ކުރީގެ ރައީސް އަބްދުﷲ ޔާމީން، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާ ހަވާލުކުރެއްވީ އިސްލާމިކް ބޭންކް (އެމްއައިބީ)ގައި ހުޅުވާފައިވާ އެމަނިކުފާނުގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރު (ގާތްގަނޑަކަށް 15 މިލިއަން ރުފިޔާ) ކަމަށް ބުނެ ދައުލަތުގެ އިދާރާތަކަށް ދޮގު މައުލޫމާތު ދެއްވި މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަން "މިހާރު" އަށް އެނގިއްޖެ އެވެ.
"މިހާރު"އަށް މިއަދު ލިބުނު މައުލޫމާތުތަކުން އެނގެނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ހިންގި ބޮޑު ޚިޔާނާތުގައި، ޔާމީންގެ އެކައުންޓަށް އެސްއޯއެފް ކުންފުނިން ޖަމާކުރި އެއް މިލިއަން ޑޮލަަރު ހަވާލުކުރަން އޭސީސީން އެދުމުން އެއްބަސްވެވަޑައިގަތީ، އެމަނިކުފާނާއި އޭސީސީ ހިއްސާވާ ގޮތަށް އެސްކްރޯ އެކައުންޓެއް ހުޅުވައި ފައިސާ ހަވާލުކުރައްވާށެވެ.
ނަމަވެސް އެ މުއާމަލާތުގައި މަކަރުތަކެއް ހަދާފައިވާކަން، އެންމެ ފަހުން ލިބުނު މައުލޫމާތުތަކުން އެނގެ އެވެ. ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރަކަށް ހުންނެވި އަދި ޔާމީންގެ ސަރުކާރުން ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފަށް ގިނަ ކަންތައްތަކެއް ކުރިއިރު ރައީސަށް ގާނުނީ ލަފާއެރުވުމުގެ ޒިންމާ އުފުއްލެވި އައިޝަތު އާޒިމާ ޝުކޫރުގެ ރޯލް އެ މުއާމަލާތުގެ ތެރެއަށް ވަންނަނީ، "މިހާރު"އާ ވާހަކަ ދެއްކި ބައެއް މީހުން ބުނި ގޮތުގައި، އެ ހިސާބުންނެވެ.
އެގޮތުން އާޒިމާ އޭސީސީއަށް އެންގެވީ އެމްއައިބީގެ އެކައުންޓުގައި ހުރި ފައިސާ އޭސީސީގެ އެންގުމާ އެއްގޮތަށް ބީއެމްއެލްގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށެވެ. އެކަން އޭސީސީ އަށް އެންގެވި ސިޓީގައި އާޒިމާ ސޮއިކުރައްވާފައި ވަނީ ވެސް ލީގަލް އެފެއާޒް މިނިސްޓަރުގެ ހައިސިއްޔަތުންނެވެ.
އެކަމަކު ހަގީގަތުގައި ޔާމީންގެ ފަރާތްޕުޅުން އާޒިމާ އެގޮތަށް އެންގެވި ނަމަވެސް އެ ކޮމިޝަނާ ހަވާލުކުރީ އިސްލާމިކް ބޭންކުގައި ހުރި އެއް މިލިއަން ޑޮލަރެއް ނޫނެވެ. އޭގެ ބަދަލުގައި ޔާމީން ޖަމާކުރެއްވީ، އެނގިފައިވާ ގޮތުގައި، ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރުގެ އެއް މިލިއަން ޑޮލަރުގެ ޗެކަކުން، ޔާމީންގެ އެހެން އެކައުންޓަކަށް ޖަމާކުރެއްވި ފައިސާ އެވެ.
ހަމަ އެ ދުވަހު ޔާމީން ވަނީ އެ އެއް މިލިއަން ޑޮލަރު، އޭސީސީ އާއި އެމަނިކުފާނުގެ ނަންފުޅުގައި ބީއެމްއެލްގައި ހުޅުވި އެކައުންޓަށް ޖަމާކުރައްވައިފަ އެވެ.
