ހދ. ކުޅުދުއްފުށި ހޮސްޕިޓަލްގައި އެޕޮއިންޓްމަންޓް ސިސްޓަމްގެ ޚިދުމަތް ފެށުމަށްޓަކައި އެތަނުގެ ޕީއޭބީއެކްސް ނުވަތަ ޓެލެފޯން ވިއުގަ ވަރުގަދަ ކުރުމަށް ހެލްތު މިނިސްޓްރީން އިއްޔެ ދިރާގާ ހަވާލުކޮށްފި އެވެ.
ޕީއޭބީއެކްސް ސިސްޓަމް ދެ މަސް ދުވަހުގެ ތެރޭގައި އަޕްގްރޭޑް ކޮށްދިނުމަށް ދިރާގުން އެއްބަސްވެފައި ވަނީ 332،628ރ. އަށެވެ. އެ އެއްބަސްވުމުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އިއްޔެ ވަނީ ދިރާގާ އެކު ސޮއިކުރައްވައިފަ އެވެ.
ކުޅުދުއްފުށި ހޮސްޕިޓަލަކީ މާލެ ފިޔަވައި އެންމެ ގިނަ މީހުން ޚިދުމަތް ހޯދަމުން އަންނަ ހޮސްޕިޓަލެވެ. ނަމަވެސް، އެތަނުގެ ޑޮކްޓަރުންނަށް ފޯނުން އެޕޮއިންޓްމަންޓް ހެއްދޭނެ ނިޒާމެއް މިހާތަނަށް ގާއިމް ކޮށްފައި ނުވާތީ ކައިރި ރަށްރަށުގެ މީހުންނަށް ޖެހެނީ ކަނޑު ދަތުރުކޮށްފައި ކުޅުދުއްފުއްޓަށް ގޮސް ޚިދުމަތް ހޯދުމަށެވެ. އެހެންވެ، މިއީ އުތުރު ސަރަހައްދުގައި ދިރިއުޅޭ އެތައް ހާސް ބަޔަކަށް ޒަމާނުއްސުރެ ކުރިމަތިވެފައިވާ ވަރަށް ބޮޑު ތަކުލީފެކެވެ.
ހެލްތު މިނިސްޓްރީން ބުނީ ޕީއޭބީއެކްސް އަޕްގްރޭޑަށް ފަހު ކުޅުދުއްފުށި ހޮސްޕިޓަލްގެ ފޯނުތައް ބިޒީ ނުވާނެ ކަމަށާއި ނެޓްވޯކް ވެސް ވަރުގަދަ ވާނެ ކަމަށެވެ. އަދި ވަރަށް ފަސޭހަކަމާ އެކު އެޕޮއިންޓްމަންޓް ހެދޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. މީގެ އިތުރުން، ކޯލެއް މިސްވެއްޖެ ހިނދެއްގައި އެކަމުގެ އެލާޓް ލިބޭތީ އެކަމަށް ވެސް ސަމާލުވުމުގެ ފުރުސަތު ހޮސްޕިޓަލްގެ މުވައްޒަފުންނަށް ލިބޭނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެ އެވެ.
"މި އަޕްގްރޭޑާ އެކު، ހޮސްޕިޓަލަށް ގުޅާއިރު، ޔޫޒާ ބިޒީ ވުމުގެ މައްސަލަ ހައްލުވާނެ. ހޮސްޕިޓަލްގެ ނެޓްވޯކް ވަރުގަދަވާނެ. ދިރާގާ އެކު މި އެއްބަސްވުމުގައި، ކުޅުދުއްފުށި ހޮސްޕިޓަލްގެ ފޯނުތައް ވެސް އައިޕީ ފޯނުތަކަށް ބަދަލުކުރާނެ. ކްލައުޑް ވޮއިސްގެ ޚިދުމަތް ލިބި ފޯނުކޯލްތައް މެނޭޖް ކުރުމުގައި ވަރަށް ބޮޑަށް ފަސޭހަ ވާނެ،" ހެލްތު މިނިސްޓްރީން ބުންޏެވެ.
މިއީ މާލެ ފިޔަވައި އެހެން ރަށެއްގެ ހޮސްޕިޓަލްގައި ޕީއޭބީއެކްސް ސިސްޓަމްގެ މިފަދަ އަޕްގްރޭޑެއް ގެންނަ ފުރަތަމަ ފަހަރު ކަމަށް ވެ އެވެ.
ހެލްތު މިނިސްޓަރު އަމީން ވަނީ މިދިޔަ ހަފުތާ ބަންދުގައި ކުޅުދުއްފުއްޓަށް ވަޑައިގެން އެ ރަށު ހޮސްޕިޓަލްގެ ހާލަތު އޮޅުން ފިލުއްވައިފަ އެވެ.