ރާއްޖޭގައި ބޭރުގެ އަސްކަރީ އެއްވެސް މަރުކަޒެއް ހަދަން ފުރުސަތެއް ނުދެއްވާނެ ކަމަށް، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.
އާ ސަރުކާރުގެ ފޮރިން މިނިސްޓަރުކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުތަކުގައި އުޅުއްވަމުން ޓްވިޓަ މެދުވެރިކޮށް އެ މެސެޖް ޝާހިދު މި ދެއްވީ، ދާއިމީ ގޮތެއްގައި އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭ ގޮތަށް ހަމަޖައްސައިފި ނަމަ، އިންޑިއާ އިން ރާއްޖެއަށް 1 ބިލިއަން ޑޮލަރުގެ މާލީ އެހީތެރިކަން ފޯރުކޮށްދޭން ހުށައެޅިކަމަށް، ޖަޕާންގެ ބޮޑު ނޫހަކުން ބުނެފައި ވަނިކޮށެވެ.
އިންޑިއާގެ އިސް ފަރާތްތަކާ އެކު މަޝްވަރާ ކުރެއްވުމަށް ފަހު މިވަގުތު ޔޫއޭއީގައި ހުންނެވި ޝާހިދު ވިދާޅުވީ ރާއްޖެ އަށް ބޭރުގެ އެހީ ހޯދާނީ "ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ބުރުލެއް ނާރާނެ ގޮތުގެ މަތިން" ކަމަށެވެ.
"ރާއްޖޭގައި އެއްވެސް ބޭރު ގައުމެއްގެ އަސްކަރީ މަރުކަޒެއް ހަދާކަށް ފުރުސަތެއް ނުދޭނަން،" ޖަޕާންގެ ނިކީ އޭޝިއަން ރިވިއު އިން އިއްޔެ ފެތުރި ޚަބަރާ ގުޅިގެން ވަރަށް ސީދަލަށް ޝާހިދު ރައްދު ދެއްވި އެވެ.
"އެފަދަ އެއްބަސްވުމެއް އެއްވެސް ގައުމަކާ ނުކުރެވޭނެ!"
ޝާހިދާ އެކު، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވެސް ހިމެނިވަޑައިގަންނަވާ ގޮތަށް އިންޑިއާއަށް ދިޔަ އިސް ވަފުދުން އެންމެ ބޮޑަށް ސަމާލުކަން ދިން އެއް ކަމަކީ ބަޖެޓް ސަޕޯޓަށާއި އާ ސަރުކާރުގެ ބައެއް މަޝްރޫއުތަކަށް އިންޑިއާގެ މާލީ އެހީތެރިކަން ހޯދުމެވެ.
އެ މަޝްވަރާތަކަށް ފަހު އިންޑިއާގެ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ އިންޑިއާއާ އެކު ރާއްޖެ އިން ހަދާފައިވާ "ފައިސާ ބަދަލުކުރުމު"ގެ އެއްބަސްވުމުގައި މިހާރު ލިބޭ ތިން މަސް ދުވަހުގެ މުއްދަތު ހަ މަހަށް ދިގުކޮށްދޭން ރާއްޖެ އިން އެދުނު ކަމަށެވެ. އަދި އެގޮތަށް ބަދަލުކުރެވޭ ފައިސާގެ މިންވަރު މިހާރު އޮތް 200 މިލިއަން ޑޮލަރުން އެއަށް ވުރެ ބޮޑުކޮށްދޭން ވެސް ރާއްޖެއިން ހުށައެޅި ކަމަށް އޭނާ ވިދާޅުވި އެވެ.
މި އެއްބަސްވުމުގެ ދަށުން އިންޑިއާ އިން ރާއްޖެ އަށް ޑޮލަރު ދިނުމުން، ރާއްޖެ އިން އޭގެ ބަދަލާއި އޭގެ އިންޓަރެސްޓް އަދާކުރާނީ އިންޑިއާ ރުފިޔާ އިންނެވެ.
އިންޑިއާގެ ނޫސްވެރިންނާ ބައްދަލުކުރައްވާ ޝާހިދު ވިދާޅުވެފައި ވަނީ ރާއްޖޭގެ ބަޖެޓް ޑެފިސިޓް ހަމަޖައްސަން އިންޑިއާ އިން އެހީތެރިވެދޭނެ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އެކި ގައުމުތަކަށް ރާއްޖެ އިން ދައްކަން ޖެހޭ ދަރަނި އަދާކުރަން އޮތް ޝަރުތުތައް، އާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މުރާޖައާ ކުރާނެ އެވެ. އަދި "ފުރަތަމަ އިންޑިއާ" ސިޔާސަތަށް ރާއްޖެ އިން އަނެއްކާވެސް ދީލާލައިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝާހިދުގެ އެ ރައްދަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެންގުޅުއްވި ޗައިނާއަށް އިސްކަން ދެއްވުމުގެ ސިޔާސަތުން ދުރުވެ، އާ ސަރުކާރުން އިންޑިއާއަށް އިސްކަން ދިނުމެވެ. އެކަމަކު ޝާހިދު ވިދާޅުވީ އެހެން ގައުމުތަކާ އެކު ވެސް ރާއްޖެ އިން ގުޅިގެން މަސައްކަތް ކުރާނެ ކަމަށެވެ.
ޗައިނާ އިން ރާއްޖެ އަށް ދޭ ބޮޑެތި ލޯނުތަކުގެ ފަހަތުގައި އޮތީ ޗައިނާގެ އަސްކަރީ މަރުކަޒެއް ހަދަން ރަށްތަކެއް ދިނުން ކަމަށް، ޔާމީންގެ ވެރިކަމުގެ ދުވަސްވަރު އިންޑިއާގެ ބައެއް މީޑިއާތަކުން ތަކުރާރުކޮށް ބުނެފައިވެ އެވެ. އެކަމަކު އެ ވާހަކަތައް އޭރުގެ ސަރުކާރުން ދޮގުކުރި އެވެ.