ޖޮއިންޓް ކޮމިޝަންގެ ބައްދަލުވުމަށް މިނިސްޓަރު ޝާހިދު އިންޑިއާއަށް ވަޑައިގެންފި

ރާއްޖެ-އިންޑިއާގެ ޖޮއިންޓް ކޮމިޝަންގެ ބައްދަލުވުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު އިންޑިއާ އަށް ވަޑައިގެންފި އެވެ.


އިންދިރާ ގާނދީ އިންޓަނޭޝަނަލް އެއާޕޯޓުން މިނިސްޓަރު ޝާހިދަށް މަރުހަބާ ދެންނެވީ އެ ގައުމުގެ ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ އަމިތު ނަރަންގެވެ.

ދެ ގައުމުގެ ޖޮއިންޓް ކޮމިޝަން ބައްދަލުވުން އޮންނާނީ އަންނަ ހުކުރު ދުވަހެވެ. އެންމެ ފަހުން އެ ކޮމިޝަންގެ ބައްދަލުވުމެއް ބޭއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 2015 ވަނަ އަހަރު އެވެ.

މިއީ، މި ވެރިކަން ފެށުނު ފަހުން ޝާހިދު އެ ގައުމަށް ކުރައްވާ ރަސްމީ ދެ ވަނަ ދަތުރެވެ.

ރާއްޖެ އާއި އިންޑިއާ ދެމުދު ޖޮއިންޓް ކޮމިޝަނެއް އުފެއްދީ 1986 ގަ އެވެ. އެއީ، އިގްތިސާދީ ގޮތުންނާއި ފަންނީ ގޮތުން އެއް ގައުމު އަނެއް ގައުމަށް އެހީތެރިވެދިނުމަށެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، ރާއްޖެ އާއި އިންޑިއާގެ ގުޅުން އާދަޔާ ޚިލާފަށް ރަނގަޅުވެ، ރާއްޖޭގެ ވެރިން އެ ގައުމަށް ވަޑައިގަންނަވާ މިންވަރު ވަނީ ވަނީ އިތުރުވެފަ އެވެ. ނައިބު ރައީސް ފައިސަލް ނަސީމް މިދިޔަ ހަފުތާ ބަންދާ ދިމާކޮށް އިންޑިއާ އަށް ވަޑައިގެންނެވިއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ އެ މަޖިލީހުގެ މެމްބަރުންތަކެއް ހިމެނޭ 15 ބޭފުޅުންގެ ވަފްދެއް މިހާރު ވެސް އުޅުއްވަނީ އިންޑިއާ އަށް ކުރާ ރަސްމީ ދަތުރެއްގަ އެވެ.