އަމާޒަކީ ބަލި ފަތުރާ ސޫފާސޫފި ދެނެގަނެވޭ ލެބެއް ގާއިމްކުރުން: އަމީން

ބަލިތައް ފަތުރާ ސޫފާސޫފި ދެނެގަނެވޭނެ ލެބެއް ގާއިމްކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ވިދާޅުވެއްޖެ އެވެ.


ރާއްޖޭގައި ބަލިފަތުރާ ޖަނަވާރާއި މަދިރި އާއި ސޫފާސޫފި މަދުކުރުމުގެ ޕްރޮގްރާމާ ބެހޭ ގޮތުން ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ އެ އެއްޗެހީގެ ސަބަބުން ޖެހޭ ބަލިން އިންސާނުންގެ ފުރާނަ އަށް ނުރައްކާވާ ކަމަށެވެ. އެހެންވެ އެކަމަށް ސަރުކާރުން ހާއްސަ ސަމާލުކަމެއް ދެމުން އަންނަކަމެއް ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ބަލިތައް ފަތުރާ ސޫފާސޫފި ދެނެގަނެ ފަހުގެ ދިރާސާތަކާއެކު މަސައްކަތް ކުރާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ޑެންގީ ޖެހިގެން އެއްވެސް ފުރާނައަކަށް ނުރައްކާ ނުވުމާއި ޑެންގީ މަދިރި ރާއްޖެއަށް މަދުކުރުމަށް އެންމެ ޒަމާނީ ހޯދުންތައް ރާއްޖެއަށް ތައާރަފުކޮށް ރާއްޖޭގައި އެންޓޮމޮލޮޖީ ލެބެއް ނުވަތަ ބަލިފަތުރާ ސޫފާސޫފި ދެނެގަނެވޭ މިފަދަ ތަކެތި މަދުކުރުމަށް ފަހުގެ ދިރާސާތަކުގެ އެކީގައި މަސައްކަތް ކުރުން،" އަމީން ވިދާޅުވި އެވެ.

ވަސީލަތްތައް ހުރި ކަމުގައި ވިއަސް ތަރައްގީވެފައިވާ ގައުމުތަކުގައި ޑެންގީ ފަތުރާ މަދިރި ކޮންޓްރޯލް ކުރަން ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ރާއްޖޭގައި އޮންނަ ފަދަ ގައުމީ ރޫހާއި އެއްބައިވަންތަކަން ނެތުންކަން ފާހަގަކުރައްވައި އެ ގައުމުތަކާ ބަލާއިރު ރާއްޖޭން ކާމިޔާބު ހޯދާފައިވާ ކަމަށް މިނިސްޓަރު ވިިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަދިރި އާއި ބަލި ފަތުރާ ސޫފާސޫފީ ނައްތާލުމުގެ މަސައްކަތުގައި ކައުންސިލްތަކުގެ ބައިވެރިވުން މުހިއްމު ކަމަށެވެ. ވަސީލަތްތައް ލިބިފައި ހުއްޓަސް އެއީ ވަކި މުއައްސަސާއަކަށް ކުރެވޭނެ ކަމެއް ނޫންކަމަށް ވިދާޅުވި އެވެ.

ރާއްޖޭގައި ޑެންގީ ހުން އެންމެ ފުރަތަމަ ފެނުނީ 1978 ވަނަ އަހަރު އެވެ. އޭގެ 10 އަހަރު ފަހުން 1988 ވަނަ އަހަރު އެ ހުން ފެތުރިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި 2006 ވަނަ އަހަރު 10 މީހުން ޑެންގީ ހުމުގައި މަރުވެފައިވާއިރު 2011 ވަނަ އަހަރު އެ އަދަދު 12 އަށް އިތުރުވެފައިވެ އެވެ.