ޝަރުއީ ދާއިރާ ކޮރަޕްޝަނުން އެއްކިބާވެ އޮތުމަކީ އަމާޒެއް: އުއްތަމަ ފަނޑިޔާރު

ޝަރުއީ ދާއިރާއަކީ ކޮރަޕްޝަންގެ ނުފޫޒުން އެއްކިބާވެފައިވާ މިނިވަން، އިންސާފުވެރި ޝަރުއީ ދާއިރާއެއްގެ ގޮތުގައި ދެމިތިބުމަކީ އަމާޒެއް ކަމަށް އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ އެވެ.


އެންޓި ކޮރަޕްޝަން ދުވަހުގެ މުނާސަބަތުގައި އުއްތަމަ ފަނޑިޔާރު ދެއްވި ޚިތާބުގައި ވިދާޅުވީ ކޮރަޕްޝަނުން ސަލާމަތްވެފައި އޮތް ގައުމަކަށް ހެދުމަށް މުހިންމު ދައުރެއް އަދާކުރާ ބަޔަކީ ޝަރުއީ ދާއިރާ ކަމަށެވެ.

އިންސާނީ ހައްގުތައް ކަށަވަރުކޮށްދޭން ތިބި ބަޔަކީ ޝަރުއީ ދާއިރާ ކަމަށްވީ އިރު، ޝަރުއީ ދާއިރާއަކީ އިންސާފުވެރި ދާއިރާއެއްގެ ގޮތުގައި ދެމިތިބުމަކީ އަމާޒެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އިންސާފުވެރިކަމާ އެކު، ޝަރުއީ ދާއިރާގެ މަސައްކަތްތައް ބައްޓަންކޮށް، އަދާލަތު ގާއިމު ކުރުމަކީ އަޅުގަނޑުމެންގެ ލަނޑުދަނޑި އެވެ،" އުއްތަމަ ފަނޑިޔާރު ނެރުއްވި ބަޔާނުގައިވެ އެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ކާމިޔާބު މުޖުތަމައެއް ބިނާކޮށް، އިޖުތިމާއީ އަދި އިގުތިސާދީ އަދާލަތު ގާއިމްވެފައިވާ ގައުމެއްގެ ގޮތުގައި ރާއްޖެ ދެމި އޮތުމަށް ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރާ ބަޔަކަށް ވާންޖެހޭ ކަމަށެވެ. އެގޮތުން ކޮރަޕްޝަން ނައްތާލުމުގައި ކޮންމެ މީހަކުވެސް އެމީހެއްގެ އިޖުތިމާއީ ޒިންމާ އާއި ފަރުދީ ޒިންމާ އަދާކުރުމުގައި ދެމިތިބުން މުހިއްމު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ކޮރަޕްޝަން ހުއްޓުވުމުގައި ދައުލަތުގެ މުއައްސަސާތަކުގެ ގާބިލްކަން އިތުރުކޮށް، ކޮރަޕްޝަނަށް ފާރަވެރިވާ ނިޒާމު ހަރުދަނާކޮށް ބާރުވެރި ކުރަން ޖެހޭ ކަމަށާއި ރައްޔިތުންގެ މުދަލާއި ފައިސާ ރައްކާ ކުރެވި، އިގްތިސާދީ ހަރަކާތްތަކަށް ހުރަސް ނޭޅޭ ފަދަ ގާނޫނުތައް ހަދައި ތަންފީޒު ކުރަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ގައުމުގެ އުފެއްދުންތެރި ކަމަށް ހުރަސް އެޅި އިޖުތިމާއީ ގޮތުން ގައުމުގެ ހާލަތު ދަށު ދަރަޖައަށް ދިއުމަށް މެދުވެރިވާ ސަބަބެއްގެ ގޮތުގައި ކޮރަޕްޝަން ފާހަގަކުރެވިފައިވާ ކަމަށާއި ވޯލްޑް ބޭންކްގެ ހިސާބުތައް ދައްކާ ގޮތުގައި ކޮރަޕްޝަން އާންމުވެފައިވާ ގައުމުތަކުގެ އާމްދަނީ އެ ނޫން ގައުމުތަކާ އަޅާބަލާއިރު، ތިން ގުނަ ދަށްވެފައިވާ ކަމަށް ވެސް އުއްތަމަ ފަނޑިޔާރުގެ ޚިތާބުގައިވެ އެވެ.

ކޮރަޕްޝަންގެ ސަބަބުން ގާނޫނު ނަގަހައްޓައި، ހަމަހަމަކަމާ އެކު އެންމެންގެ މައްޗަށް ގާނޫނު ހިންގައި ތަންފީޒުކޮށް ތަތުބީގުކުރުމުގެ މަސައްކަތް ކުރާ އިދާރާތައް ނިކަމެތިވެ، ޖުމްހޫރިއްޔަތު ނެގެހެއްޓުމުގެ ޒިންމާ މަތިކުރެވިފައިވާ މުއައްސަސާތައް ބަލިކަށި ވެގެންދާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.