އެމްއެމްޕީއާރުސީގެ ހިނާޔާތުގައި ބީއެމްއެލުން ޒިންމާ ނަގަން ޖެހޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވުމުން، ގަވާއިދާ ހިލާފު އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށް، ރާއްޖޭގެ އެންމެ ބޮޑު ބޭންކުން އަނެއްކާވެސް މިއަދު ބުނެފި އެވެ.

މިދިއަ ބުރާސްފަތިދުވަހުގެ ރޭ ޕީޕީއެމް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ އެމްއެމްޕީއާރުސީ އަށް ޖަމާކުރަން ޖެހޭ ފައިސާތަކެއް، އެސްއޯއެފްގެ އެކައުންޓަށް ތަކުރާރުކޮށް ޖަމާކުރަމުން ދިޔަ އިރު ބޭންކުގެ ކޮންމެވެސް ލެވެލަކުން ޒިންމާ އުފުލަން ޖެހޭނެ ކަމަށެވެ.

އެ ވާހަކަފުޅާ ގުޅިގެން ބީއެމްއެލްގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އެމްއެމްޕީއާރުސީއާ ގުޅޭ ހުރިހާ މުއާމަލާތްތައް ބޭންކް ތެރެއިން ހިންގާފައި ވާނީ "ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް" ކަމަށެވެ.

"މިކަމުގައި [އެމްއެމްޕީއާރުސީގެ ހިޔާނާތުގައި] ބީއެމްއެލުން ގަވާއިދާ ހިލާފު އެއްވެސް ކަމެއް ކޮށްފައިނުވާނެކަމުގެ ޔަގީންކަން އަރުވަން،" އޮފިޝަލް ވިދާޅުވި އެވެ.

އެކަމަކު ބޭންކުން ބުނީ އެއީ މިހާރު ވެސް ތަހުގީގުކުރަމުން އަންނަ މައްސަލައަކަށް ވާތީ އިތުރު މައުލޫމާތު ދެވެން ނެތް ކަމަށެވެ.

މީގެ ކުރިން ބީއެމްއެލުން އެތަނުގެ މުވައްޒަފުންނަށް ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެމްއެމްޕީއާރުސީގެ މުއާމަލާތްތަކުގެ މައްސަލަ ފަޅާއެރުމުގެ މާ ކުރިން ކަމާ ބެހޭ ފަރާތްތަކަށް އަންގާފައިވާނެ ކަމަށެވެ. ޓެރަރިޒަމާއި މަނީ ލޯންޑަރިންއަށް ތުހުމަތުކުރެވޭ މުއާމަލާތްތަކުގެ މައުލޫމާތު ބޭންކްތަކުން، އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އަށް ދޭން ޖެހެ އެވެ. އެގޮތުން ދުވާލަކު 200،000 ރުފިޔާއަށް ވުރެ މަތިން ހިންގާ ހުރިހާ މުއާމަލާތްތަކެއްގެ މައުލޫމާތު އެފްއައިޔޫއަށް ފޮނުވުން ގާނޫނީ ގޮތުން ލާޒިމްވެ އެވެ.

ބީއެމްއެލްގެ ތެރެއިން އެސްއޯއެފް އާއި އެމްއެމްޕީއާރުސީން ހިންގި މުއާމަލާތްތައް ފަޅާއަރުވާލުމުން ފ. ނިލަންދޫ ބްރާންޗުގެ މެނޭޖަރު ގާސިމް އަބްދުލްކަރީމާ މެދު ބޭންކުން ވަނީ ފިޔަވަޅު އަޅައިފަ އެވެ. އަދި ޖިނާއީ ކުށެއް ސާބިތުވެ އޭނާއަށް އެއް އަހަރާއި ހަތަރު މަހުގެ ޖަލު ހުކުމެއް ވެސް އަ އެވެ. އެ ހުކުމް ތަންފީޒުކޮށް ގާސިމް މިހާރު ވަނީ މިނިވަންވެފަ އެވެ.

އެކަމަކު ބޭންކުން މުވައްޒަފުންނަށް ފޮނުވި ބަޔާނުގައި ބުނެފައި ވަނީ ގާސިމާ މެދު ފިޔަވަޅު އެޅީ ބޭންކްގެ އުސޫލުތަކުގެ ތެރެއިން ކަމަށެވެ. އެ މުއާމަލާތްތައް ގާސިމް ލީކްކުރުމުގެ މާ ކުރިން، ނޮވެމްބަރު 2014 ގައި، ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައި ކަމަށް ވެސް ބީއެމްއެލުން ބުނެފައިވެ އެވެ. ކަމާ ބެހޭ ފަރާތްތަކަކީ އެމްއެމްއޭ އާއި އެފްއައިޔޫ ކަމަށް ބެލެވެ އެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އިސްވެ ހުންނަވައި، ހިންގި ހިޔާނާތުގެ އަގު މަދުވެގެން 1.2 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ބެލެވެ އެވެ. އެކަމަކު އަދީބާ އެއްވަރަށް އޭގެ ޒިންމާ ކުރީގެ ރައީސް ޔާމީން ވެސް އުފުއްލަވަން ޖެހޭނެ ކަމަށް، ވަރަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ. އޭގެ ސަބަބަކީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިޔާނާތުގެ މުއާމަލާތްތަކެއް ހިންގާކަން މާ ކުރިން، އޭރުގެ އޯޑިޓަ ޖެނެރަލް ނިޔާޒު އިބްރާހިމާއި އޭރުގެ ރައްޔިތުންގެ މަޖިލިހުގެ މެމްބަރު އަހުމަދު ނާޒިމް، ޔާމީންގެ ސަމާލުކަމަށް ގެންނަވާފައި ވުމެވެ.

އެކަން ހުއްޓުވަން ފިޔަވަޅު އެޅުއްވުމުގެ ބަދަލުގައި ފެނުނީ ނިޔާޒު މަގާމުން ވަކިކުރިތަނާއި ނާޒިމަށް ސުޕްރީމް ކޯޓުން 25 އަހަރުގެ ހުކުމެއް އައި ތަނެވެ. އަދި ޓޫރިޒަމަށް ރަށްތައް ދޫކުރުން އެމްއެމްޕީއާރުސީ އަށް ވެސް ހަވާލުކުރި އެވެ.

އެކަމަކު އެމްއެމްޕީއާރުސީގެ މައްސަލައާ ބެހޭ ގޮތުން ކުރާ ކޮންމެ ސުވާލަކަށް ވެސް މިހާރު ޔާމީން ޖަވާބު ދެއްވަނީ ބީއެމްއެލާއި އެމްއެމްއޭ ކުށްވެރިކުރައްވަ އެވެ.

އެންމެ ފަހުން ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން ބީއެމްއެލްގެ އޮފިޝަލް ވިދާޅުވީ "ބީއެމްއެލުން އަބަދުވެސް މަސައްކަތްކުރަމުން ދަނީ ނަޒާހަތްތެރިކަން ހިފެހެއްޓުމަށާއި ބޭންކަށް ލިބޭ އާމްދަނީ އަނބުރާ މުޖުތަމައުއަށް ފޯރުކޮށްދީ ގައުމު ކުރިއެރުވުމަށް" ކަމަށެވެ.