ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ ބޮޑެތި ތުހުމަތުތަކަކާ އެކު އެމަނިކުފާނާ ދެކޮޅަށް ނުކުންނެވީ، ގޭބަންދަށް ދޫކޮށްލާފައިވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާ ބައްދަލުކުރެއްވުމަށް ފަހު ކަމަށް ބުނެ ރޭ މެސެޖެއް ލީކުކޮށްލައިފި އެވެ. އެކަމަކު އެ ތުހުމަތު ދޮގުކުރައްވަމުން މުއާޒް ވިދާޅުވީ "އެ މެސެޖަކީ ވެސް ހަދާފައިވާ އެއްޗެއް" ކަމަށެވެ.
އޭނާ ވިދާޅުވީ "ދިވެހި ރައްޔިތުންނަށް ހަގީގަތް ހާމަކުރަން ނުކުތީ، އެއްވެސް މީހެއްގެ ދިފާއުގައި" ނޫން ކަމަށެވެ. ގޭބަންދަށް ދޫކޮށްލި ފަހުން ވެސް އަދީބާ ބައްދަލުކުރައްވާފައި ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މުއާޒް މިހެން ވިދާޅުވި ނަމަވެސް ރައީސް ޔާމީން ދިފާއުކުރެއްވުމުގައި އެންމެ ގަދައަށް އަޑުއުފުއްލެވި މުއާޒް، ރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި ޔާމީނަށް ތުހުމަތުކޮށް ވާހަކަ ދެއްކެވީ އަދީބު ދިފާއުކޮށްދެއްވާ މޭރަމަކުންނެވެ.
އެއީ، އަދީބަށް ވިޔަސް އަދި ލޯންޗު ގޮއްވާލުމުގައި ތުހުމަތުކުރި ސިފައިންގެ މީހެއް ނަމަވެސް އެ އާއިލާތަކަށް ނާއިންސާފު ލިބެން ބޭނުން ނުވާތީ ކަމަށް މުއާޒް ވިދާޅުވި އެވެ.
ޔާމީނަށް މުއާޒް ފޮނުއްވި ކަމަށް ބުނާ މެސެޖް ލީކުވީ، ރައީސް ޔާމީން ވެސް ހިމެނިވަޑައިގަންނަވާ ވައިބަ ގްރޫޕަކުންނެވެ.
އެ މެސެޖުގައި އޭނާ ދައްކާފައި ވަނީ މާލީގޮތުން ދަތިތަކެއް ކުރިމަތިވެފައިވާ ވާހަކަ އެވެ. އެގޮތުން ކުއްޔަށް ހިފައިގެން އުޅޭ ތަނުގެ ކުލި ނުދެއްކިގެން ކަންބޮޑުވުންފާޅުކުރައްވާފައިވެ އެވެ.
އަދީބުގެ ނަން ގެނެސްފައި ނުވާ އެ މެސެޖުގައި "ސަލާން ޖަހަން ޖެހުނަސް ސާމެން ދެމަފިރިން ދޫކޮށްނުލާނަން" ކަމަށާއި "ނަސޭހަތް ގަބޫލުކޮށްފިން" ކަމަށް ލިއެފައިވެ އެވެ. އެއީ، ﷲ ހެކިކޮށް ވާ ވައުދެއް ކަމަށް ވެސް ލިއެފައިވެ އެވެ.
"މުއާ އަށް އެކަހަލަ ހިޔާލެއް އައުމުން، މުއާ އަށް ސާ ކުރައްވާ އިތުބާރު ގެއްލުވާ ނުލައްވާތި އާދޭހާއެކު. ހާލަތުގެ ގޮތުން އުފެދުނު ޝައިތޯނީ ވަސްވާހެއް އެއީ،" އެ މެސެޖުގައިވެ އެވެ.
މުއާޒް ވިދާޅުވި ގޮތުގައި ހަގީގަތަށް ވާހަކަ ދެއްކެވުމުން ޒާތީވެ، އަބުރުކަތިލަން އާއްމުކޮށްގެން އުޅެނީ އޭނާ ފޮނުއްވި މެސެޖެއް ނޫނެވެ. އެއީ، ޕީޕީއެމްގެ އެކްޓިވިސްޓުންކޮޅެއް ލައްވައި އެޑިޓްކޮށްފައިވާ މެސެޖެއް ކަމަށާއި އެ ވާހަކަ ދެއްކެވިއިރު ވެސް އެފަދަ ތުހުމަތު އަޅުވާނެ ކަން އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.
