މި މަހުގެ މުސާރަ ދެވޭވަރަށް ވެސް ހަޒާނާގައި ފައިސާއެއް ނެތް: ޝާހިދު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ރާއްޖޭގެ މާލީ ހާލަތު "ވަރަށް ދަށުދަރަޖަ އަކަށް ދުއްވާލާފައި" ވާ ކަމަށާއި ދައުލަތުގެ މުވައްޒަފުންނަށް މި މަހުގެ މުސާރަ ދޭނެ މިންވަރަށް ވެސް ޚަޒާނާގައި ފައިސާ ނެތް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިއްޔެ ވިދާޅުވެއްޖެ އެވެ.


ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިންޑިއާއަށް މާދަމާ ފައްޓަވާ ރަސްމީ ދަތުރުފުޅާ ގުޅޭ ގޮތުން، "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ޝާހިދު ވިދާޅުވީ، ބަޖެޓަށް ގާތްގަނޑަކަށް އިތުރު 200 މިލިއަން ޑޮލަރު ލިބިގެން ނޫނީ ކުރިއަށް ދެވޭނެ ގޮތެއް ނެތް ކަމަށެވެ. އެހެންވެ، އިންޑިއާއިން 200 މިލިއަން ޑޮލަރު ހިލޭ އެހީގެ ގޮތުގައި ލިބޭތޯ ބައްލަވަމުން ގެންދަވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އޭގެ ތެރެއިން ހަމަ ރަނގަޅު އަދަދެއް ހިލޭ އެހީގެ ގޮތުގައި އިންޑިއާގެ ސަރުކާރުން ދެއްވާނެ. އަދި އަޅުގަނޑުމެންނާ ރައްޓެހި އެހެން ގައުމުތައް، އެއީ ޔުނައިޓެޑް އަރަބް އެމިރޭޓްސް އަދި ސައޫދީއަރަބިއްޔާއިން ވެސް މިހާރު އެ މަސައްކަތް އެބަކުރައްވާ. އަޅުގަނޑުމެންނަށް ކުރިމަތިވެފައިވާ ބަޖެޓުގެ ދަތިކަން ފިލުވުމަށް އެބޭފުޅުން މަސައްކަތް ކުރައްވާ،" ފޮރިން މިނިސްޓަރު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވިގޮތުގައި ބަޖެޓް ސަޕޯޓުގެ ގޮތުގައި އެކި ގައުމުތަކުން ދޭ ހިލޭ އެހީ މި މަހު ނުވަތަ އަންނަ މަހު ލިބޭނެ އެވެ.

މިނިސްޓަރު ވިދާޅުވީ، އޭނާ އެންމެ ފަހުން އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވެސް ވަޑައިގެން އެ ގައުމުގެ ކަމާގުޅޭ ބޭފުޅުންނާ މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު ފިނޭންސް މިނިސްޓަރު އަމީރު ވެސް މާދަމާ އިންޑިއާއަށް ވަޑައިގަންނަވާނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.

ފޮރިން މިނިސްޓަރު ޝާހިދު މިދިޔަ މަހު އިންޑިއާ އަށް ކުރެއްވި ދަތުރުގައި އެ ގައުމުގެ ފޮރިން މިނިސްޓަރު ސުޝްމާއާ ބައްދަލުކުރައްވަނީ.-- ފޮޓޯ: ފޮރިން މިނިސްޓްރީ

އޭނާ ވިދާޅުވީ ރައީސްގެ ދަތުރުފުޅުގައި، އިންޑިއާ ސަރުކާރުން ރާއްޖެއަށް ބަޖެޓް ސަޕޯޓް އަދި ކޮންސެޝަނަލް ލޯނު ދިނުމާ ގުޅޭ އެއްބަސްވުމުގައި ސޮއިނުކުރި ނަމަވެސް އެ ގައުުން އެކަމަށް އެއްބަސްވާނެ ކަމަށެވެ.

