ރާއްޖޭގެ މީޑިއާގައި އިއްޔެ އެންމެ ބޮޑަށް ހިނގި އެއް ވާހަކައަކީ ވަޒީފާ އަށް ދަމުން ޑޮކްޓޯރަލް ޑިގްރީ ޕްރޮގްރާމްތައް ފުލްޓައިމްކޮށް ކުރިއަށް ގެންދިއުމަކީ އެކަށީގެންވާ ކަމެއް ނޫން ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ބުނުމުންނެވެ.
އެ އިދާރާ އިން ގެޒެޓުކުރި ދެންނެވުމާ އެކު، އެ ވާހަކަ ގަބޫލު ނުކުރާ މީހުންގެ ފާޑުކިޔުން އަމާޒުވިއިރު، އެއްބަޔަކު ތާއީދުކުރި އެވެ. އޭގެ ތެރެއިން ރާއްޖޭގެ ތައުލީމީ ދާއިރާގައި އެންމެ ތަޖުރިބާކާރު އެއްފަރާތުގެ ގޮތުގައި މަޝްހޫރު އިބްރާހިމް އިސްމާއިލް (އިބްރާ) އޭނާ ތަޖުރިބާ ސޯޝަލް މީޑިއާ އަށް ދޫކޮށްލެއްވި އެވެ.
އެމްކިއުއޭގެ ނިންމުމަށް ތާއީދު ކުރައްވައި، މަންދު ކޮލެޖުގެ ޗެއާމަން އުމުރުން 61 އަހަރުގެ އިބްރާ އަންގަވައި ދެއްވަން ބޭނުންވީ މަތީ ތައުލީމަށް ކިޔެވުމުގެ އުނދަގޫ ކަމެވެ. ރާއްޖޭގައި މަތީ ތައުލީމަށް ކިޔެވުމަކީ ފަހަކަށް އައިސް ފަސޭހަ އަދި މާ އުނދަގުލެއް ނެތި ސެޓްފިކެޓުތައް އަތަށް އަރާ ކަމަކަށްވެ، ސުވާލު އުފެއްދުން އިތުރު ވެފައިވާތީ އިބްރާ ބޭނުންވީ އެއީ އެހާ ފަސޭހައިން ކުރެވޭނެ ކަމެއް ނޫން ކަން ދެއްކެވުމަށެވެ.
އިބްރާ މިހާރު ވެސް ގެންދަވަނީ ޕީއެެޗްޑީ އަށް ކިޔަވައި ވިދާޅުވުމުގެ ހުރަސްތަކުން ސަލާމަތް ނުވެގެންނެވެ.
އޭނާ ވިދާޅުވި ގޮތުގައި އޭނާ ޕީއެޗްޑީ އަށް ކިޔަވައި ވިދާޅުވާން ފައްޓަވައި، ތީސިސްގެ ދެ ޗެޕްޓަރެއް ލިޔުއްވައިފި އެވެ. އެކަމަކު މަސައްކަތްތަތަކުގެ ބުރަކަމާ ހެދި ވަނީ މިހާރު ވެސް ހުއްޓިފައި ކަަމަށް އޭނާ ވިދާޅުވި އެވެ.
"ސަބަބަކީ، އެކަމަށް ސިކުނޑި ހުސްކޮށްލެވޭނޭ ގޮތް ނުވެގެންނެވެ. ދިރިއުޅުމުގެ ހަރަދާއި ދަރީންގެ ކަންކަމާއި އެ ނޫން ވެސް ބޮޑެތި ކަންކަމާ ވިސްނާން ޖެހިފައި އޮތުމުން، އެކަމަށް ވިސްނާނޭ ވަރަށް ސިކުނޑި ސުލްހަ ނުވަނީ އެވެ. އެކަން ނިންމޭނީ، އެހެން ކަންކަމުން ދުރުވެ، އެކަމަށް ތަހްސީސްވެ ހުރެގެންނެވެ،" އިބްރާ އޭނާގެ ފޭސްބުކްގައި މިއަދު ތަޖުރިބާ ހިއްސާ ކުރައްވަމުން ވިދާޅުވި އެވެ.
އިބްރާ ވިދާޅުވީ، ޕީއެޗްޑީ ތީސިސްއެއް ނިންމައި ދޫކޮށްލާއިރު، އެ ދާއިރާގެ އެހެން އިލްމުވެރިންގެ ސުވާލުތަކާއި ފާޑުކިޔުން އެ ތީސިސް އަށް އަމާޒުވާނެ ކަމަަށެވެ. އެހެންވެ، ތީސިސްގެ އިލްމު، ދުނިޔޭގެ އެހެން އިލްމުވެރިންގެ ތެރޭގައި ދިފާއު ކުރެވޭނޭ ވަރަށް ބަލައި، ހޯދަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި މަތީ ތައުލީމުދޭ މަރުކަޒުތަކުން ހިންގާ ޑޮކްޓޯރަލް ޑިގްރީ ޕްރޮގްރާމްތަކުގެ މުއްދަތާއި ޕްރޮގްރާމް ޑެލިވާ ކުރާ ގޮތާ ގުޅޭގޮތުން ހާއްސަ އުސޫލަކަށް އަމަލުކުރަން އެމްކިއުއޭ އިން އިއްޔެ ވަނީ ނިންމައި އެ އުސޫލު އާންމުކޮށްފަ އެވެ.
