މަޖިލީހަށް ވާދަކުރުމާ މެދު ނަޝީދާއި މޫސަ އަދި ގޮތެއް ނުނިންމަވާ

އަންނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރެއްވުމާ މެދު އަދި ގޮތެއް ނުނިންމަވާ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު ރީކޯ މޫސާ މަނިކާއި ކުޅުދުއްފުށީ ދެކުނު ދާއިރާގެ ޕީޕީއެމްގެ މެމްބަރު މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.


މާޗު މަހު ފަހުކޮޅު އޮންނަ މަޖިލީހުގެ އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރުމަށް 40 އަށްވުރެ ގިނަ މީހުންނަށް އެ ޕާޓީން ވަނީ ޓިކެޓު ދީފަ އެވެ. އަދި ޕީޕީއެމްގެ މަޖިލިސް މެމްބަރުންގެ ގޮތުގައި މިހާރު ތިއްބެވި މޫސަ އާއި ނަޝީދު ފިޔަވައި ހުރިހާ ބޭފުޅުންނަށް ވެސް ވަނީ ޓިކެޓު ދީފަ އެވެ.

މީގެއިތުރުން، ކުރީގެ ސަރުކާރުގެ ދެ މިނިސްޓަރުން ކަމަށްވާ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިޒް އާއި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފަށް އަދި ޓިކެޓް ހަވާލުކޮށްފައެއް ނުވެ އެވެ.

ނަޝީދު "މިހާރު" އަށް ވިދާޅުވީ މަޖިލީހުގެ އިންތިޚާބުގައި ކުރިމަތިލައްވާނެކަން ނުވަތަ ނޫންކަން ވެސް ނިންމަވާފައި ނުވާ ކަމަށެވެ. ނަޝީދަށް ޕީޕީއެމްގެ ޓިކެޓު ނުދިން މައްސަލައިގައި އެކަމާ ސުވާލު ކުރަން ވާނީ އެ ޕާޓީގެ އިސް ބޭފުޅުންނާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމާ އޭނާ އިތުރަށް އެއްވެސް ވާހަކައެއް ވިދާޅެއް ނުވެ އެވެ.

ސްވިޓްޒަލޭންޑްގެ ޖެނީވާގައި ހުންނަވައި، ރީކޯ މޫސަ ވިދާޅުވީ އޭނާ އަށް ޕީޕީއެމްގެ ޓިކެޓު ނުދިން މައްސަލަ، މާލެ ވަޑައިގެން އެ ޕާޓީގެ އިސް ބޭފުޅުން އަރިހުން ސާފު ކުރައްވާނެ ކަމަށެވެ. އަދި މަޖިލީހަށް ވާދަކުރައްވާނެ ދާއިރާއަކާ ގުޅޭ ގޮތުން ގޮތެއް ނުނިންމަވާ ކަމަށް މޫސަ ވެސް ވިދާޅުވި އެވެ.

ވޭތުވެދިޔަ ދެ ޓާމް ފުރުއްވި މޫސަ އާއި ނަޝީދަށް ޓިކެޓް ނުދީ އޮތް މައްސަލައިގައި ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ހުސެއިން ޝަރީފް (މުންދު) އަށް ތަކުރާރުކޮށް، ގުޅުމުން ވެސް ޖަވާބެއް ނުދެއްވަ އެވެ.

އާބާދީ އަށް އައި ބަދަލާ އެކު މޫސަ ތަމްސީލް ކުރައްވާ، ހުޅުހެންވޭރު ދާއިރާ އުވާލައި، ހުޅުމާލެ ދާއިރާގެ ނަމުގައި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ އާ ދާއިރާއެއް އުފައްދައިފަ އެވެ.

ނަޝީދާއި މޫސަ އަކީ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ މެމްބަރުންގެ ތެރެއިން އެންމެ ތަޖުރިބާކާރު ދެ މެމްބަރުންނެވެ. ނޫސްވެރިކަމުގެ މިނިވަންކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ނަޝީދަކީ މިހާރު އަމަލުކުރަމުން އަންނަ ގާނޫނުއަސާސީ ޑްރާފްޓް ކުރުމުގައި އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ.