އަލަށް އުފައްދާ ޕާޓީ އަށް ފުރަތަމަ ސޮއިކުރެއްވީ އަދީބު

ވިޔަފާރިވެރިންގެ ޖަމިއްޔާގެ ނައިބު ރައީސް އިސްމާއިލް އާސިފް، އަލަށް އުފައްދަން މަސައްކަތް ކުރައްވާ ޕާޓީ އަށް، 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނަ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިއަދު ސޮއި ކުރައްވައިފި އެވެ.


"މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމުގެ ހުއްދަ މިއަދު ދީފައިވާ އިރު އަދީބަކީ އެ ޕާޓީ އަށް ސޮއި ކުރެއްވި ފުރަތަމަ މީހާ އެވެ.

ސިއްހީ ހާލަތު ހުރި ގޮތުން މިދިޔަ އަންގާރަ ދުވަހު ގޭ ބަންދަށް ބަދަލު ކޮށްފައިވާ އަދީބު ސޮއި ކުރެއްވުން އޮތީ އޭނާ ދިރިއުޅުއްވާ ގޭގަ އެވެ. ފޮޓޯތަކުން ފެންނަ ގޮތުން ސޮއި ކުރެއްވުމަށް ހަފްލާއެއް ވަނީ ބާއްވާފަ އެވެ. ކޯޓު ފަޓުލޫނުގައި އަދީބު އިންނެވި އިރު ފަހަތުގައި އަލަށް އުފައްދާ ޕާޓީގެ ނަމާއި ލޯގޯ ހިމެނޭ ޕޯސްޓަރެއް ހިއްޕާފައި ހުއްޓެވެ. ޕާޓީ އަށް ސޮއި ކުރެއްވުމަށް ފަހު އެ ފޯމް ހަވާލުކުރެއްވީ އަލަށް އުފައްދާ ޕާޓީގެ މުއައްސިސް އާސިފްއާ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު ސިޔާސީ ހަރަކާތްތަކުގައި ކުރީގައި އިސް ސަފުގައި އުޅުއްވި އާސިފާއި އަދީބަކީ ޒަމާންވީ އެކުވެރިންނެވެ. ވިޔަފާރިވެރިންގެ ޖަމިއްޔާގައި ދެ ބޭފުޅުން އެކުގައި އުޅުއްވި އެވެ.

އާސިފް ވިދާޅުވީ ކުރިމަގުގައި އަދީބު ސިޔާސީ މައިދާނުންނާއި އެ ޕާޓީގެ ލީޑާޝިޕުން ފެނުމަށް އުއްމީދު ކުރައްވާ ކަމަށެވެ. ނަމަވެސް އެ ޕާޓީގެ ލީޑަރެއް ކަނޑައަޅާނީ ޕާޓީ އަށް ވަންނަ އާއްމު މެމްބަރުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލު ކުރަނީ އަދީބު ކުރިއަށް އޮތް ތަނުގައި ސިޔާސީ ދާއިރާ އިން ފެންނާނެ ކަމަށް،" އާސިފް ވިދާޅުވި އެވެ.

އަލަށް އުފައްދާ ޕާޓީއަކީ އަދީބު ލީޑްކުރައްވާ ޕާޓީއެއްތޯ ސުވާލު ކުރުމުން އާސިފް ވިދާޅުވީ އެއީ ވަކި މީހެއްގެ ޕާޓީއެއް ނޫން ކަމަށާއި އަދީބު ވެސް އެ ޕާޓީއާ ގުޅިވަޑައިގަތީ ކޮންމެ ދިވެއްސަކަށް ލިބިދޭ ހައްގުގެ ތެރެއިން ކަމަށެވެ.

އަދީބަކީ 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ބޭފުޅަކަށްވާއިރު ޕާޓީ ލީޑު ކުރެއްވޭނެތޯ ސުވާލު ކުރުމުން އާސިފް ވިދާޅުވީ އަދީބަށް އިންސާފުވެރި ޝަރީއަތެއް ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ރާއްޖޭގެ ތާރީހުގައި ވެސް ދައުލަތުގެ ތެރެއިން ހިންގާފައިވާ އެންމެ ބޮޑެތި ކޮރަޕްޝަންގެ އަމަލުތައް ހިންގިކަން ސާބިތުވުމާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަވަހާރަ ކޮށްލަން އުޅުނުކަން ސާބިތުވުމުން އަދީބަށް ކޮށްފައިވާ ހުކުމްތަކާ ގުޅިގެން އޭނާއަކީ ނުރައްކާތެރި މީހެއް ކަމަށް ސިފަކުރެ އެވެ.

އޭނާ ގޭބަންދަށް ބަދަލު ކޮށްފައިވާއިރު، އެއީ ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ ކަމެއް ކަމަށް ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒު އިއްޔެ ވިދާޅުވި އެވެ. މުއިއްޒު ވިދާޅުވީ އަދީބަކީ ބޮޑެތި ހިޔާނާތްތަކެއް ވެފައިވާ މީހަކަށްވާ އިރު ފައިސާ ފޮރުވަން ނުވަތަ ފައިސާ ބޭނުން ކުރުމުގެ ފުރުސަތު އޭނާ އަށް އެބައޮތް ކަމަށެވެ. އެކަމަށް ފުލުހުން ފާރަވެރިވާން ޖެހޭ ކަމަށް މުއިއްޒު ވިދާޅުވި އެވެ.