ފުލްޓައިމް ވަޒީފާ އަދާކުރަމުން، އާއިލާއެއް ބަލަހައްޓަމުން، އަދި ފޭސްބުކްގައި މަޖާނަގަމުން، ކޮފީތަކަށް ގަވައިދުން "އަރަމުން" ހަފުތާ ބަންދާއި ޗުއްޓީ ދަތުރުތައް ކުރަމުން 3 އަހަރުން ޑިގްރީއެއް، އެއް އަހަރުން މާސްޓާސްއެއް ނިންމާނޭ ގޮތެއް އަހުރެންނަކަށް ނުވިސްނެ އެވެ،"--- އިބްރާ
އެ އުސޫލުގައިވާ ގޮތުން، ފުލް ޓައިމް މުއްދަތު ކަމަށް ބަލާނީ، އެމްއެންކިއުއެފްގައިވާ ގޮތަށް މަދުވެގެން ތިން އަހަރު ދުވަހުގެ މުއްދަތެވެ. ޕާޓް ޓައިމް މުއްދަތު ކަމަށް ބަލާނީ، މަދުވެގެން ފުލް ޓައިމް މުއްދަތުގެ ދެ ގުނަ މުއްދަތެވެ. ނުވަތަ އެ ޕްރޮގްރާމް ހިންގާ މަރުކަޒުން ކަނޑައަޅާ ޕާޓް ޓާއިމް މުއްދަތަކަށް ވާން ވާނީ، ފުލް ޓައިމް މުއްދަތުގެ ދެ ގުނަ މުއްދަތަށް ވުރެ މަދު ނޫން މުއްދަތެއް ކަމަށް އުސޫލުގައި ވެ އެވެ.
އިބްރާ ވިދާޅުވީ، އެމްކިއުއޭގެ އެ އުސޫލު ވަރަށް ރަނގަޅު ކަމަށާއި އޭނާގެ އުންމީދަކީ ޑިގްރީ އާއި މާސްޓާސްގެ ފުލްޓައިމް ކިޔެވުން ވެސް ވީހާ ވެސް އަވަހަކަށް އެ މިންގަނޑަށް ފެއްތުން ކަަމަށެވެ.
އެ ގޮތަށް ބޭނުންވާ ސަބަބެއް ކަމަށް އިބްރާ ވިދާޅުވީ، ރާއްޖޭގައި މިހާރު ދޫކުރާ ގިނަ ސަނަދުތަކުގެ ފެންވަރު އެކަށީގެން ނުވުން ކަމަށެވެ.
"ފުލްޓައިމް ވަޒީފާ އަދާކުރަމުން، އާއިލާއެއް ބަލަހައްޓަމުން، އަދި ފޭސްބުކްގައި މަޖާނަގަމުން، ކޮފީތަކަށް ގަވައިދުން "އަރަމުން" ހަފުތާ ބަންދާއި ޗުއްޓީ ދަތުރުތައް ކުރަމުން 3 އަހަރުން ޑިގްރީއެއް، އެއް އަހަރުން މާސްޓާސްއެއް ނިންމާނޭ ގޮތެއް އަހުރެންނަކަށް ނުވިސްނެ އެވެ،" އިބްރާ ވިދާޅުވި އެވެ.
ތަޖުރިބާގެ އަލީގައި އިބްރާ ވިދާޅުވި ގޮތުގައި، އޯލެވެލް އާއި އޭލެވެލް ނިންމަވައި، ޑިގްރީއެއް ފުރިހަމަ ކުރައްވަން އޭނާ ހަތަރު އަހަރު ނެންގެވި އެވެ. އިބްރާ އަށް ހަތަރު އަހަރުގެ މުއްދަތުގައި ޑިގްރީ ނަންގަވާފައި، މާސްޓާސް ފުރިހަމަ ކުރެއްވުނީ ދެ އަހަރުންނެވެ.
"އެ 6 އަހަރު، އެހެން އެއްވެސް ކަމެއް ކުރާނޭ ވަގުތެއް މަށަކަށް ނުވެ އެވެ. ރެއާ ދުވާލު އެކަމުގަ އެވެ. ގިނަ ވަގުތު އިންނަނީ ލައިބްރަރީގަ އެވެ. ކޮންމެ ސެމެސްޓަރެއް ނިމޭއިރު، މީހާ ހުންނަނީ ވަރުބަލިވެ، ހަފުސްވެފަ އެވެ. އިމްތިހާނުތައް ނިންމާފައި، ހަފުތާއެއް ވަންދެން ނިދަނީ އެވެ،" އެޑިއުކޭޝަން މިނިސްޓްރީގައި ގިނަ ދުވަސްތަކެއް ވަންދެން އިސް މަގާމުތައް ފުރުއްވި އިބްރާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެ ހުރިހާ ކިޔެވުމެއްގެ "ރިކަވަރީީ" އަށް ވެސް މަހެއްހާ ދުވަސް ނަގަ އެވެ.