ފޮރިން މިނިސްޓަރު ވިދާޅުވީ، އިންޑިއާއިން ރާއްޖެއަށް ލޯނުތައް ދޭނީ "ވަރަށް ރަނގަޅު" އިންޓަރެސްޓް ރޭޓެއްގައި ކަމަށެވެ. އެކަމަކު، ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން އެކި ތަންތަނުން ލޯނުތައް ނަގާފައި ވަނީ ކޮމާޝަލް ރޭޓުގައި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ފައިސާ ބޭނުންކޮށްގެން، ފަސާދައިގެން ބޮޑެތި ކަންތައްތަކެއް އެ ފައިސާ ބޭނުންކޮށްގެން ހިންގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަދި ސޮވެރިން ގެރެންޓީ ރާއްޖޭގެ ނަމުގައި ދީފައި މިވަނީ ހަމަ އިންތިހާއަށް. ރާއްޖޭގެ ރެޖިސްޓްރީ މި އޮތީ ޗައިނާގެ އެގްޒިމް ބޭންކްގައި ބާއްވާފައި. އެ ހިސާބަށް ގޮސްފައި މިއޮތީ. އެހެންވީމާ ވަރަށް ކުޑަކުޑަ އިންޓަރެސްޓް ރޭޓެއްގައި ނޫނިއްޔާ އަޅުގަނޑުމެންނަށް ލޯނު ނެގޭނެ ގޮތެއް ނޯންނާނެ. އެހެންވީމާ އިންޑިއާ ސަރުކާރު މެދުވެރިވެގެން މި ލިބޭ ލޯނުތައް ލިބޭނީ އާދަޔާ ޚިލާފަށް ކުޑަ އިންޓަރެސްޓް ރޭޓެއްގައި،" ޝާހިދު ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެބަޖެހޭ ތަރައްގީގެ މަޝްރޫއުތައް ހިންގަން. ރަށްރަށުގައި ފެންހޮޅި އަޅަންޖެހޭ. ބަނދަރުތައް ހަދަންޖެހޭ. ނަރުދަމާގެ މަޝްރޫއުތައް ހިންގަންޖެހޭ. މި ހުރިހާ ކަމެއް މަޑުޖައްސާލައިގެން ތިބެވޭކަށް ނެތް. އެކަން ކުރަން ހުރި ފައިސާ ކުރީގެ ސަރުކާރުން މިވަނީ ވަގަށް ނަގާފައި. ދަރަނީގެ ގޮތުގައި ނަގާފައި އޭގެ ބޭނުން ނާޖާއިޒް ގޮތުގައި ހިންގާފައި. އެ ފައިސާގެ ރާއްޖޭގެ ރައްޔިތުންގެ ތަރައްގީއަށް ހިންގަން ހުރި ފައިސާތައް. ދައުލަތަށް ގެއްލުނު ފައިސާ ލިބެންދެން ރައްޔިތުންގެ ތަރައްގީގެ މަޝްރޫއުތައް މަޑުޖައްސާލައިގެން މި ސަރުކާރަކަށް ނުތިބެވޭނެ."

އިންޑިއާއިން ރާއްޖެއަށް ދޭ ލޯނުގެ އަދަދެއް އަދި އެ ލޯންތަކުގެ އިންޓަރެޓްސް ރޭޓެއް ދެ ގައުމުން އަދި ހާމައެއް ނުކުރެ އެވެ.

ދިވެހި ސަރުކާރާއި އިންޑިއާގެ ސަރުކާރުގެ ބައެއް އިސް އޮފިޝަލުންނާ އެކު މިދިޔަ ހަފުތާގައި ބޭއްވި ބައްދަލުވުމުގެ ތެރެއިން.---ފޮޓޯ: ފޮރިން މިނިސްޓްރީ

ޝާހިދު ވިދާޅުވީ، އިންޑިއާ އާއި އެހެން ބައެއް ގައުމުތަކުގެ މާލީ އެހީތެރިކަން ރާއްޖެއަށް ބޭނުންވަނީ ޔާމީންގެ ސަރުކާރުން މާލީ ކަންކަން ވަރަށް ދަށު ދަރަޖަ އަކަށް ގެންގޮސްފައިވާތީ ކަމަށެވެ. އަދި މުޅި ގައުމު ދަރައިވިކިފައިވާތީ ކަމަށެވެ.

ޝާހިދާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ދާދި ފަހުން އިންޑިއާއަށް ކުރެއްވި ދަތުރުގައި ވަނީ ބަޖެޓް ސަޕޯޓަށާއި އާ ސަރުކާރުގެ ބައެއް މަޝްރޫއުތަކަށް އިންޑިއާގެ މާލީ އެހީތެރިކަން ހޯދުމާ ގުޅޭ މަޝްވަރާތައް ބާއްވައިފަ އެވެ.

އެ މަޝްވަރާތަކަށް ފަހު އިންޑިއާގެ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ވިދާޅުވެފައި ވަނީ އިންޑިއާއާ އެކު ރާއްޖެ އިން ހަދާފައިވާ "ފައިސާ ބަދަލުކުރުމު"ގެ އެއްބަސްވުމުގައި މިހާރު ލިބޭ ތިން މަސް ދުވަހުގެ މުއްދަތު ހަ މަހަށް ދިގުކޮށްދޭން ރާއްޖެ އިން އެދުނު ކަމަށެވެ. އަދި އެގޮތަށް ބަދަލުކުރެވޭ ފައިސާގެ މިންވަރު މިހާރު އޮތް 200 މިލިއަން ޑޮލަރުން އެއަށް ވުރެ ބޮޑުކޮށްދޭން ވެސް ރާއްޖެއިން ހުށައެޅި ކަމަށް އޭނާ ވިދާޅުވެފައި ވެ އެވެ.

މި އެއްބަސްވުމުގެ ދަށުން އިންޑިއާ އިން ރާއްޖެ އަށް ޑޮލަރު ދިނުމުން، ރާއްޖެ އިން އޭގެ ބަދަލާއި އޭގެ އިންޓަރެސްޓް އަދާކުރާނީ އިންޑިއާ ރުފިޔާ އިންނެވެ.