ އެކަށީގެން ނުވާ ވަރަށް ފަލަ އަދި އަދަދު 30 އިން މަތި ނަމަ އާދަޔާހިލާފަށް ފަލަ މީހެއްގެ ގޮތުގައި ބަލަ އެވެ.

ނަމަވެސް މި މިންގަނޑުން މިހާރު މީހާ ދުޅަހެޔޮ ސިއްހަތެއްގައި ހުރިތޯ ނޫންތޯ މުޅިއަކަން ކަށަވަރުނުކޮށްދޭ ކަމަށާއި ސަބަބަކީ ހަށިގަނޑުގައި ސަރުބީ ގިނައިން ޖަހަނީ ކޮން ތަނެއްގައިތޯ ބީއެމްއައި އަށް ބަލައިގެން ސާފުނުވުމެވެ.

އެހެންވެ މިކަމާ ގުޅޭ ގޮތުން އޮސްޓްރޭލިއާގެ ސިޑްނީ ޔުނިވަސިޓީ އާއި އިނގިރޭސިވިލާތުގެ ލަބަރޯ ޔުނިވަސިޓީ ގުޅިގެން ހަދާފައިވާ ދިރާސާއެއްގައި ބުނީ ދުޅަހެޔޮ ސިއްހަތެއްގައި ހުރި މީހެއްތޯ ބަލަން މިހާރު އެންމެ ސައްހަ މިންގަނޑަކީ އެމީހެއްގެ އުނަގަނޑު ރޭޝިއޯ ކަމަށެވެ. އުނަގަނޑަކީ އާންމުކޮށް ގިނަ މީހުންގެ ހަށިގަނޑުގައި އެންމެ ބޮޑަށް ސަރުބީ ޖަހާ ތަނެވެ. އަދިު އޭގެ ނުރައްކާ ވެސް ބޮޑެވެ.

މީހަކު ބަރުދަން ބަލަނީ.
މީހަކު ބަރުދަން ބަލަނީ.

މި ދިރާސާ ދެ ޔުނިވަސިޓީން ހަދާފައި ވަނީ 42،000 މީހުން ބައިވެރިކޮށްގެން 10 އަހަރުގެ މުއްދަތަކަށް އެ މީހުންގެ ހާލަތު ވަޒަންކޮށްގެންނެވެ. އޭގެ ނަތީޖާތަކަށް ބަލާ އިރު ބީއެމްއައި ނޯމަލްކޮށް ހުރެފައި އެ މީހެއްގެ މުޅި ހަށިގަނޑުގެ ބަރުދަނުގެ ތެރެއިން ބޮޑު ނިސްބަތެއް އުނަގަނޑުގައި ޖަހާފައި ހުންނަ މަސްތަކާ ހިއްސާކުރާ ނަމަ އެއީ އޭގެ ސަބަބުން ދިމާވީ ސިއްހީ މައްސަލަތަކާ އެކު އުމުރުކުރުވުމުގެ ފުރުސަތު ޕަސެންޓް 22 ޕަސެންޓަށް އިތުރުކޮށް ދެ އެވެ.

ދިރާސާ އިން ދައްކާ ގޮތުގައި އަންހެނުންގެ ތެރެއިން އުނަގަނޑުގެ ރޭޝިއޯ 0.85 ނުވަތަ އެއަށް ވުރެ އިތުރު އަދި ފިރިހެނުންގެ ތެރެއިން އުނަގަނޑު ރޭޝިއޯ 0.9 ނުވަތަ އެއަށް ވުރެ އިތުރު ނަމަ އެ މީހުންނަށް ސިއްހީ ބޮޑެތި މައްސަލައް ކުރިމަރިވުމުގެ ފުރުސަތު ބޮޑެވެ. އޭގެ ތެރޭގައި ފުރާނަ އަށް ނުރައްކާވާ ކަހަލަ ބޮޑެތި ބަލިތައް ކަމަށްވާ ހިތުގެ ބަލިތަކާއި ހަކުރު ބައްޔާއި ސްޓްރޯކް ޖެހުން ފަދަ ކަންކަން ހިމެނެ އެވެ.

"މި ނަތީޖާތަކުން ދައްކަނީ ބީއެމްއައި އަދި ނޯމަލްކޮށް ދެއްކުމަކީ މީހާ އަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރި މީހެއްކަން ކަށަވަރުނުކޮށް ދޭކަން." ދިރާސާ ޓީމްގައި ހިމެނޭ ޕްރިފެސަރު މާކް ހެމާ ވިދާޅުވި އެވެ.