އެމްޓީޑީގެ މެމްބަރުންގެ ހައްގު ހޯދަން މަސައްކަތް ކުރާނަން: އާސިފް

މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) ޕާޓީގެ މެމްބަރުންގެ ހައްގުގައި މަސައްކަތްކޮށް، ހައްގުތައް ހޯދައިދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް އެ ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވާ މުއައްސިސް އަދި ވިޔަފާރިވެރިންގެ ޖަމިއްޔާގެ ނައިބު ރައީސް އިސްމާއިލް އާސިފް މިރޭ ވިދާޅުވެއްޖެ އެވެ.


އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން އުޅުނު މައްސަލައިގައި ދިގު މުއްދަތެއްގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އެމްޓީޑީ އަށް ސޮއި ކުރެއްވުމާ ގުޅިގެން އެ ޕާޓީ އަށް ބައެއް މީހުންގެ ފާޑު ކިއުން ވަނީ އަމާޒުވެފަ އެވެ. ބައެއް މީހުން ސިފަ ކުރި ގޮތުގައި، އެއީ "ކުށްވެރިން ސަލާމަތް ކުރަން" ހެދި ޕާޓީއެކެވެ.

އެމްޓީޑީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާސިފް ވިދާޅުވީ ސިޔާސީ ދާއިރާގައި އުޅުމަކީ ހުރިހާ ދިވެހިންނަށް ވެސް ލިބިފައި އޮތް ހައްގެއް ކަމަށެވެ. އަދި ވަކި ބައެއްގެ ކޮރަޕްޝަންގެ ވާހަކަ ދައްކާފައި، ދެން ތިބި މީހުންގެ ވާހަކަ ނުދައްކަނީ ކީއްވެތޯ އޭނާ ސުވާލު ކުރެއްވި އެވެ.

"މިސާލަކަށް އަދީބުގެ ވާހަކަ ދައްކަވާ ބޭފުޅުން އަދީބުގެ ވާހަކަ އެކަނި ދައްކަވަނީ ކީއްވެތޯ؟ ކީއްވެތޯ ޔާމީންގެ ނަން ނާންނަނީ؟ ކޮބައިތޯ މައްސަލައަކީ؟ ޔާމީނާ ކޮން ކަހަލަ ޑީލެއް ހަދާފައި އޮތީތޯ؟،" އަދީބު ވަރަށް ބޮޑަށް ދިފާއު ކުރައްވައި ވާހަކަ ދައްކަވަމުން އާސިފް ވިދާޅުވި އެވެ.

އެމްޓީޑީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާސިފް (ކ) ވާހަކަ ދައްކަވަނީ.

އަދީބުގެ މައްސަލަ މީޑިއާގައި ސަމާލު ކަމަށް ގެންނައިރު، ޔާމީންގެ ވާހަކަ މީޑިއާތަކުން ނުގެންނާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އާސިފް ވިދާޅުވީ އެމްޓީޑީން އަބަދުވެސް ގޮވާލާނީ އިންސާފުވެރި ޝަރީއަތްތަކެއް ކުރިއަށް ގެންދިއުމަށެވެ. އަދި އެއް އިރެއްގައި ވެސް ކުށްވެރިން ދޫކުރަން ގޮވާފައި ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަދީބު ހިމެނޭ ގޮތަށް ހުރިހާ ދިވެހިންނަށް ވެސް އިންސާފުވެރި، މިނިވަން ޝަރީއަތެއް ލިބިގެންވާ ކަމަށް އާސިފް ވިދާޅުވި އެވެ.

"އަޅުގަނޑުމެން، ޕާޓީގެ މެމްބަރުންނަށްޓަކައި ތެދުވާނަން. އަޅުގަނޑުމެން ޕާޓީގެ މެމްބަރުންގެ ހައްގުގައި މަސައްކަތް ކުރާނަން. އަޅުގަނޑުމެންގެ ޕާޓީގެ މެމްބަރުންގެ ހައްގުތައް ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަން ތައްޔާރަށް މިތިބީ،" އާސިފް ވިދާޅުވި އެވެ.

އެމްޓީޑީން ބުނީ ޕާޓީ ރަޖިސްޓްރީ ކުރުމަށް ބޭނުންވާ 3000 މީހުންގެ ސޮއި ހަމަކޮށްފައިވާ ކަމަށާއި ފޯމްތައް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެމްޓީޑީ އަށް ސޮއި ކުރި ހުރިހާ އެންމެންނަށް އެ ޕާޓީން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

އާސިފް ވިދާޅުވި ގޮތުގައި، އެމްޓީޑީ މިހާ ހިސާބަށް ވެސް ދިޔައީ އެ ޕާޓީއާ ގުޅުނު މެމްބަރުންގެ އަޑު އެހުމުންނެވެ. ޕާޓީއާ ގުޅުނު ޒުވާނުން ސިޔާސީ ދާއިރާ އިން ކުރިއަރައިގެން ދާން ބޭނުންވާ އިރު، ބައެއް ޕާޓީތަކުން އަމަލު ކުރާ ގޮތާ މެދު އެމީހުން ތިބީ ހިތްހަމަނުޖެހިފައި ކަމަށް އާސިފް ވިދާޅުވި އެވެ.

އެމްޓީޑީން ބުނި ގޮތުގައި، މިހާތަނަށް އައިއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަން ކުރިއަށް ދަނީ ރަނގަޅަށެވެ. އަދި އާ ސަރުކާރަށް ފަސް އަހަރުގެ މުއްދަތެއް ދިނުމަކީ މުހިންމު ކަމެއް ކަމަށާއި އެމްޓީޑީން ބަރުލަމާނީ ނިޒާމަކަށް ދުވަހަކު ވެސް ތާއީދު ނުކުރާނެ ކަމަށް އެ ޕާޓީން ބުންޏެވެ.

އަންނަ އަހަރުގެ މާޗް ފަހުކޮޅު އޮންނަ މަޖިލިސް އިންތިހާބުގައި އެމްޓީޑީން ވާދަ ކުރުމަށް ވަނީ ނިންމައިފަ އެވެ. އެކަމަކު، އާސިފް ވިދާޅުވީ އެމްޓީޑީން އިންތިހާބުގައި ވާދަ ކުރާނީ ބައެއް ދާއިރާތަކަށް ކަމަށެވެ. އެކަމަކު، އެ ޕާޓީން ނުކުންނާނީ ކިތައް ދާއިރާއަށް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.