އދ. ގެ ސަލާމަތީ މަޖިލިހުގެ ވޯޓުގައި ރާއްޖެ އިންޑިއާއާ އެއްކޮޅަށް

އދ. ގެ ސަލާމަތީ މަޖިލިހުގެ ދާއިމީ މެމްބަރަކަށް ވުމަށް އިންޑިއާ ކުރަމުން އަންނަ މަސައްކަތައް ރާއްޖެއިން ތާއީދު ކުރުމަށް ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.


އެމަނިކުފާނު އިންޑިއާއަށް އިއްޔެ ފެއްޓެވި ރަސްމީ ދަތުރުފުޅުގައި، ނެރުއްވި ގުޅިފައިވާ ބަޔާނުގައި ވިދާޅުވީ، އދ. ގެ ސަލާމަތީ މަޖިލިހުގެ ދާއިމީ މެމްބަރަކަށް ވުމަށް އިންޑިއާއިން ކުރާ މަސައްކަތަށް ރާއްޖޭގެ އެހީތެރިކަން ލިބޭނެ ކަމުގެ ޔަގީންކަން އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޮދީއާ އެކު މިއަދު ބޭއްވެވި ބައްދަލުވުމުގައި އެމަނިކުފާނަށް އަރުވާފައިވާ ކަމަށެވެ. އަދި ސަލާމަތީ މަޖިލިސް އިސްލާހު ކުރުމަށް އިންޑިއާ ކުރާ މަސައްކަތަށް ވެސް ރާއްޖޭގެ ތާއީދު އޮންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އދ. ގެ ސަލާމަތީ މަޖިލިހުގެ ދާއިމީ މެމްބަރަކަށް ވުމަށް އިންޑިއާގެ އިތުރުން ބްރެޒިލް، ޖަރުމަން އަދި ޖަޕާނުން އަންނަނީ މަސައްކަތް ކުރަމުންނެވެ. ދާއިމީ މެމްބަރުން ހޮވުމުގެ އިންތިޚާބު އޮންނާނީ 2021 ގަ އެވެ.

އިންޑިއާގެ ބޮޑުވަޒީރު މޮދީއާ އެކު މިއަދު ބޭއްވެވި މަޝްވަރާތަކަށް ފަހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ، މޮދީ އާއި އިންޑިއާގެ ރައީސް އަންނަ އަހަރު ރާއްޖެ ވަޑައިގަތުމަށް ދައުވަތު އަރުވާފައިވާ ކަމަށެވެ. އެނގިފައިވާ ގޮތުގައި މޮދީ ވަނީ އެ ދައުވަތު ގަބޫލުފުޅު ކުރައްވައިފަ އެވެ.

ރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އިންޑިއާ އިން ރަސްމީކޮށް މަރުހަބާ ދެންނެވުމަށް، ރިޔާސީ ގަނޑުވަރު ރާސްތްރަޕަވަތީ ބަވަންގައި ބޭއްވި ރަސްމިއްޔާތުގައި އެ ގައުމުގެ ރައީސްއާ އެކު.---ފޮޓޯ: އޭއެފްޕީ

މޮދީ ވަނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ވެސް މިދިޔަ މަހު ރާއްޖެ ވަޑައިގެންފަ އެވެ.

ރައީސް ވިދާޅުވީ، ރާއްޖެ އާއި އިންޑިއާގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި އެ ގައުމުގެ ބޮޑުވަޒީރު މޮދީއާ އެކު މިއަދު މަޝްވަރާ ކުރެއްވި ކަމަށެވެ. އެގޮތުން، މި ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ވަރުގަދަ ކުރުމަށްޓަކައި ކަނޑުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ބަލައި ފާސްކޮށް މައުލޫމާތު ބަދަލުކުރުމަށް ނިންމަވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި، ޓެރަރިޒަމް ނައްތައިލުމަށް އެކުގައި މަސައްކަތް ކުރުމަށާއި ހިއުމަން ޓްރެފިކިން އާއި މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް އެކުގައި މަސައްކަތް ކުރުމަށް ދެ ގައުމުން ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިންޑިއާޣެ ބޮޑުވަޒީރު ވެސް ވިދާޅުވި އެވެ.

މަގާމުގެ ހައިސިއްޔަތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިންޑިއާއަށް ކުރައްވަމުން ގެންދާ ރަސްމީ ދަތުރުފުޅުގައި، ރާއްޖެއަށް 1.4 ބިލިޔަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީއެއް ދޭން އެ ގައުމުން ނިންމާފައިވާ ކަމަށް ބޮޑުވަޒީރު މޮދީ މިއަދު ވަނީ އިއުލާން ކުރައްވައިފަ އެވެ.

ރާއްޖޭގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު "މިހާރު" އަށް މިއަދު ވިދާޅުވިގޮތުގައި، އެ އެހީގައި ހިމެނެނީ ބަޖެޓް ސަޕޯޓަށް 200 މިލިއަން ޑޮލަރާއި ސަރުކާރުން ބޭނުންވާ މަޝްރޫއުތަކަށް ދިން 800 މިލިއަން ޑޮލަރު އަދި ކަރެންސީ ސްވެޕްގެ ގޮތުގައި ހަމަޖައްސައިދިން 400 މިލިއަން ޑޮލަރެވެ.

ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި އިންޑިއާ އަށް ވަޑައިގެން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އެ ގައުމާ އެކު ހަތަރު އެއްބަސްވުމެއްގައި މިއަދު ސޮއިކުރައްވައިފަ އެވެ. އޭގެ ތެރެއިން އެންމެ މުހިންމު އެއްބަސްވުމަކީ ދިވެހިންނަށް އިންޑިއާގެ ވިސާގެ ލުއި ލިބޭ އެއްބަސްވުމެވެ.