އަދީބަށް ފަރުވާ ލިބޭނެ، ހައްގުތަކެއް ނުހިފަހައްޓާނަން: އިމްރާން

ސިއްހީ ސަބަބުތަކަށްޓަކައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ޖަލުގައި ނުބަހައްޓާ ގޭބަންދަށް ބަދަލުކުރުމަށް ފަހު އަނބުރާ ގެންދިޔައީ ގޭގައި ބަހައްޓަން ޑޮކްޓަރު އިތުރަށް ލަފާ ދެއްވާފައިވާ ނުވާތީ ކަމަށާއި ޖަލަށް ގެންދިޔަ ނަމަވެސް ފަރުވާގެ ކަންކަން ބަލަހައްޓާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.


ޓެރަރިޒަމާއި ހިޔާނާތުގެ ކުށްތައް ސާބިތުވެ، ކްރިމިނަލް ކޯޓުން 33 އަހަރުގެ ހުކުމެއް އިއްވާފައިވާ އަދީބު ދެ މަހަށް "ހޯމްލީ އެންވަޔަރްމަންޓް" އެއްގައި ބަހައްޓަން ޑޮކްޓަރު ލަފާދެއްވީ އޮކްޓޯބަރު 24، 2018 ގަ އެވެ. ނަމަވެސް މިދިޔަ މަހުގެ 24 ވަނަ ދުވަހުގެ ފަހުން އެގޮތަށް ޑޮކްޓަރު ލަފާ ނުދެއްވާ ކަމަށް އިމްރާން ކުރެއްވި ޓްވީޓުގައި ވިދާޅުވި އެވެ.

އެހެންވެ ދީފައިވާ މުއްދަތަށް ވުރެ ނުވަ ދުވަސް ފަހުން ރޭ އަދީބު ވަނީ މާފުށީ ޖަލަށް ބަދަލުކޮށްފަ އެވެ. އޭނާ ބަހައްޓާފައި ހުންނަނީ، އެކަށީގެންވާ ތަނެއްގައި ކަމަށް ކަރެކްޝަނަލް ސާވިސް އިން ބުންޏެވެ.

ހޯމް މިނިސްޓަރު ވިދާޅުވި ގޮތުގައި މި ސަރުކާރުން އެއްވެސް މީހެއްގެ އިންސާނީ ހައްގު ގާނޫނާ ހިލާފަށް ނުހިފައްޓާނެ އެވެ.

"ހަމަޖެހިފައިވާ އުސޫލުން ދައުލަތުން ފަރުވާގެ ކަންކަން ބަލަހައްޓާނެ،" އިމްރާންގެ ޓްވީޓުގައި ވެ އެވެ.

އިމްރާންގެ ޓްވީޓް

ހާލު ސީރިއަސްވެ އައިޖީއެމްއެޗްގެ އިމަޖެންސީގައި އަދީބަށް ފަރުވާ ދޭން ފެށީ ނޮވެމްބަރު 9، 2018ގަ އެވެ. އެއަށްފަހު އެ މަހުގެ 27 ވަނަ ދުވަހު ވަނީ އޭނާ ގޭ ބަންދަށް ބަދަލުކޮށްފަ އެވެ.

ޖަލަށް ބަދަލުކުރުމުން އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ރޭ ކުރެއްވި ޓްވީޓުގައި ވިދާޅުވީ އަދީބު ގޭ ބަންދަށް ބަދަލުކުރީ މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން ހައްޔަރުނުކޮށް، މުއްދަތު ހަމަވުމުގެ ކުރިން އަދީބު ގެންދިއުމަކީ ދެފުށް ފެންނަ ސަރުކާރުން ކުރި ވަރަށް ޒާތީ، ލާއިންސާނީ އަދި އަނިޔާވެރި އަމަލެއް ކަމަށް ވިދާޅުވި އެވެ.

ނަޝްވާގެ ޓްވީޓް

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އެމްއެމްޕީއާރުސީގެ 1.4 ބިލިއަން ރުފިޔާގެ ހިޔާނާތް ހިންގުމުގައި އިސްކޮށް ހުންނެވި އެއް ވެރިޔާ ކަމަށް ތުހުމަތުކުރެވޭ އަދީބު ގެޔަށް ބަދަލުކުރުމާ އެކު ވަނީ އޭނާ އިސްވެ ހުންނަވައި މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އުފައްދަވައިފަ އެވެ. އަދި އެ ޕާޓީގެ ރައީސަކަށް އޭނާ ވަނީ އައްޔަންކޮށްފަ އެވެ.

ނަމަވެސް އިލެކްޝަންސް ކޮމިޝަނުން އަންގާފައި ވަނީ، ޖަލު ހުކުމެއްގައި ހުންނެވި ބޭފުޅަކަށް ވާތީ، ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ނޫން އެހެން މަގާމެއް އަދާނުކުރެއްވޭނެ ކަމަށެވެ.

ހޯމް މިނިސްޓްރީގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، ގޭގައި ބަހައްޓަން ޑޮކްޓަރުން ދީފައިވާ މުއްދަތު ހަމަވުމުން، އަދީބު އަނބުރާ ޖަލަށް ގެންދާނެ ކަމަށެވެ.