"އެއީ އެޑިޓްކޮށްފައިވާ މެސެޖެއް. އެ މެސެޖުގައިވާ ބަހުރުވަކީ އަޅުގަނޑު ރައީސް ޔާމީނާ ވާހަކަ ދައްކާ މޭރަމަކުން ހުރި ވާހަކަތަކެއް ވެސް ނޫން. މާލީ މުއާމަލާތެއްގެ ވާހަކަ ހިމަނައި މެސެޖެއް ފޮނުވާފައެއް ނުވާނެ،" މުއާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަދީބާ ގުޅުވައި ތުހުމަތުތަކެއް ކުރާއިރު އެއީ އެއްއިރެއްގައި ވެސް ގާތްކަން އޮންނަ ބޭފުޅެއް ނޫން ކަަމަށެވެ. އެންމެ ފަހުން އަދީބާ ބައްދަލުވީ، މުއާޒް ވިދާޅުވި ގޮތުގައި، ލޯންޗު ހާދިސާގައި ފަސްޓް ލޭޑީ ފާތުމަތު އިބްރާހީމަށް އަނިޔާވެ އައިޖީއެމްއެޗުގައި އެޑްމިޓްކޮށްފައި އޮތްއިރު އެތަނުންނެވެ.
"އެ ދުވަހު ވެސް އަޅުގަނޑު އަދީބަށް ނުރުހުމުގެ ބަހެއް ބުނެފައި އޮންނާނީ. އޭގެ ފަހުން، އަދީބާ އަޅުގަނޑާ ބައްދަލެއް ނުވޭ،" މުއާޒް ވިދާޅުވި އެވެ.
މުއާޒަށް ކުރާ ތުހުމަތުތަކުން ދިފާއުވެވަޑައިގަތުމަށް މި ވާހަކަތައް ދެއްކެވި ނަމަވެސް ޔާމީނަށް ތުހުމަތު ކުރައްވައި، ޕީޕީއެމްގެ ލީޑަޝިޕްގައި ކުރިން ވެސް އަދީބާ، ޒާތީ ބޭފުޅުން ތިއްބެވި ކަަމަށް ވިދާޅުވެ މުއާޒް ދެއްކެވި ވާހަކަތަކަށް އެ ޕާޓީގެ އިސް ބޭފުޅުން ގެންދަވަނީ ފާޑުވިދާޅުވަމުންނެވެ. ޕްރެސް ކޮންފަރެންސްގައި މުއާޒް ދެއްކެވީ ދޮގު ވާހަކަތަކެއް ކަމަށް ވެސް ޕީޕީއެމުން ވަނީ ބުނެފަ އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި މުއާޒް ވިދާޅުވީ ލޯންޗުގައި އެއްޗެއް ގޮވި ހާދިސާގައި އަލިފާނުގެ "ކަންޏެއް" ވެސް ފެނިވަޑައިގެންފައި ނުވާ ކަމަށެވެ. އެއާއެކު، އެ ހާދިސާގެ ކުރިން، ޔާމީން އުޅުއްވި ގޮތުން ޝައްކު އުފެދޭ ކަންކަން ކުރެއްވި ކަމަށް މުއާޒް ވިދާޅުވި އެވެ. އޭގެތެރޭގައި، އާއްމު އުސޫލުން އެއާޕޯޓުގައި ނޫސްވެރިންނާ ބައްދަލު ނުކުރައްވައި ފާލަމުގައި ވާހަކަފުޅު ދައްކަވަން ނިންމެވުމާއި ލޯންޗުކޮޅުގައި އާއްމުކޮށް އިށީނދެވަޑައިގަންނަވާ ގޮނޑިކޮޅު ނޫން ތަނެއްގައި އިށީންނެވުމުން ހިމެނޭ ކަމަށް މުއާޒް ވިދާޅުވި އެވެ.
ޔާމީނާ ދެކޮޅަށް ކުއްލިގޮތަކަށް މުއާޒް ނުކުންނެވިއިރު، ރިޔާސީ އިންތިޚާބު އެމަނިކުފާނަށް ނާކާމިޔާބުވީ ވޯޓު އޮޅުވާލުމުން ކަމަށް ވިދާޅުވެ މަދު ބަޔަކާއެކު ޕީޕީއެމް އޮފީސް ކުރިމަތީގައި އަޑުއުފުއްލަވަން އިސްކޮށް އުޅުއްވި އެކަކީ މުއާޒެވެ.