މަންދު ކޮލެޖުން ކެރިއަ ގައިޑެންސް ޕްރޮގްރާމެއް ފަށަނީ

މަންދު ކޮލެޖުން ކެރިއަ ގައިޑެންސް ޕްރޮގްރާމެއް ހޮނިހިރު ދުވަހު ފަށަން ނިންމައިފި އެވެ.


ދަރުބާރުގޭގައި ބާއްވަން ހަމަޖައްސާފައިވާ މި ޕްރޮގްރާމަށް ކިޔަނީ "ދެން ކީއްކުރާނީ؟" އެވެ. އެ ދުވަހުގެ މެންދުރު 14:00 އިން ރޭގަނޑު 10:00 އަށް ކުރިއަށް ގެންދަން ރާވާފައިވާ މި ޕްރޮގްރާމު އަމާޒުކޮށްފައި ވަނީ އޯ ލެވެލް އަދި އޭ ލެވެލް ނިންމާފައިވާ ކުދިންނާއި އެ ކުދިންގެ ބެލެނިވެރިންނަށެވެ.

އެ ޕްރޮގްރާމަށް "ދެން ކީއްކުރާނީ؟" ކިޔަން ނިންމާފައި ވަނީ، ރާއްޖޭގައި ސާނަވީ އަދި މަތީ ސާނަވީ ފުރިހަމަކުރާ ކުދިން ކުރިއަށްދާނެ ދާއިރާއެއް ނޭނގޭކަން ފާހަގަކުރެވުމުން ކަމަށް މަންދު ކޮލެޖުން ބުންޏެވެ. މި ޕްރޮގްރާމުގައި އެ ފަދަ ކުދިން ކުރިއަށް ދެވެން ހުރި ތަފާތު ރޮނގުތައް ކިޔައިދީ، އެކަމާ މެދު މައުލޫމާތުދޭނެ އެވެ.

މަންދު ކޮލެޖުގެ ޗެއާމަން އިބްރާހިމް އިސްމާއިލް (އިބްރާ) ވިދާޅުވީ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައި ނުވާތީވެ، ކިޔަވާ ނިމޭ ކުދިންނަށް ކުރިއަށް ދެވެން ހުރި ފުރުސަތުތައް ނޭނގޭ ކަމަށެވެ. އަދި އެ ކުދިން ޝައުގުވެރިކަން ހުންނަ ރޮނގުތަކުން ކުރިއަށް ދެވޭނެ ގޮތް ވެސް ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ގިނަ ކުދިންނަކަށް ނޭނގޭ އެކުދިންނަށް ކުރި އަރައިގެން ދެވޭނެ ރޮނގުތަކެއް. ދެން ބަލާނީ ޓީޗިން ނުވަތަ ނަރުސްކަމުގެ ކޯހެއް ހަދަން،" އިބްރާ ވިދާޅުވި އެވެ.

އިބްރާ ވިދާޅުވީ ތައުލީމީ ދާއިރާ ކަހަލަ ބޮޑެތި ދާއިރާތަކާއި މެދު ވެސް މުހިއްމު މައުލޫމާތު ގިނަ ކުދިންނަށް ނޭނގޭ ކަމަށެވެ.

"ތައުލީމީ ދާއިރާގައި ވެސް ހިމެނޭނެ ޕޮލިސީ ހެދުމާއި، ކަރިކިއުލަމް ތަރައްގީކުރުން ކަހަލަ ކަންތައް ވެސް. އެކަހަލަ ކަންތަކެއް ވެސް ނޭނގޭ،" އޭނާ ވިދާޅުވި އެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދަން ރާވާފައިވާ ގޮތުން، މި ޕްރޮގްރާމުގެ ހަރަކާތްތައް ކުރިއަށްދާ އިރު ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި މި ޕްރޮގްރާމް ވަގުތުން ބެލޭނެ އެވެ.

އެކި ދާއިރާތަކުގެ މާހިރުންނާއި ތަޖުރިބާކާރުން ބައިވެރިވާ މި ޕްރޮގްރާމުގައި އެކި ދާއިރާތަކާ ގުޅޭ މައުލޫމާތު ދޭނެ އެވެ. އަދި މި ޕްރޮގްރާމުގައި ބައިވެރިވާ ކުދިންނަށް ސުވާލުކުރުމުގެ ފުރުސަތު ވެސް ދޭނެ އެވެ.

މި ޕްރޮގްރާމުގައި ރާއްޖޭގެ ވަޒީފާ އަދާ ކުރެވޭނެ ދާއިރާތަކާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ނިންމާފައިވެ އެވެ. އޭގެ ތެރޭގައި ތައުލީމީ ދާއިރާ، ސިއްހީ ދާއިރާ، ޓުއަރިޒަމް، ޕީއާރް އަދި މާކެޓިންގެ އިތުރުން ނޫސްވެރިކަމާއި ފޮޓޯގްރަފީ އަދި ހައުސިން އާއި ކޮންސްޓްރަކްޝަން ފަދަ ދާއިރާތައް ވެސް ހިމެނެ އެވެ.

އިބްރާ ވިދާޅުވި ގޮތުގައި މީގެ ކުރިން މި ފަދަ ޕްރޮގްރާމެއް ސްކޫލްތަކަށް އަމާޒުކޮށްގެން ހިންގުމަށް ސަރުކާރުން އެއްބަސްނުވާ ކަމަށެވެ.

"މިފަހަރު ސަރުކާރުން މި ކަމަށް ވަރަށް އެއްބާރުލާ، މި ސިޔާސަތަށް ގެނައި ބަދަލާ މެދު އަޅުގަނޑު ވަރަށް ހިތްހަމަޖެހޭ،" އޭނާ ވިދާޅުވި އެވެ.