ޑީއޯ ސައްޕެ މާމިގިލީ ދާއިރާ އަށް ވާދަކުރައްވަނީ

އަންނަ އަހަރު މާޗްމަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މާމިގިލި ދާއިރާއަށް ކުރިމަތިލައްވަން އަހުމަދު ޝަފީގް އިބްރާހީމް މޫސާ (ޑީއޯ ސައްޕެ) ނިންމަވައިފި އެވެ.


ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީ އުފެއްދުމުގައި އިސް ދައުރެއް އަދާކުރައްވާފައިވާ ރައީސް މުހައްމަދު ނަޝީދާ ވެސް ގާތް ގުޅުމެއް އޮންނަ ސައްޕެ "މިހާރު" އަށް ވިދާޅުވީ މާމިގިލީ ދާއިރާއަށް ކުރިމަތިލާން ނިންމެވީ އެއީ ވަކި މީހަކަށް ހާއްސަ ދާއިރާއެއްގެ ގޮތުގައި ނުބޭއްވުމަށާއި ސިޔާސީ ގޮތުން މީހުންނަށް މިސާލަކަށް ވެވަޑައިގެންނެވުމަށް ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ވަކި މީހަކަށް ހާއްސަކޮށް، ރަތް ރޮނގު ދަމާފައި ބާއްވަން ޖެހޭ އެއްވެސް ދާއިރާއެއް ނެތް. އެކަމުގައި ސިޔާސީ މީހުންނަށް މިސާލަކަށްވާން އަޅުގަނޑު ބޭނުން،" ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބުރާހީމް މުހައްމަދު ސޯލިހާ ވެސް ގާތް ގުޅުމެއް އޮންނަ ސައްޕެ ވިދާޅުވި އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަން ނިމުމަކަށް ގެނައުމަށް ޓަކައި "ދިވެހި އޮބްޒާވާ (ޑީއޯ)ގެ ނަމުގައި މަޝްހޫރު ވެބް ސައިޓެއް ހިންގަވައި، އެއިންް މަގުބޫލުކަން ހޯއްދެވި ސައްޕެ އަކީ ގިނަ އަހަރުތަކެއް ވަންދެން މާމިގިލި ދާއިރާގެ މެމްމަބަރުކަން ކުރައްވަމުން ގެންދަވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމާ ވެސް ގާތްގުޅުމެއް ކުރިން އޮތް ބޭފުޅެކެވެ.

"ވިލާ ގްރޫޕްގައި އަޅުގަނޑު ކުރިން ވާނީ މަގާމުތަކެއް އަދާކޮށްފައި. އެކަމަކު މިދިޔަ ދެ އަހަރެއްހާ ދުވަހު އެހާ ގުޅުން ރަނގަޅުކޮށެއް ނޫން ދިޔައީ. އެއީ ހަމަ ސިޔާސީ ސަބަބުތަކާ ހެދި،" އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގައި ފަހަކަށް އައިސް މެމްބަރުކަން ކުރައްވާފައިވާ ބޭފުޅުންނާއި މިހާރު ތިއްބެވި ބޭފުޅުންނަށް ވެސް ސައްޕެ ނުސީދާ ގޮތެއްގައި ފާޑުވިދާޅުވި އެވެ. އެގޮތުން އެއީ އެހާ ގާބިލު ބޭފުޅުން ކަމަށް ދެކެ ވަޑައިނުގަންނަވާ މޭރުމަކުން އޭނާ ވާހަކަ ދެއްކެވި އެވެ.

"މަޖިލީހަށް ރަނގަޅު ބަޔަކު އިންތިހާބު ނުކުރެވި އެތަން އެއޮންނަނީ މުޅިން ތަޣައްޔަރުވެފައި. އެކަމަށް ނިމުމެއް ގެންނަން ޖެހޭ،" ސައްޕެ ވިދާޅުވި އެވެ.

އޭނާ ވަނީ ސޯޝަލް މީޑިއާގައި ވެސް ފަހަކަށް އަައިސް ގާސިމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާން ފައްޓަވާފަ އެވެ. އެގޮތުން އޭނާއަކީ ރައްޔިތުންގެ މަސްލަހަތަށް މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށް އެއް އިރެއްގައި ގަބޫލުކުރެއްވި ކަމަށާއި އެހެން ނަމަވެސް އެއީ ގަބޫލުކުރައްވަނީ އެއީ ގައުމަށް އޮތް "ވަބާއެއް" ކަމަށް މިހާރު ގަބޫލުކުރައްވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމަށް އެމްޑީޕީގެ ޓިކެޓް ދޫކުރަން ބާއްވާ ޕްރައިމަރީއަށް މިހާރު ވަނީ ހުޅުވާލާފަ އެވެ.