ރާއްޖޭގެ މަތީ ތައުލީމުގެ ހާލަތު ވަރަށް ބޮޑަށް ރަނގަޅު ކުރަންޖެހޭ
އިބްރާ ވިދާޅުވީ، ފުލްޓައިމާއި ޕާޓް ޓައިމަށް ކިޔެވުމުގެ ހަމަތައް ރާއްޖޭގައި ވަރަށް ބޮޑުތަނުން ރަނގަޅު ކުރަން ޖެހޭ ކަމަށެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި، މަތީ ތައުލީމާ ގުޅޭ ގޮތުން ގިނަ ގައުމުތަކުގައި ގެންގުޅޭ އާންމު އުސޫލުތަކެއް ހުރެ އެވެ.
"އޭގެ ތެރޭގައި އާންމު މިންގަނޑަކަށް ބަލަނީ ޑިޕްލޮމާ (ލެވެލް 6) އިން ފެށިގެން މަތީގެ ސަނަދުތަކަށް ކިޔަވާ ދަރިވަރަކު ނަމަ ކިޔެވުމުގައި (މާނައީ ކްލާހަށް ހާޒިރުވުމާއި ފޮތް ކިޔުމާއި އެސައިންމަންޓްތައް ހެދުމާއި ކްލާސްތަކަށް ތައްޔާރުވުމާއި ކިޔަވާ އެއްޗަކާ މެދު ވިސްނާ ފިކުރު ކުރުމުގައި) މަދުވެގެން ހަފުތާއަކު 40-50 ގަޑިއިރު ހޭދަކޮށްގެން މެނުވީ އެ ލެވެލްގައި ހާސިލު ކުރާންޖެހޭ މިންވަރަށް ހާސިލު ނުކުރެވޭނެ ކަމަށެވެ،" އިބްރާ ވިދާޅުވި އެވެ.
ނަމަވެސް އޭނާ ވިދާޅުވީ ހާއްސަ ހާލަތްތަކެއް ހުންނަ ކަަމަށެވެ. އެކަމަކު އެއީ އާންމު ކަމެއް ނޫނެވެ.
އިބްރާގެ ޕޯސްޓުގައި ވަނީ ޕީއެޗްޑީ ހާސިލް ކުރުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ކަންކަން ވެސް ވިދާޅުވެ ދެއްވައިފަ އެވެ. އޭގެ ތެރޭގައި އަމިއްލަ ރިސާޗު ކުރުމާއި ތީސިސް ލިޔުމާއި ތީސިސްގެ ސުޕަވައިޒަރާ ބައްދަލުކޮށް، މަޝްވަރާ ކުރުން ހިމެނެ އެވެ.
ޕީއެޗްޑީ އަށް ކިޔަވާ މީހެއްގެ ގިނަ ވަގުތު ދުއްވާލަން ޖެހެނީ އިބްރާ ވިދާޅުވި ގޮތުގައި، ފޮތާއި ޖާނަލް އާޓިކަލް ކިޔުމާއި ޑޭޓާ އެއްކޮށް، ދިރާސާކޮށް، ވިސްނައި ފިކުރު ކުރުމުގަ އެވެ.
"ހަގީގަތުގައި، ޕީއެޗްޑީއެއް ހަދާ މީހަކު، ހޭލާ ހުންނަ ގިނަ ވަގުތުގައި ޝާމިލް ވެގެން ހުންނަން ޖެހެނީ އެކަމުގަ އެވެ. ނިންމާލެވޭނީ 3-4 އަހަރުންނެވެ،" އޭނާ ވިދާޅުވި އެވެ.
ޕީއެޗްޑީއާ ހަމައަށް ދެވުނު ކަމަށް ބަލަނީ އެ މީހަކު ކިޔަވާ ދާއިރާއެއްގައި އެހާތަނަށް ހޯދިފައިނެތް އައު ހޯދުމެއް، ތިއަރީއެއް ނުވަތަ މުޖުތަމައު ބަލައިގަންނަ މިންވަރަށް ސާބިތު ކޮށްދެވުމުން ކަމަށް ވާއިރު އެއީ އެއީ ފަސޭހަކަމެއް ނޫން ކަމަށް އިބްރާ ވިދާޅުވި އެވެ.
"... ބުރަކަމެކެވެ. ގިނަ ވަގުތުތަކެއް ހޭދަވާ، އެ މީހަކު އަވަދިކޮށްލާވަރުގެ ކަމެކެވެ،" އިބްރާ ވިދާޅުވި އެވެ.