އެމްއައިބީއަށް އެސްއޯއެފުން ޖަމާކުރި ދިވެހި ރައްޔިތުންގެ އެއް މިލިއަން ޑޮލަރަށް ވީ ގޮތެއް އަދި ނޭނގެ އެވެ.
ޔާމީންގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަތަކުގައި ސުވާލުކުރަން ފުލުސް އޮފީހަށް ފުރަތަމަ ގެންދިޔައީ މޫސާ ޒަމީރެވެ.
މިހާތަނަށް ދެ ފަހަރެއްގެ މަތިން އާޒިމާ ވަނީ ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ.
އެނގިފައިވާ ގޮތުގައި އާޒިމާގެ މައްޗަށް ތަފާތު ތިން ތުހުމަތެއް ކުރެ އެވެ. އެއީ މަނީލޯންޑަ ކުރުމުގައި ޔާމީނަށް އެހީތެރިވުމާއި ހަގީގަތް އޮޅުވާލުމާއި ދައުލަތުގެ އިދާރާއަކަށް ދޮގު މައުލޫމާތު ދެއްވި ކަމުގެ ތުހުމަތެވެ. މި ތުހުމަތުތަކުގައި ސުވާލުކުރަން ފުލުސް އޮފީހުގައި އޭނާ އިއްޔެ ހަތަރު ގަޑިއިރު ބޭންދި އެވެ.
އާޒިމާ އަށް ތުހުމަތުކުރާ މައްސަލަތަކާ ބެހޭ ގޮތުން މިހާތަނަށް މީޑިއާއާ އޭނާ ވާހަކައެއް ނުދައްކަވަ އެވެ. އެކަމަކު ޔާމީނުގެ ވަކީލެއްގެ ގޮތުން ފުލުސް އޮފީހަށް ވަޑައިގެންނެވިއިރު، ވިދާޅުވެފައި ވަނީ އެއީ އެމަނިކުފާނާ މެދު ތުހުމަތުކުރަނީ ސިޔާސީ ގޮތުން ކަމަށެވެ.
ޔާމީނަށް ތުހުމަތުކުރާ މަނީ ލޯންޑެރިންގެ މައްސަލަތަކުގައި އެމަނިކުފާނުގެ އެކައުންޓްތަކުގައި ހުރި 100 މިލިއަން ރުފިޔާ ވެސް ފުލުހުން ވަނީ ފްރީޒްކޮށްފަ އެވެ.
ރިޔާސީ އިންތިހާބުގެ ގާތްގަނޑަކަށް ދެ ހަފުތާ ކުރިން ޔާމީންގެ އެކައުންޓަކަށް 22.5 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ވާތީ، އެކަން ބަލައިދޭން ފުލުސް އޮފީހަށް ހުށަހެޅީ، އެމްއެމްއޭގައި އުފައްދާފައި އޮންނަ، ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިންނެވެ. އެގޮތުން ސެޕްޓެމްބަރު 5 ގައި 10 މިލިއަން ރުފިޔާ އަދި ސެޕްޓެމްބަރު 10 ގައި 12.5 މިލިއަން ރުފިޔާ ޖަމާކުރުމުން، އެކަން ބަލައިދޭން އެފްއައިޔޫ އިން ފުލުހުންނަށް އެންގި ނަމަވެސް ފުލުހުން އެއްވެސް ތަހުގީގެއް އޭރު ހިންގާފައެއް ނުވެ އެވެ.
މިހާރު ކުރިއަށް ދާ ތަހުގީގުތަކުގައި ޔާމީނާއި ކުރީ ސަރުކާރުގެ އިސް ބޭފުޅުން ހައްޔަރުކުރަން ޖެހޭ ފަދަ ހާލަތެއް އަތުވެއްޖެ ނަމަ އެކަން ވެސް ކުރާނެ ކަމަށް އެކްޓިން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވަނީ ވިދާޅުވެފަ އެވެ.