ގެނބުނު ދެމަފިރީންގެ ހަށިގަނޑުު ފިލިޕީންސަށް ގެންދިއުމުގެ މަސައްކަތް ފަށައިފި

ކ. ދިއްފުށީގައި މިއަދު ގެނބިގެން މަރުވި ފިލިޕީންސް ދެމަފިރިންގެ ހަށިގަނޑު އެ ގައުމަށް އަނބުރާ ގެންދިއުމުގެ މަސައްކަތް ފަށައިފި އެވެ.


ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ މިއަދު މަރުވި 30 އަހަރުގެ އަންހެން މީހާ އާއި 29 އަހަރުގެ ފިރިހެން މީހާގެ ހަށިގަނޑު މެންދުރު މާލެ ގެނައި ކަމަށެވެ. އަދި މިހާރު އެ ދެމަފިރިންގެ ހަށިގަނޑު ފިލިޕީންސަށް ގެންދިއުމުގެ މަސައްކަތް ފަށައިފި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދިއްފުށީ "ކްރައުން ބީޗް" ގެސްޓްހައުސްގައި ޗުއްޓީ ހޭދަކުރަން އައިސް އުޅުނު މި ދެމަފިރިން މަރުވީ ދިއްފުށްޓާއި މީރުފެންފުށި ދެމެދުގައި އޮންނަ ފަޅަށް އެރި އުޅެނިކޮށެވެ. އެނގިފައިވާ ގޮތުގައި އެ ހިސާބުގަނޑަކީ ވަރަށް ތިލަކޮށް އޮވެފައި، ވިލު ފުން ސަރަހައްދެކެވެ.

އެ ރަށު ކައުންސިލަރު އިބްރާހިމް މުބައްސިރު ވިދާޅުވި ގޮތުގައި އެ ދެމަފިރިން ނެގީ، އެ މީހުން ގެނބުނު މަންޒަރު ދުށް ރަށު ރައްޔިތުންތަކެކެވެ. އެ މީހުންނަށް އެ ދެމަފިރިން ގެނބޭކަން ފާހަގަކުރެވުމުން، ސަލާމަތްކުރަން އުޅުނުކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެކަމުގެ މައުލޫމާތު އޭނާއަށް ލިބުމުން އެ ރަށު ސިއްހީ މަރުކަޒަށް ވަގުތުން އެނގިކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދިއްފުށީ ސިއްހީ މަރުކަޒުގެ ކޮމިއުނިޓީ ހެލްތް އޮފިސަރު މުހައްމަދު ވިޝާމް ވިދާޅުވީ އެ ދެމަފިރިން ހޮސްޕިޓަލަށް ގެންދިޔައީ ހެނދުނު 11 ޖަހަނިކޮށް ކަމަށެވެ. ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް ދެމަފިރިން މަރުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކައުންސިލްގެ ނައިބް ރައީސް އަޅުގަނޑުމެންނަށް ގުޅާފައި ބުނީ އެ ސަރަހައްދަށް ވަރަށް އަވަހަށް އެމްބިއުލާންސް ފޮނުވާށޭ. އެމްބިއުލާންސް އެ ހިސާބަށް ދިޔަ އިރު އެ ދެމަފިރިން މޫދުން ނަގަން ބަޔަކު މަސައްކަތްކުރަމުން ދިޔަ،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި އާއްމު އުސޫލެއްގެ ގޮތުން، ގެސްޓްހައުސްތަކަށް އަންނަ ޓުއަރިސްޓުން މޫދަށް އެރެނީ އެކަންޏެވެ. އެފަދަ ޓުއަރިސްޓުންނާއި އެކު ދިވެއްސަކު ދަނީ ސްނޯކްލިން ނުވަތަ ޑައިވް ކުރަން ދާ އިރު އެވެ.

މިއީ މިފަދަ ކަމެއް ދިއްފުށީގައި ހިނގި ފުރަތަމަ ފަހަރެވެ.