އަދީބަށް އެމްޓީޑީގެ ރައީސް ކަމެއް ނުކުރެވޭނެ: އީސީ

އަލަށް އުފެއްދި މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓްސް (އެމްޓީޑީ) ގެ ރައީސް ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އައްޔަން ނުކުރެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިރޭ ބުނެފި އެވެ.


އެމްޓީޑީ އިން މިރޭ ބޭއްވި ކައުންސިލްގެ ފުރަތަމަ ބައްދަލުވުމުގައި ވަނީ އެ ޕާޓީގެ ރައީސަކަށް އަދީބު އައްޔަންކޮށްފަ އެވެ. އަދީބަކީ އެ ޕާޓީއަށް އެންމެ ފުރަތަމަ ސޮއިކުރެއްވި މެމްބަރު ވެސް މެ އެވެ.

އެކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ އެމްޓީޑީގެ ނިންމުން ކޮމިޝަނަށް މިހާތަނަށް ރަސްމީކޮށް އަންގާފައި ނެތް ކަމަށެވެ. އެކަމަކު ޖަލު ހުކުމެއްގައި ހުންނަ މީހަކަށް ޕާޓީގެ މެމްބަރު ކަން ފިޔަވައި އިތުރު މަގާމެއް އަދާނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް 2015 ގައި ގެނައި އިސްލާހުގައިވާ ގޮތުން ސިޔާސީ ޕާޓީތަކާއި ޖަމިއްޔާތަކުގައި އާންމު މެމްބަރެއްގެ ހައިސިއްޔަތުން ނިސްބަތްވުން ފިޔަވައި، އެއިން ތަނެއްގެ މަސްއޫލު ފަރާތެއްގެ ގޮތުގައި ހުރުމާއި އެތަންތަނުން ހިންގާ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު ޖަލު ބަންދުގެ މުއްދަތުގައި ލިބިގެންނެއް ނުވެ އެވެ.

އޭރު އެގޮތަށް ގާނޫނަށް އިސްލާހު ގެނައީ ޓެރަރިޒަމްގެ ކުށުގައި 13 އަހަރުގެ ޖަލު ހުކުމެއް އައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްގެން ކަމަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރި އެވެ.

އަދީބުގެ މައްޗަށް ތިން ކުށެއް ސާބިތުވެ، 33 އަހަރުގެ ޖަލު ހުކުމެއް އައިސްފައި ވިޔަސް، ސިއްހީ ހާލަތު ހުރި ގޮތުން އޭނާ މިހާރު ހުންނެވީ ގޭ ބަންދަށް ބަލުކޮށްފަ އެވެ.